މި ޑިސެމްބަރު މަހު 1 ވަނަ ދުވަހު ބޭއްވުނު ގެމްބިއާގެ ރިޔާސީ އިންތިޚާބުން ބަލިވި މިހާރުގެ ރައީސް ޔަހުޔާ ޖަމްމާ ވެރިކަން ދޫނުކުރައްވާނެ ކަން ހާމަކުރައްވައިފިއެވެ. ބާވީސް އަހަރު ވެރިކަން ކުރެއްވި ރައީސް މިފަހަރުގެ އިންތިޚާބުން ބަލިވިކަމަށް ގަބޫލު ކުރައްވާކަމަށް ކުރިން ޓީވީ މެދުވެރިކޮށް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް އެއިގެ ހަފުތާއެއް ފަހުން، އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށާއި އަލުން ވޯޓުލުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ. އަދި އެއާއެކު ސިފައިންގެ ފައުޖުތަކުން ވަނީ ވެރިރަށް ބަންޖުލްގައި ހުންނަ މިނިވަން އިލެކްޝަން ކޮމިޝަނަރުގެ އޮފީހަށް ވަދެ ޗެއަރމަން އޮފީނުން ނެރެފައެވެ. އަދި އެއްވެސް މުވައްޒިފަކަށް އޮފީހަށް ނުވަދެވޭ ގޮތަށް އޮފީސް ވަނީ ބަންދުކޮށްފައެވެ.
ރައީސް ޔަހުޔާގެ މިއަމަލަށް ހުޅަނގު އެފްރިކާގެ ގައުމުތަކުންނާއި ޔޫރަޕުގެ ގައުމުތަކުން އަންނަނީ ދެކޮޅުހަދައި ފިއްތުންތައް ކުރިމަތިކުރުވާ އިންޒާރުތައް ދެމުންނެވެ. ނަމަވެސް ރައީސް ޔަހުޔާ ތަކުރާރު ކުރައްވަނީ ކިތަންމެ ފިއްތުންތަކެއް ކުރި ކަމުގައި ވިޔަސް ވެރިކަން ހާވާލު ނުކުރައްވާނޭ ކަމަށެވެ. އަދި ވެރިކަން ދޫނުކުރައްވާނޭ ކަން އިއްޔެ، އަންގާރަ ދުވަހު، ޓީވީ މެދުވެރިކޮށް ގައުމުގެ ރައްޔިތުންނަށް އޭނާ ވަނީ އަންގަވާފައެވެ.
ރައީސް ޔަހުޔާގެ މި ނިންމުން އައީ ހޯމަ ދުވަހު، އަލަށް ހޮވުނު ރައީސް، އަޑެމާ ބަރޯ، ޖެނުއަރީ 18 ގައި ވެރިކާމާއި ހަވާލުވާން ތައްޔާރަށް ހުރިކަމަށާއި އެހިސާބުން ޔަހުޔާގެ ވެރިން ނިމުމަކަށް އަންނާނެކަން ހާމަކުރުމާއެކު ގައެވެ.
“އަހަރެން މީ ފިނޑިއެއް ނޫން. އަހަރެންގެ ހައްގުތަކަށް އެހެން ބަޔަކަށް އަރައެއް ނުގަނެވޭނެ. އަދި އަހަރެންގެ ހައްގުުތައް ނިގުޅެއް ވެސް ނުގަނެވޭނެ. އެއްވެސް މީހަކަށް އަހަރެން ދަށްކޮށްލައި، އަހަރެންގެ މައްޗަށް ކާމިޔާބެއް ވެސް ނުހޯދޭނެ – ﷲ ފިޔަފައި” ޔަހުޔާ ޖަމްމާ ހާމަކުރިއެވެ.
ވެސްޓް އެފްރިކާގެ ސަރހައްދީ ޖާމާއަތް، އެކޯވޯސް، އަކަށް ވެސް ގެންބިއާގެ ކަންކަން އޮޅުން ބޮޅުން ކޮށެއް ނުލެވޭނެ ކަމަށް ޔަހުޔާ ބުންޏެވެ. ގެންބިއާގެ ސިޔާސީ މައްސަލަ އަމާންކަމާއި ސުލްހަވެރިކަމާއެކު ހައްލު ކުރާނީ ގެމްބިއާގެ އެތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭނާ ވެރިކަމުގައި ދެމިހުންނާނޭ ކަމަށާއި އިންތިޚާބުގެ ނަތީޖާއަށް ޗެލެންޖުކޮށް ކާމިޔާބު ހޯދާނެކަމަށް ވެސް ވިދާޅުވިއެވެ.
އަލަށް ވެރިމަށް ހޮވުނު އިދިކޮޅު ކޯލިޝަންގެ އޮފިޝަލަކު އިއްޔެ ވިދާޅުވީ އެމީހުން ޔަހުޔާއަށް އިޙުތިރާމު ކުރާނެ ކަމަށާއި އެނާއަށް މަރުގެ އަދަބެއް ނުދޭނެ ކަމަށާއި، އެއްވެސް ނުރައްކަލެއް އޭނާއަށް ކުރިމަތިވިޔަނުދޭނެ ކަމަށެވެ. އަދި އަލްށް ހޮވުނު އައިސް ބަރޯ ވިދާޅުވެފައި ވަނީ ޔަހުޔާއަށް ހައްގު، ކުރީގެ ރައީސެއްގެ މަގާމު ގައުމުން ލިބިގެން ދާނެކަމުގެ ޔަގީންކަން ދޭކަމަށެވެ. އަދި ވެރިކަން ހިންގުމުގައި ޔަހުޔާގެ ލަފާ ހޯދާނެ ކަމަށް ވެސް ހާމަކުރެއްވިއެވެ.
ގެމްބިއާގައި ބާރުގަދަ ނުފޫޒެއް އޮންނަ ފްރާންސްގެ ރައީސް ފްރެންކޮއިސް ހޮލެންޑޭ އިންޒާރު ކުރެއްވީ އަލަށް އިންތިޚާބުވި އެޑަމާ ބަރޯ އާއި ވެރިކަން ހަވާލުކުރަން ޖެހޭނެ ކަމަށާއި، ޑިސެމްބަރު 1 ގެ އިންތިޚާބީ ނަތީޖާއަކީ ސައްހަ ނަތީޖާ ކަމަށާއި އެކަން ބަދަލު ނުކުރެވޭނޭ ކަމަށެވެ.
ވެސްޓް އެފްރިކާގެ ސަރަހައްދީ ޖަމްއިއްޔާއިން ވެސް އިންޒާރު ކުރަމުން ދަނީ މިހާރުގެ ނަތީޖާއާ އެއްގޮތަށް، ޔަހުޔާގެ ވެރިކަމުގެ މުއްދަތު ހަމަވުމުން، ފައިބާފައި އަލަށް ހޮވުނު އެޑަމާ ބަރޯ އާއި ވެރިކަން ހަވާލުކުރުމުގެ ކަންތައްތައް ކުރުމަށެވެ. އަދި އެކަމަށް ކުރަން ޖެހޭ އެންމެހާ ކަންތައްތަކެއް އެޖަމާއަތުން ކުރާނެކަމަށް މިދިޔަ ހަފުތާގައި ވަނީ ހާމަކޮށްފައެވެ. ނަމަވެސް ކުރާނެ ވަކި ކަންތައްތަކެއް ހާމަކޮށްފައެއް ނުވެއެވެ.
އުމުރުން 29 އަހަރުގައި، މިލިޓަރީ އޮފިސަރެއްގެ ގޮތުގައި ހުރެފައި، ޔަހުޔާ ޖަމްމާ ވެރިކަމަށް އައީ ބަޣާވާތަކުން ކުރީގެ ވެރިަކން ވައްޓާލައިގެންނެވެ. އަދި އެއިގެ ފަހުން ބޭއްވި ހަތަރު އިންތިޚާބު ވެސް އޭނާ ކާމިޔާބުކުރައްވާ ވެރިކަން 22 އަހަރަށް ދިގުދެމިގެން ގޮސްފައި ވެއެވެ.
މިއީ މިއަދު ދުނިޔެ ދައްކާ ހަގީގަތެވެ. ވެރިކަމަށް ކޮންމެ ގޮތަކުން އާދެވުނު ކަމުގައި ވިޔަސް އެވެރިކަން ދޫކޮށްލާން ބޭނުން ނުވާތަން އޭޝިއާ އެފްރިކާއިން އަންނަނީ އާއްމުކޮށް ފެންނަމުންނެވެ.
މިގައުމުގެ ވެރިކަމާއި މިހާދިސާއާއި އެއްވެސް ގޮތަކުން ގުޅުމެއް ވާކަމަށް ދެކެމުހެއްޔެވެ؟ އަދި އެއި ކޮންގޮތަކުން ކިހިނެތް ހެއްޔެވެ؟
ސޯސް؛ އަލް ޖަޒީރަ



ޚިޔާލުތައް