A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު 3 މެމްބަރުން ރައްޔިތުންނާއި ބައްދަލުކުރެއްވުން މިފަހަރު އޮންލައިންކޮށް

ފުވައްމުލަކު މެދުދާއިރާގެ މެމްބަރު ބޭއްވި އޮންލައިން ބައްދަލުވުން. ސްކްރީންޝޮޓް އިސިސް

ރައްޔިތުންގެ މަޖުލީހުގެ ފުވައްމުލަކު 3 މެންބަރުން މިފަހަރު ރަައްޔިތުންނާއި ބައްދަލުކުރެއްވީ އޮންލައިންކޮށް، ޒޫމް ޕްލެޓްފޯމް މެދުވެރިކޮށެވެ.

ރޭ ކުރިޔަށްގެންދިޔަ މިބައްދަލުވުމުގައި މައިގަނޑު މައުޟޫއަކީ ކޮވިޑް-19 އާއި ގުޅިގެން ވަޒީފާތަކަށް އެކިގޮތްގޮތުން އުނިކަން އައި ކަންކަމާއި އަދި މިވަގުތު މަޖުލީހުގައި އޮތް ވަޒީފާގެ ގާނޫނާއި ގުޅޭގޮތުން، ރައްޔިތުންގެ މަޝްވަރާ ހޯދުމެވެ.

ފުވައްމުލަކު މެދުދާއިރާގެ މެމްބަރު ހުސޭން މުހައްމަދު އިންތިޒާމުކުރެއްވި މިބައްދަލުވުމުގައި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ) އާއި ފުވައްމުލަކު ދެކުުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒު ވެސް ބައިވެރިވެ ވަޑައިގަތެވެ.

ދެ ގަޑިއިރަށް ކުރިޔަށް ގެންދެވުނު މި ބައްދަލުވުމުގައި ގިނައިން ބައިވެރިވެފައިވަނީ ރިޒޯޓު ދާއިރާގައި މަސައްކަތް ކުރާ ފިރިހެނުންނެވެ.

ރޭގެ ބައްދަލުވުމުގައި ފުވައްމުލަކުގެ އެކި މީހުންގެ ވަޒީފާއަށް ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއި ވަޒީފާ ގެއްލިގެން ދިޔަ ގޮތްތައް ހިއްސާކުރެވިގެން ދިޔައެވެ. އެގޮތުން ބައެއް މީހުން ބުނިގޮތުގައި އެމީހުން ނަށް ރިޒޯޓުތަކުން އެންގީ ނޯ ޕޭ ލީވްއަކަށް ރަށަށް ދިއުމަށެވެ. އެގޮތުން އެމީހުން ރަށަށް ގޮސްތިއްބާ ފޯނުން ގުޅާފައި ވަޒީފާއިން ވަކިކުރިކަން އަންގާކަމަށެވެ. މިހެން ވުމުން މިމައްސަލަ ސަރުކާރުގެ ކަމާބޭހޭ އިދާރާތަކަށް ހުށަހަޅަން ބޭނުންވާ ލިޔެކިޔުންތައް ރިޒޯޓުތަކުން ނުލިބޭކަމަށެވެ. އަދި ވަޒީފާ ގެއްލުނު ފަރާތްތަކަށް ސަރުކާރުން ދޭން ބުނާ އިނާޔަތަށް ހުށަހެޅުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ހުރިކަމަށާއި އެހެންވުމުން އެކަން ރިޒޯޓުުތަކުގެ ވަޒީފާތަކުން ވަކިކުރެވިފައިވާ މިންވަރު ރިޕޯޓު ކުރެވިފައިވާ މިންވަރު މަދުކަމަށެވެ. އަދި ގިނަ ކުދިން ފަހުންވެސް ވަޒީފާ ހޯދަން ދާން އޮތީ އެއްކަލަ ރިޒޯޓުތައް ކަމަށްވާތީ ރިޒޯޓުތަކުގެ މީހުން ނުރުހޭ ގޮތަކަށް ކަންތައްކުރަން ވެސް ބައެއް ކުދިން ފަސްޖެހިފައިވާ ކަމަށެވެ. ވަޒީފާ ގެއްލުނު ނުވަތަ ވަކިކުރި ފަރާތްތަކަށް ފަސޭހަގޮތެއްގައި އެކަން ރިޕޯޓުކުރެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް އެދިފައިވެއެވެ.

