މިއަހަރުގެ ފީފާ މޮޅު ކުޅުންތެރިޔާގެ އެވޯޑް ރިއަލް މެޑްރިޑްގެ ކްރިސްޓިއާނާ ރޮނަލްޑޯއަށް ލިބޭނެ ކަމަށް ރިޕޯރޓް ތަކުން ބުނާއިރު ބޯލަން ޑިއޯރ އެވޯޑް ލިބޭނެކަމަށް ވަނީ ކުރިން ހީކުރި ގޮތާއި ޚިލާފަށް ބާސެލޯނާގެ ލިއޮނެލް މެސީއަށެވެ. އަހަރުގެ ފުރަތަމަ ކޮޅުގައި ކްރިސްޓިއާނާ ރޮނަލްޑޯގެ މޮޅު ކުޅުން ފެނިގެން ދިޔަ ނަމަވެސް ޔޫރޯ މުބާރާތަށް ފަހު ރޮނަލްޑޯގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައި ނުވާކަމަށް ބައެއް ރިޕޯރޓްތައް ބުނެއެވެ. ނަމަވެސް އަހަރުގެ ފަހު ބައިގައި މެސީ މޮޅަށް ކުޅުނު ކަމަށް މީޑިއާ ރިޕޯރޓްތަކުގައި ފާހަނގަކޮށްފައި ވެއެވެ.
ސްޕޭނުގެ ކެޓަލަން ދުވަހު ނޫހެއް ކަމަށްވާ “ޑައިރިއޯ ގޯލް”އިން ހާމަކުރާ ގޮތުގައި މެސީ ވަނީ ރޮނަލްޑޯ ފަހަތަށް ޖައްސާލުމަށް ފަހު މިފަހަރުގެ ބޯލަންޑިއޯ އެވޯޑް ކާމިޔާބުކޮށްފައެވެ. ނަތީޖާތައް އަދި މުޅިން ހާމަނުކުރި ކަމުގައި ވިޔަސް މިފަހަރުގެ ބޯލަން ޑިއޯރ އެވޯޑް ލިބޭނެ ފަރާތަކީ މެސީ ކަން ކަށަވަރު ވެފައިވާ ކަމަށް އެރިޕޯރޓުގައި ބުނެއެވެ.
ނަމަވެސް ކުރިން ބެލެވިފައި ވަނީ މިފަހަރުގެ ބޯލަންޑިއޯ އެވޯޑް ކާމިޔާބުކުރާނީ ރޮނަލްޑޯ ކަމަށެވެ. އެހެނީ ރޮނަލްޑޯ އާއެކު ޕޯޗްގީޒުން ވަނީ ޔޫރޯ ކާމިޔާބުކޮށްފައެވެ. އަދި ރިއަލް މެޑްރިޑުން ވަނީ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ. މެސީގެ ބާސެލޯނާއަށް ބައިނަލް އަގުވާމީ ތައްޓެއް ނުހޯދުނުއިރު ގައުމީ ޓީމު އާޖެންޓީނާއަށް ވެސް ކޮޕާޑެލްރޭ ކާމިޔާބު ކޮށެއް ނުދެވުނެވެ.
ރޮނަލްޑޯގެ ކާމިޔާބީ ގުޅިފައި ވަނީ އޭނާގެ ޓީމުން ކާމިޔާބުކުރި ބޮޑު ދެތައްޓާއެވެ. މެސީގެ ޓީމަށް ތަށި ހާސިލު ނުކުރެވުނު ކަމުގައި ވިޔަސް ވަކިވަކި ކުޅުންތެރިންގެ ކުޅުމަށް ބަލާއިރު މެސީ ވަނީ މޮޅު ކުޅުމެއް ކުޅެފައެވެ.
1991ގައި ދޭން ފެށި ފީފާ މޮޅު ކުޅުންތެރިޔާގެ އެވޯޑް 2009ގައި ބޯލަން ޑިއޯރ އެވޯޑާއި އެއްކޮށްލައިގެން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑްގެ ގޮތުގައި މިއަހަރާއި ހަމަޔަށް ދެމުން އައިސްފައި ވެއެވެ. ނަމަވެސް މި އަހަރުން ފެށިގެން އަނެއްކާ ވެސް މި ވަނީ ދެބައި ވަކިވެ ދެ އެވޯޑަކަށް ވެފައެވެ.
ބޯލަން ޑިއޯރ އެވޯޑަކީ ފްރާންސުގެ ކުޅިވަރު މަޖައްލާތަކުން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ އެވޯޑެކެވެ. މިއެވޯޑް ލިބެނީ ދުނިޔޭގެ އެކިއެކި ކުޅިވަރު ކަބަރުތައް ދިރާސާކުރާ ނޫސްވެރިން ދޭ ވޯޓުންނެވެ.
ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދެނީ ގައުމީ ޓީމުތަކުގެ ކޯޗުންނާއި ކެޕްޓަނުން އަދި ކުޅިބަލާ މީހުންގެ ވޯޓުން ނެވެ.
ވީމާ މި ދެ އެވޯޑުން ކުރެ ބޮޑަށް ޝަރަފުވެރި އެވޯޑަކީ ކޮބައިބާވައެވެ؟
ޚިޔާލުތައް