ފުވައްމުލަކުގައި ގާއިމުކުރެވިފައިވާ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލައަށް އަވަސް ހައްލެއް ގެެސް ދެއްވުމަށް ރައީސުލް ޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމް ކަމާއި ގުޅޭ އިަސްފަރާތްކުން އެދިލައްވައިފިއެވެ. އަދި މިކަމުަގއި ރައްޔިތުންގެ ޝަކުވާތައް އަޑުއަައި ދުވަހުން ދުވަހަށް އެކަންތައް ނިންމަވައިދެއްވުމަށް ވެސް ނާއިބު ރައީސް ފައިސަލް އެދިލެއްވިއެވެ.
ކޮވިޑް-19ގެ ބަންދު ހާލަތާއިހެދި އޮންލައިކޮށް ބޭއްވި ބައްދަލުވުމެއްގައި ނާއިބް ރައީސް ފައިސަލް ވަނީ އެކަމާއި ގުޅޭގޮތުން ރައްޔިތުން މަޖިލީހުގެ ފުވައްމުލަކުގެ 3 މެމެބަރުން ކަމަށްވާ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ) އާއީ މެދުދާއިރާގެ މެމްބަރު ހުސޭން މުހައްމަދު (ހުސޭން) އާއި ދެކުނު ދާއިރާގެ މެމެބަރު މުހައްމަދު މުމްތާޒު (މުމްތާޒު) ހިމެނޭ ގޮތުން ފެނަކަ-ފުވައްމުލައް އަދި ފުވައްމުލަކު ސިޓީ ކައުންސިލާއި އެކު މަޝްވަރާ ކުރައްވާފައި ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ޙާމަކުރައްވައެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އިއްޔެ ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ނާއިބް ރައީސްވަނީ ފުވައްމުލަކުގެ ނަރުދަމާ ނިޒާމް އަށް ދިމާވެފައިވާ މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކޮށް ދެއްވުމަށް އެދިލައްވާފައެވެ. އަދި މިކަމުގައި ރައްޔިތުންނަށް ދިމާވާދަތިތައް ހައްލުކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް ކަމާއި ގުޅޭ މުއްސަސާތަކުގައި އެދިވަޑައިގެންފައެވެ.
ނަރުދަމާ ނިޒާމާއި ގުޅޭ ގޮތުން ރައްޔިތުން ކުރާ ޝަކުވާތަކަށް ސަމާލުވެ، އެމައްސަލަތައް ދުވަހުން ދުވަހަށް ނިންމަވައި ދިނުމަށްވެސް ނާއިބް ރައީސް އެދިވަޑައިގެންފައި ވެއެވެ.
ފުވައްމުލަކުގެ ނަރުދަމާ މައްސަލަ ހައްލުކުރުމަށް ގިނަ މެޝިނަރީޒް ތައް މިހާރު ފުވައްމުލަކަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ފެނަކަ-ފުވައްމުލައް އިން ފާހަގަކުރައްވާފައި ވެއެވެ. މީގެ އިތުރުން ގެތަކުގައި ބަހައްޓާފައިހުރި ކެޗްޕިޓްތައް ބަދަލުކުރުމުން މިހާރު ދިމާވާ ގިނަ މައްސަލަތައް ހައްލުކުރެވިގެން ދާނެކަމަށެވެ.
މިކަލް ނޫހާއި ވާހަކަ ދެއްކި ފެނަކައިގެ ފަރާތުން ފުވައްމުލަކުގެ ޖަންކްޝަންތައް ހިއްކުމުގެ މަސައްކަތް ކުރާ ފަރާތަކުން ބުނެފައިވާ ގޮތުގައި ގެތަކަށް ގުޅާފައިވާ ކެޗްޕިޓްތައް ބަދަލުކުރިއަސް މުލި މައްސަލަ ހައްލު ނުވާނެ ކަމަށެވެ. އަދި މައި ހޮޅި ސިސްޓަމުގައި ހުރި ލީކްތައް ބައްދަން ޖެހޭ ތަންތަން ވެސް ގިނަ ކަމަށެވެ.
އަދި އޮންލާއިން މީޑިއާތަކުގައި ފުވައްމުލަކުގެ ބައެއް މީހުން ބުނެފައިވާ ގޮތުގައި ފުވައްމުލަކުގެ ނަރުދަމާ ނިޒާމާއި ޑެރެއިނޭޖް ސިސްޓަމް އެއްވެފައިވުމުން ފުވައްމުލަކަށް ވެފޭ ހުރިހާ ފެނެއް ނަރުދަމާ ނިޒާމުގެ ތެރެއިން ދެމިގެން ދާންޖެހުމުން ވެކިއުމް ސިސްޓަމް ތަކަށް އޮބިނޯންނާނެ ކަމަށާއި މިދެސިސްޓަމް ވަކި ކުރެވިގެން ނޫނީ ދާއިމި ހައލެއް ނުލިބޭނެކަމަށެވެ.
ޚިޔާލުތައް