9 ޑިސެމްބަރ 2019 ( ހޯމަ )

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ޕެނަލް ޑިސްކަޝަން

ރާއްޖެ އިސްލާވި ދުވަހުގެ މުނާސަބަތުގައި ފާހަގަކުރަމުންއައި ދުވަސް

ދިވެހިރާއްޖެ އިސްލާމް ކުރެއްވި ބޭކަލަކާއިމެދު ތާރީޚުގައި ދެބަސްވެފައިވާ ފަދައިން އިސްލާމްވި ދުވަހާއި މެދުވެސް ތާރީޚުގެ އިތުރުން ވެރިކަން ކުރި ފަރާތްތަކުގެ ދެބަސްވުންތަކެއް ވެއެވެ. ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި މިހާރު ފާހަގަކުރަމުން މިދާ ރަބީއުލްއާޚިރާ މަހުގެ ދެވަނަ ދުވަސް ދެވަނަ ފަހަރަށް ފާހަގަކުރައްވަން ފެއްޓެވީ ރައީސް މައުމޫނުގެ ވެރިކަމުގެ މެދުތެރޭގައެވެ. ނަމަވެސް އެދުވަހަކީ އޭގެ ކުރިންވެސް ފާހަގަކުރަމުން އައިސްފައިވާ ދުވަހެކެވެ. އެދުވަސް ފާހަގަކުރެއްވުން ހުއްޓާލެއްވީ ރައީސް އިބްރާހިމް ނާސިރުގެ ބޮޑުވަޒީރުކަމުގައި 1958 ވަނަ އަހަރު ނޮވެމްބަރު މަހު 6 ވަނަ ދުވަހު ނެރެއްވި އިއުލާނަކާއި އެކުގައެވެ.

އެއިއުލާނުގައި ވާގޮތުން ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި އޭރު ފާހަގަކުރަމުންދިޔަ ރަބީއުލްއާޚިރާ މަހުގެ ދެވަނަ ދުވަހުގެ ބަދަލުގައި އެހެން ދުވަހެއް ހަމަޖެއްސެވީ ރާއްޖެ އިސްލާމް ކުރެއްވި ދުވަސް ކަނޑައެޅިގެން އެގެން ނެތުމުންނެވެ. އެއިއުލާނުގައި ވާގޮތުން ރާއްޖެ އިސްލާމްވި ދުވަހެއްގެ ބަދަލުގައި އެގެން އޮތީ ދިވެހިރާއްޖެ އިސްލާމްވީ ރަބީއުލް އާޚިރާ މަހުގައިކަމެވެ.

ރާއްޖެ އިސްލާމްވި ވަކިދުވަހެއް ކަނޑައެޅިގެން ނޭގޭ ކަމުގެ ސަބަބުން، ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އައި ރަބީއުލް އާޚިރާ މަހުގެ ދެވަނަ ދުވަހުގެ ބަދަލުގައި ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމިއްޔާތު އޭގެ ފަހުން އޮންނާނީ ރަބީއުލް އާޚިރާ މަހުގެ 10 ވަނަ ދުވަހުގެ ފަހުން އަންނަ ފުރަތަމަ ހުކުރު ދުވަހުގައި ކަން ވަޒީރުއް ދާޚިލިއްޔާއިން 23 ރަބީއުލް އާޚިރާ 1378 ވަނަ ދުވަހު މީލާދީން 6 ނޮވެމްބަރު 1958 ގައި ކުރެއްވި އިއުލާނުގައި ވެއެވެ.

އެއަށްފަހު އަނެއްކާވެސް ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ރަބީއުލް އާޚިރާ މަހުގެ ދެވަނަ ދުވަސް ފާހަގަކުރަން ފަށާފައިވަނީ އޭގެ 42 އަހަރު ފަހުން 2000 ވަނަ އަހަރު ޖޫން މަހު 27 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ރައީސް އޮފީހުން ނެރުއްވި ދެންނެވުމަކާއިއެކުގައެވެ.



ކިޔުންތެރިންގެ ޚިޔާލު