20 އޯގަސްޓް 2019 ( އަންގާރަ )

ފްރެންޑްސް ކްލަބު ކަޓުވާލުމަށްފަހު ހޯދަޑު ކްއާޓާ ފައިނަލަށް

އެޗްއެސްސީ “ވަގުތު” ފުޓްސަލް ޗެލެންޖްގެ ގްރޫޕް ބީގައި ރޭ ކުޅެވުނު ފޯރިގަދަ މެޗު 6-2 ގެ ތަފާތު ބޮޑު ނަތީޖާއިން ފުރެންޑްސް ކްލަބު ބަލިކޮށް ހޯދަޑު ސްޕޯޓްސް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. މިދިޔަ އަހަރު ކުއާޓާ ފައިނަލަށް ދަތުރުކުރި މިދެޓީމު ރޭގެ މެޗަށް ނިކުތީވެސް މޮޅަކަށް ބަލައިގެނެވެ. ފައިދާ ގޯލުން ހޯދަޑު ޓީމަށް ކުރި ލިބޭތީވެ ރޭގެ މެޗު އެއްވަރުކޮށްލައިގެން ހަމަޖައްސާލެވެން އޮތް ނަމަވެސް ހޯދަޑު ޓީމުން ރޭގެ މެޗުގައި އެޓޭކަށް ނިކުމެ ފުރަތަމަ ގޯލުވެސް ކާމިޔާބުކުރިއެވެ.

އައްޑޫ ސިޓީގެ ހިތަދޫ ގައި ކުރިއަށް ދިޔަ މިމެޗު ފެށިގެން ރަނގަޅަށް ކުޅެމުންދިޔަ ހޯދަޑު ޓީމުން މެޗުގެ ކުރީކޮޅުގައި ލަނޑެއްޖަހާ ލީޑު ނެގިއެވެ. މިމެޗުގެ ފުރަތަމަ ލަޑު ކާމިޔާބުކޮށްދިނީ ކުރީ މެޗުގައި ދެލަޑު ކާމިޔާބުކުރި އަހުމަދު ސިނާހެވެ. ސިނާހްގެ ގޯލާއެކު ހޯދަޑުން ހަމަޖެހިލައިގެން ކުޅުނު އިރު، އެޓީމުން މާ ގިނައިރެއް ނުވެ، ދެވަނަ ގޯލެއްވެސް ޖަހާ، މެޗުގައި ދެ ގޯލްގެ ލީޑެއް ނެގިއެވެ. މި ލަޑު ކާމިޔާބުކޮށްދިނީ މުހައްމަދު ރިފުޝާނެވެ. ފްރެންޑްސްގެ ދެ ކުޅުންތެރިން ނައްޓާލުމަށްފަހު ރިފްޝާން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ކަނަށެވެ.

ހޯދަޑު ޓީމުން ދެ ގޯލްގެ ލީޑެއްގައި ވަނިކޮށް ފްރެންޑްސްއަށް ހިތްވަރު އާކޮށްދިނީ ފްރެންޑްގެ ކެޕްޓަން ހަސަން އައްސަދެވެ. އަސަދުގެ މިގޯލާއިއެކު ހަމަޖެހި ނުގަނެވި އުޅެނިކޮށް ހޯދަޑު ޓީމުގެ ތޯހާ ގޯލެއްޖަހާ ފްރެންޑްސް ކްލަބު މާޔޫސްކޮށްލިއެވެ. ތޯހާ މި ގޯލު ކާމިޔާބު ކޮށްފައިވަނީ ހިލޭ ޖެހުމަކުންނެވެ.

ދެވަނަ ހާފް ފެށިގެން މާގިނަ އިރެއްނުވެ ހޯދަޑު ޓީމުގެ ސިނާހް އަނެއްކާވެސް ގޯލެއް ކާމިޔާބުކޮށް ތަފާތު ބޮޑުކުރިއެވެ. މާޔޫސްވެފައިވާ ފްރެންޑްސް ކްލަބަށް ހިތްވަރާއިއެކު މަސައްކަތްކޮށް އެޓީމުގެ އަހުމަދު ޒައުލް ގޯލެއް ކާމިޔާބުކުރިއެވެ. ޒައުލްގެ ގޯލާއިއެކު ހަމަޖެހިނުގަނެވެނީސް އަނެއްކާވެސް ހޯދަޑު ޓީމުގެ ތޯހާ ގޯލެއް ކާމިޔާބުކޮށް ހޯދަޑު ޓީމުގެ އުއްމީދު އާކޮށްދިނެވެ. ހޯދަޑު ޓީމުގެ ފަހު ގޯލުކާމިޔާބުކޮށްދީ މިމެޗުގެ ހެޓްރިކެއް ފުރިހަމަކުރި ތޯހާއެވެ. މިލަޑުވެސް ތޯހާ ކާމިޔާބުކޮށްފައިވަނީ ހިލޭ ޖެހުމަކުންނެވެ.

މިރޭގެ ނަތީޖާއާއެކު މިގްރޫޕުއިން  ރީތި ރަށާއި، ހޯދަޑު ސްޕޯޓްސް ކުއާޓާ ފައިނަލްގެ ޖާގަ ޔަގީން ކޮށްފައިވާއިރު، ފްރެންޑްސް ކްލަބާއި ޑީސީ ސްޕޯޓްސް ވަނީ ކަޓާފައެވެ.



ކިޔުންތެރިންގެ ޚިޔާލު