ކޮވިޑް-19 ގެ ސަބަބުން މާލޭ ސަރަހައްދުގައި ބަންދުވެފައިވާ ފަރާތްތައް ރަށްރަށަށް ފޮނުވުމުގެ އުސޫލަށް އަލަށް ގެނައި ބަދަލާއެކު މިއަދު ފުވައްމުލަކުގެ 50 މީހުން ރަށަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް ކޮވިޑް-19 ނިއުސް ކޮންފަރެންސްގައި ރޭ ހާމަކޮށްފިއެވެ.
އެގޮތުން މިއަދުގެ ވަގުތެއްގައި އެ 50 މީހުން ގެ ޓެސްޓް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މިކަލް ނޫހަށް އެނގިފައިވާ ގޮތުގައި އެމީހުން ޓެސްޓް ހެދުމަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މާލޭ ސޯޝަލް ސެންޓަރަށެވެ. މިމީހުން ރަށަށް ފޮނުވަނީ ދައުލަތުގެ ޚަރަދުގައެވެ.
އެމީހުން ކަރަންޓީނު ކުރާނެ ގެތައް ސިޓީ ކައުންސިލާއި އެލްޖީއޭ އާއި ގުޅިގެން އެފަރާތަކުން ހަމަޖައސަން ޖެހެއެވެ. އަދި މިހާރު އެކަންތައް ކުރިޔަށްދާކަމަށް ރޭގެ މީޑިއާ ކޮންފަރެންސްގައި ހާމަކޮށްފައި ވެއެވެ.
ރަށު ކަރަންޓީނަށް މީހުން ފޮނުވުމުގެ އުސޫލުގައި ވާގޮތުން އެމީހުން ކަނޑައެޅޭ ގެއްގައި 24 ދުވަހު ހޯމް ކަރަންޓީން ވާން ޖެހެއެވެ. ކުރިން 14 ދުވަހަށް ކަރަންޓިން ކުރީ ޕީސީއާރު ޓެސްޓް ހަދަން ހަމަޖެހިފައި އޮތް ދުވަސްވަރުގައެވެ.
އެންޓިބޮޑީސް ޓެސްޓަކީ ކުރިން ބަލިޖެހިފައި ވޭތޯ ނުވަތަ ބަލި ހުރިތޯ ބަލާން ހަދާ ޓެސްޓެކެވެ. 24 ދުވަހަށް ކަރަންޓިނު ކުރަން ހަމަޖެއްސީ އެންޓިބޮޑީ ޓެސްޓް ހަދަން ބޭނުންވާ އެންޓިބޮޑީސް ހަށިގަނޑުގައި އުފެދެނީ ބަލި ފެތުރުން ހުއްޓޭތާ 10 ވަރަކަށް ދުވަހުން ކަމަށްވާތީ ކަމަށެވެ.
ކަރަންޓިނުގެ މުއްދަތު އިތުރު ވުމަކީ ކަރަންޓީނަށް އަންނަ ފަރާތްތަކަށް ދިމާވާ އިތުރު ދައްޗެކެވެ. ކަރަންޓީނު ކުރެވޭ ގޭގައި ވަކި ޝަރުތުތަކެއް ހުންނަން ޖެހޭ އިރު އެ 24 ދުވަހު ކަރަންޓީނު ކުރެވޭ ގެއިން އެއްވެސް މީހަކަށް ބޭރަކަށް ނުދެވެއެވެ.
ޚިޔާލުތައް