3 މެމްބަރުން ބޭއްވި އޮންލައިން ބައްދަލުވުން – ކާމިޔާބު، 16 ޖޫން 2020

ރިޒޯޓްތަކައި އެހެނިހެން ދާއިރާތަކުގެ ވަޒީފާތަކުގައި ވެސް ވަޒީފާގެ ހަމަހަމަ ކަމާއި ގާނޫނުގައި ބުނާ ހަމަހަމަ އިނާޔަތްތަކެއް ނުލިބޭކަމުގެ ޝަކުވާ ގިނަ ފަރާތްތަކުނު ހުށަހެޅިއެވެ. އަދި އެކަމުގައި ސިއްހީދާއިރާގައި މަސައްކަތް ކުރާ މީހުންނާނާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މީހުން ވެސް އެޝަކުވާ އޮތްކަމަށެވެ. އެގޮތުން ފާހަގަވެގެން ދިޔަ އެއްކަމަކީ ބިދޭސީ ޑޮކްޓަރުންނާއި ބިދޭސީ ޓީޗަރުންނަށް އަދި އެހެނިހެންވެސް ބިދޭސީ މުވައްޒަފުންނަށް މުސަރައިގެ އިތުރުން ލިވިން އެލަވަންސާއި ފުޑް އެލަވަސްން ލިބޭ އިރު ދިވެހިންނަށް ވީމާ އެއެލަވަންސް ނުލިބޭ ކަމަށެވެ. ނަމަވެސް  އެގޮތަށް ތަފާތު ނުކުރެވޭކަމަށް ވަޒީފާއާއި ބެހޭ ގާނޫނުގައި ބުނެފައި ވިޔަސް ބިދޭސީ މަސައްކަތު މީހުން ރާއްޖެ އެތެރެކުރުމުގެ އުސޫލެއްގެތެރެއިން އެކަން އެމީހުންނަށް ހަމަޖޭއިރު ދިވެހިން ރަށުން ބޭރުގައި ވަޒީފާ އަދާކުރިއަސް މިއިން އެލަވަންސެއް ނުލިބި ތަފާތުކުރެވިގެން ދާކަަމަށެވެ. ވަޒީފާއާއި ބެހޭ ގާނޫނު އިސްލާޙުވެގެން އަންނައިރު މިކަމަށް ހައްލެއް ހޯދައި ދިނުން މުހިންމުކަމަށް ފާހަގަ ކުރެވިގެން ދިޔައެވެ.

ހަމައެގޮތަށް ރިޒޯތްތަކުގައި ވެސް ބިދޭސީންނަށް ލިބޭ އިނާޔަތްތަކާއި ގިނަފަހަރަށް މުސާރައިގައި ވެސް ތަފާތު ހުންނަ ކަމަށް ފާހަގަ ކުރެވިގެން ދިޔައެވެ. އެގޮތުންް ރިޒޯޓެއްގެ މެނޭޖަރަކަށް ބިދޭސިއަކު ހުރެއްޖެ ނަމަ އޭނާގެ އާއިލާއަށް ރިޒޯޓުގައި މަތީ ފެންވެރުގައި ދިރިއުޅުމުގެ ފުރުސަތު ލިބޭއިރު ދިވެހި މެނޭޖަރަށް އެފުރުސަތު ނުލިބޭކަމަށެވެ. ރިޒޯޓުތަކުގައި ވަޒީފާގައި ތިބޭ ދިވެހިންނާއި ބިދޭސިންގެ ރޭޝިއޯ 55:45 ގައި ހުންނަން ގާނޫނު ލާޒިމު ކުރިކަމުގައި ވިޔަސް ގިނަ ރިޒޯޓުތަކުގައި ބިދޭސީން އެނިސްބަތަށްވުރެ މާބޮޑުތަން ގިނަކަމަށެވެ. އަދި އެރޭޝިއޯ ގެންގުޅޭނެ ގޮތުގެ މަޝްވަރާ ފުޅާ ދާއިރާއެއްގައި ކުރެވިގެން ދިޔައެވެ.

