ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަމުން އައިގޮތް

hukuru miskiy
މާލޭގައި ހުރި ހުކުރު މިސްކިތް- ރާއްޖެ އިސްލާމްދީން އުނގަންނައިދިނުމުގެ މުހިންމު ތަނެއް. ފޮޓޯ: މިކަލް
Share on facebook
Share on twitter
Share on google

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ދިވެހިރާއްޖޭގެ ރަސްކަމުން ދިވެހިންގެ ދީނަކީ އިސްލާމްދީން ކަމުގައި ކަނޑައެޅި ދުވަހެވެ. އެދުވަސް ގުޅެނީ ދިވެހި މަޝްހޫރު ފުލޯކުވާހަކަ ކަމަށްވާ ރަންނަމާރި ވާހަކައާއިއެވެ. އެހިގި ކަމަކަށްފަހު ރަދުން އިސްލާމްވެވަޑައިގަތްކަމަށް ބުނެވެއެވެ. އެދުވަސް ފާހަގަ ކުރުމުގައި ދިވެހި ސަރުކާރުން ދެގޮތަކަށް އަމަލުކޮށްފައިވާތަން ތާރީޚުން ފެނެވެ.

ރާއްޖެ އިސްލާމްވިދުވަސް ދުވަސް ފާހަނގަ ކުރަން ފެށުނީ ރާއްޖޭ އިސްލާމްވި ކަމަށް ބުނާ ތާރީޚުން (540ހ.) ފެށިގެން 835 އަހަރު ދުވަސް ފަހުން (1374ހ.) ކަމަށް ތާރީޚު ތަކުން ދައްކައެވެ. އެދުވަސްވަރުގެ ލިޔުންތަކުގެ މަދުކަމާއި ބަލިކަށިކަމާއި އަދި އެހާ ގިނަ ދުވަސް ފަހުން މިދުވަސް (10 ވަރަކަށް ދަރިކޮޅު ފަހުން) ފާހަނގަ ކުރަން ފެށުމާއެކު މިތާރީޚުތައް އެހާ ސާފުސީދާ ނުވެދާނެއެވެ.

އެދުވަސްވަރަކީ އަރަބި ބަހުން ތައުލީމު ހާސިލުކުރުމަށް އިސްކަމެއް ދެވިގެން ދިޔަ ދުވަސްވަރަކަށް ވުމާއެކު ތާރީޚީ ކަންކަމުގައި ބޮޑަށް ބޭނުންކޮށްފައި ވަނީ ހިޖްރީ ތާރީޚެވެ. އެގޮތުން ރާއްޖެ އިސްލާމްވި ދުވަސް ފުރަތަމަ ފާހަނގަ ކޮށްފައި ވަނީ ހިޖްރީ ގޮތުން 1374ގެ ރަބިއުލް އާޚިރު މަހު 2 ވަނަ ދުވަހުއެވެ. އެއީ މިލާދީ ތާރީޚުން 28 ނޮވެމްބަރު 1954 އެވެ. އެ ދުވަސްވަރަކީ ދެ ޖުމްހޫރިއްޔާ ދެމެދުގެ ރަސްކަމުގެ ދުވަސްވަރެވެ. މުހައްމަދު ފަރީދުގެ ރަސްކަމުގެ ދުވަސްވަރެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ރަބީލްއާޚިރާމަހުގެ 2 ވަނަ ދުވަސް 4 އަހަރުވަންދެން ފާހަގަކުރިއެވެ. ނަމަވެސް އެއިގެ ފަހުން، 1378ހ.، އިބްރާހިމް ނާސިރުގެ ބޮޑުވަޒީރުކަމުގައި 1958 ވަނަ އަހަރު ނޮވެމްބަރު މަހު 6 ވަނަ ދުވަހު (1378ހ.) ނެރެއްވި އިއުލާނަކާއި އެކު ރާއްޖެ އިސްލާވި ދުވަހުގެ ގޮތުގަިއ ފާހަގަކުރަމުން އައިދުވަސް  ރަބިއުލް އާޚިރުމަހުގެ ދެވަނަ 10އިގެ ފުރަތަމަ ހުކުރު ދުވަހަށް ބަދަލުކުރެއްވިއެވެ.

އެއިއުލާނުގައި ވާގޮތުން ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި އޭރު ފާހަގަކުރަމުންދިޔަ ރަބީއުލްއާޚިރާ މަހުގެ ދެވަނަ ދުވަހުގެ ބަދަލުގައި އެހެން ދުވަހެއް ހަމަޖެއްސެވީ ރާއްޖެ އިސްލާމް ކުރެއްވި ދުވަސް ކަނޑައެޅިގެން އެގެން ނެތުމުންނެވެ. އެއިއުލާނުގައި ވާގޮތުން ރާއްޖެ އިސްލާމްވި ދުވަހެއްގެ ބަދަލުގައި އެގެން އޮތީ ދިވެހިރާއްޖެ އިސްލާމްވީ ރަބީއުލް އާޚިރާ މަހުގައިކަމެވެ. ރާއްޖެ އިސްލާމްވި ވަކިދުވަހެއް ކަނޑައެޅިގެން ނޭގޭ ކަމުގެ ސަބަބުން، ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އައި ރަބީއުލް އާޚިރާ މަހުގެ ދެވަނަ ދުވަހުގެ ބަދަލުގައި ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމިއްޔާތު އޭގެ ފަހުން އޮންނާނީ ރަބީއުލް އާޚިރާ މަހުގެ 10 ވަނަ ދުވަހުގެ ފަހުން އަންނަ ފުރަތަމަ ހުކުރު ދުވަހުގައި ކަން ވަޒީރުއް ދާޚިލިއްޔާއިން 23 ރަބީއުލް އާޚިރާ 1378 ވަނަ ދުވަހު މީލާދީން 6 ނޮވެމްބަރު 1958 ގައި ކުރެއްވި އިއުލާނުގައި ވެއެވެ.

ސާދަ އަހަރު މިދުވަސް ފާހަނގަ ކުރުމަށްފަހު ދެވަނަ ޖުމްހޫރިއްޔާގެތެރޭހައި މިދުވަސް ފާހަނގަ ކުރުން ހުއްޓާލެވުނެވެ. އެއަށްފަހު އަނެއްކާވެސް ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ރަބީއުލް އާޚިރާ މަހުގެ ދެވަނަ ދުވަސް ފާހަގަކުރަން ފަށާފައިވަނީ އޭގެ 42 އަހަރު ފަހުން 2000 ވަނަ އަހަރު ޖޫން މަހު 27 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ރައީސް އޮފީހުން ނެރުއްވި ދެންނެވުމަކާއިއެކުގައެވެ.

މިއިން ކޮންމެ ފަހަރަކުވެސް މިކަމަށް ގޮތް ކަނޑައަޅާފައި ވަނީ އެއިރެއްގައި އޮންނަ ތާރީޚީ ކޮމެޓީން ކަމަށް ތާރީޚު ފޮތްތަކުގައި ވެއެވެ. މިދުވަސް ފާހަނގަ ކުރުމުގެ ގޮތުން އެދުވަސްވަރު ދިވެހިން ކުޅަ ޚާއްސަ ކަމަކީ އެއީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ހަމަޖެއްސުމާއި ހުކުރު މިސްކިތުގައި މާލޫދު ކިޔުމެވެ.

މިހާރު މިދުވަސް ފާހަނގަ ކުރުމަށް ކުރެވެނީ ކޮން ކަމެއްބާއެވެ؟

އެޑިޓަރުގެ ނޯޓް: މިލިއުމަކީ 12-01-2016 ވަނަ ދުވަހު މިކަލް ނޫހުގައި ޝާއިއުކޮށްފައިވާ ލިއުމަކާއި 01-12-2019 ގައި މިކަލް ނޫހުގައި ޝާއިއުކޮށްފައިވާ ލިއުމެއް އަސްލަކަށް ބަލައިގެން އެޑިޓްކުރެވިފައިވާ ލިއުމެކެވެ.

5.0/5.0 Article rating
1 Review
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments