ރާއްޖެ އިސްލާމި ދުވަސް ފާހަގަ ކުރުމުގެ ނަމުގައި ހިންގާ މުންކަރާތްތަކާއި ބިދުއަތައް ހުއްޓާލުމަށް ޖަމިއްޔަތުއް ސަލަފުގެ ނާއިބު ރައީސް ޝެއިޚް ހަސަން މޫސާ ފިކުރީ ގޮވާލައްވައިފިއެވެ. ޝެއިޚް ފިކުރީ މިފަދައިން ގޮވާލެއްވީ ރާއްޖެ އިސްލާމްވި ކަމަށް ބުނާ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ނިންމަވާ އެކަން އިއުލާން ކުރުމާއި ގުޅިގެނެވެ.
މިދުވަހާއި ގުޅިގެން މިއަދުން ފެށިގެން މެދު ޒިޔާރަތް ހަފްތާއެއްގެ މުއްދަތަށް ކޮންމެ ދުވަހަކު ހަވީރު 16:00 އިން 18:00 އަށް ހުޅުވާލާނެކަން ސަރުކާރުން އިއުލާން ކުރިއެވެ. މިއަހަރު ރާއްޖެ އިސްލާމްވި ދުވަސް ކަމަށް ބުނާ ދުވަސް ފާހަގަކުރުމަށް ނިންމާފައިވަނީ އިސްލާމިކް މިނިސްޓްރީ، ހޯމް މިނިސްޓްރީ، ގައުމީ ދިފާއީ ބާރުގެ، އިތުރުން ދިވެހި ބަހުގެ އެކަޑަމީ ގުޅިގެނެވެ.
ޝެއިޚް ފިކުރީ ވިދާޅުވަނީ މެދުޒިޔާރަތަކީ މާތްތަނެއް ނޫންކަމަށާއި އަދި އެތަން ބަލަން ދިއުމަކީ ބިދުއައެއް އުފަން ކުރަން ފެށުން ކަމަށެވެ. އަވައްޓެރި ގައުމުތަކުގައި (ސްރީލަންކާ އާއި އިންޑިއާ) ގައި މިސްކިތްތަކުގައި ގަބުރު ވަޅުލައި ޒިޔާރަތް ހަދައި އެޒިޔާރަތްތަކަށް ދުއާކޮށް އަޅުކަން ކުރޭ މިކަންތައް ރާއްޖެއިން ނެތި ގޮސްފައިވަނިކޮށް އަލުން އެކަން ދިރުވާ އާލާ ކުރުމަކީ ނުހަނު ހިތާމަ ހުރިކަމެއް ކަމަށް ޝެއިޚް ފިކުރީ ވިދާޅުވިއެވެ.
ދިވެހިރާއްޖެ އިސްލާވި ދުވަސްކަމަށް ބުނެ ސަރުކާރުން ރަބީލްއައްވަލް މަހު އެއްވަނަ ދުވަސް ބަންދު ކުރަމުންދާއިރު އެދުވަހާއި ގުޅިގެން ތަފާތު ގޮތްގޮތަށް ވާހަކަދެކެވެއެވެ. ރާއްޖެ އިސްލާމް ކުރެއްވި ބޭކަލެއްކަމަށް ބުނާ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީގެ މަހާނަ މެދު ޒިޔާރަތުގައި އޮންނަ އިރު ރާއްޖެ އިސްލާމް ކުރެއްވި ކަމަށް ބުނާ އަބުލް ބަރަކާތު ޔޫސުފު އައްތަބުރޭޒީގެ މަހާނަވެސް ރާއްޖޭގައި އެބަހުއްޓެވެ.



ޚިޔާލުތައް