ބައެއް ރިޒޯޓުތަކުން ސާވިސްޗާޖު ފުރިހަމަ ގޮތުގައި ނުދިނުމާއި އަނެއްބައި ރިޒޯޓުން ސާވިސް ޗާޖުގެ ގޮތުގައި ބަހަން ޖެހޭ %99 ގެ ބަދަލުގައި ފިކްސްޑް ކުޑަ އެލަވަންސެއް ދީގެން އެކަން ނިންމާލާކަމަށެވެ. ބައެއް ބައިވެރިން ފާހަގަ ކުރި ގޮތުގައި 30-40 އަހަރު ރިޒޯޓު ވަޒީފާގައި އެތައް މިލިޔަން ޑޮލަރެއް އަހަރެއްގެ މައްޗަށް ފައިދާގެ ގޮތުގައި ހޯދައިދެމުން ދަނިކޮށް، ކޮވިޑް-19 ގެ ޙާލަތާއި ކުރިމަތިވީ ތަނުން ގިނަ ރިޒޯޓު ވެރިން މިވަނީ މުވައްޒަފުން ސަރުކާރާ ބޮލާލާޖަހާފައި ކަމަށެވެ. ރިޒޯޓުތަކުގެ އޯނަރުންްނަށް މުވައްޒަފުންގެ 3 މަހުގެ މުސާރަ ނުދެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށެވެ.

މިގޮތަށް ހިނގާ ގިނަ ކަންތައްތައް ހިނގަނީ ގާނޫނެއް ނެތިގެން ނޫން ކަމަށާއި ގާނޫނު ތަންފީޒު ކުރެވިގެން ދާގޮތް ނުބެލެހެއްޓޭތީ ކަމަށް ފާހަގަކުރެވިގެން ދިޔައެވެ. އެގޮތުން ރިޒޯޓުގެ މާލީ އޯޑިޓް ރިޕޯޓުގައި އެކަމަށް ބައެއް ހިމެނުމަށް ވާހަކަ ދެކެވިގެން ދިޔައެވެ.

ބައްދަލުވުމުގެ ގިނަ ބައިވެރިން ފާހަގަ ކުރި ގޮތުގައި ރޭގެ ބައްދަލުވުން ވަރަށް ކާމިޔާބެވެ. އަދި ރައްޔިތުންގެ އިހުސާސުތައް ގާނޫނުތަކުގައި ހިމެނުމަށް ފުވައްމުލަކުގެ މަޖުލސިް 3 މެމްބަރުން ކުރައްވާ މަސައްކަތް ފާހަގަކުރެވިގެން ދިޔައެވެ. އަދި ގާނޫނުތައް ހެދިގެން ދާއިރު އެއަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް އޮންލައިން ބައްދަލުވުންތައް މަހަކު އެއްފަހަރު ނަމަވެސް ބާއްވައި ދިނުމަށް ބައިވެރިން އެދިފައި ވެއެވެ.

ފުވައްމުލަކުގެ މަޖުލސިް 3 މެމްބަރުން ވެސް ވަނީ މީގެ ކުރިން ރަށުގެ ދާއިރާގައި ރައްޔިތުންނާއިއެކު ބައްދަލުވުން ބާއްވާފައެވެ. އޮންލައިން ބައްދަލުވުންތައް ކުރިޔަށް އޮތްތަކުގައި ބޭއްވިއްޖެ ނަމަ ގިނަ ބައެއްގެ އަޑު ފަސޭހައިން އިއްވުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !