A wide advertisement which will be shown on all devices. (700 x 100)

ފުނާޑު ޑިވެލޮޕްމެންޓް ކޯޕަރޭޓް ސޮސައިޓީގެ ޗެއަރ ޕާސަންއަކަށް އަލީ ވަސީމު

ރޭ ހޭޒްގައި ބޭއްވުނު ފުނާޑް ކޯޕަރޭޓިވް ސޮސައިޓީގެ އަހަރީ ޖަލްސާ.

ފުނާޑު ޑިވެލޮޕްމެންޓް ކޯޕަރޭޓިވް ސޮސައިޓީގެ(އެފްޑީސީއެސް) ކުރިޔަށް އޮތް ދައުރުގެ ބޯޑު ޑިރެކްޓަރުން އިންތިޚާބު ކުރުން ރޭ ބާއްވާއިފިއެވެ. ރޭ ހާފިޒު އަހުމަދު ސްކޫލުގައި ބޭއްވި އެ ކޯޕަރޭޓިވް ސޮސައިޓީގެ އަހަރީ އާއްމު ޖަލްސާގައި ބޯޑް ޑިރެކްޓަރުންނާއި ހިންގާ ކޮމެޓީ އިންތިޚާބު ކުރުމުގެ އިތުރުން ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި އޯޑިޓް ރިޕޯރޓް ފާސްކޮށްފައި ވެއެވެ. ކުރިޔަށް އޮތް ދައުރުގެ އެ ކޯޕަރޭޓިވް ސޮސައިޓީގެ ޗެއަރ ޕާސަނަކަށް ހޮވިފައި ވަނީ މިހާރު ފުނާޑު ކައުންސިލްގެ ރައީސް އަލީ ވަސީމު (ޗަމްޕާ) ކަމަށް މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން އެކޯޕަރޭޓިވް ސޮސައިޓީގެ ރޭގެ މެނޭޖަރު ކިރަމް މުޙައްމަދު ވިދާޅުވިއެވެ.

އާއްމުގެ %50 ޕަސެންޓް ހިއްސާ ހިމެނޭ، އެފްޑީސީއެސްގެ ހިންގާ ހިންގާ ކޮމެޓީއަށް ރޭ ހޮވުނު އިތުރު މެންބަރުންނަކީ ވައިސް ޗެއަރ ޕާސަނަކަށް ކުރީ ދައުރުގެ ޗެއަރ ކަން ކުރެއްވި މުހަންމަދު ޝަފީގު އަދުނާނު، ސެކެރެޓަރީއަކަށް މަރިޔަމް ހަސަން އަދި ޚާޒަންދާރަކަށް އާއިޝަތު ނަސީރު އެވެ. މީގެ އިތުރުން އާއްމުންގެ ތެރެއިން ހިންގާ ކޮމެޓީއަށް 3 މެންބަރަކު ވެސް ވަނީ ހޮވާފައެވެ.

ރޭގެ ޖަލްސާގައި އެ ކޯޕަރޭޓް ސޮސައިޓީގެ ހިންގާ ގަވާއިދަށް ވެސް ބަދަލު ގެނެސްފައި ވެއެވެ. އެގޮތުން ބޯޑު ޑިރެކްޓަރުންގެ ގޮތުގައި 15 މެންބަރުން ތިބުމުގެ ބަދަލުގައި މިހާރު ވަނީ އެއަދަދު 7 މެންބަރުންނަށް ދަށް ކުރުމަށް ފާސްކޮށްފައެވެ. ފުވައްމުލަކު އަތޮޅު ކައުންސިލްގެ %50 ޕަސެންޓް ހިއްސާ އެކުލެވޭ އެކޯޕަރޭޓިވް ސޮސައިޓީގެ އަހަރީ ޖަލްސާގައި އަތޮޅު ކައުންސިލްގެ ފަރާތުން، ރޭގެ ޖަލްސާގައި ބައިވެރިވީ ރައީސް ފަލާޙު ޝަރީފެވެ. އާއްމު ކޮންމެ މެންބަރަކަށް ވެސް އެންމެ ހިއްސާއެއް ގަނެވޭ އިރު، ރޭގެ ޖަލްސާގައި އާއްމު މެންބަރުންގެ ތެރެއިން ބައިވެރިވެފައި ވަނީ 20 މެންބަރުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ފުނާޑު ޑިވެލޮޕްމެންޓް ކޯޕަރޭޓިވް ސޮސައިޓީގައި ފުވައްމުލަކުގެ އެކިއަވަށްތަކުގެ މީހުން ވެސް ހިއްސާ ދާރުންގެ ގޮތުގައި ހިމެނެއެވެ.

އެފްޑީސީއެސް އަށް އަތޮޅު ކައުންސިލުން އައްޔަން ކުރަންޖެހޭ 3 ބޯޑު ޑިރެކްޓަރުން އައްޔަން ކުރިކަމެއް އަދި އެގެން ނެތެވެ. ރޭގެ ޖަލްސާގައި އިންތިޚާބީ ކަންތައްތައް ބެލެހެއްޓީ 3 މެންބަރުންގެ މައްޗަށް އެކުލެވޭ އިންޑިޕެންޑެންޓް ކޮމެިޓީއަކުންނެވެ.

އެސޮސައިޓީން މައުލޫމާތު ދެއްވި ގޮތުގައި އެ ކޯޕަރޭޓިވް ސޮސައިޓީގެ މަގުސަދަކީ ފުވައްމުލަކުގެ ދަނޑުވެރިކަން ކުރިއެރުވުމެވެ. ޚާއްސަކޮށް ފުވައްމުލަކުގައި އޮޅު އަލަ ހައްދާ އެއިން ރަށްޔިތުންނަށް އާމްދަނީ ލިބޭނޭ މަގު ތަންވަސްކޮށް ދިނުމެވެ. އެކޯޕަރޭޓިވް އިން ‘ޓާރޯޗި ޗިޕްސް’ އުފައްދަން ފެށިފަހުން ފުވައްމުލަކުގައި އެކަމުން އެކަށީގެންވާ އާމްދަނީއެއް ހޯދަމުންދާ ފަރާތްތައް ގިނަ ކަމަށް ވެއެވެ. އެގޮތުން ބައެއް ފަރާތްތަކުން އެކޯޕަރޭޝަނަށް އަަލަ ވިއްކައިގެން މަހެއްގެ މައްޗަށް ހާހުން ރުފިޔާ ހޯދަމުންދާ ކަމަށް ކިރަން މައުލޫމާތު ދެއްވިއެވެ.

ފުނާޑު ޑިވެލޮޕްމެންޓް ކޯޕަރޭޓިވް ސޮސައިޓީ އަކީ މުޅި ރާއްޖޭގެ ނިސްބަތުން ވެސް އެންމެ ރަނގަޅަށް ހިނގަމުން އަންނަ އެއް ކޯޕަރޭޓިވް ސޮސައިޓީއެވެ. އެކޯޕަރޭޓިވް ގެ ފަރާތުން އަންނަނީ، މަތީފަންތީގެ މާކެޓަށް އަމާޒުކޮށްގެން ޓާރޯ ޗިޕްސް ގެނަމުގައި އަލައިގެ ޕްރޮޑަކްޓެއް ތައްޔާރުކޮށް ވިއްކަމުންނެވެ. އެކޯޕަރޭޓިވްގެ ހަމައެކަނި ޕްރޮޑަކްޓް ކަމަށްވާ ޓާރޯ ޗިޕްސް މާކެޓު ކުރަނީ އެމްއޭސިއެލް( އެއަރ ޕޯރޓސް ކޮމްޕެނީ)އާއި މެގަ މޯލްޑިވްސް އަދި ޕެރަޑައިސް އައިލެންޑް ރިޒޯޓުންނެވެ. މިޕްރޮޑަކްޓަކީ ރާއްޖޭއިން ބޭރު މީހުންނަށް އަމާޒުކުރެވިގެން ފެންވަރ ރަނގަޅު ޕެކޭޖިންގ އެއްގައި ބަންދު ކުރެވިގެން މާކެޓަށް ނެރެވޭ ޕްރޮޑަކްޓެކެވެ.

މިކަލް ނޫހާއި ވާހަކަ ދެއްކި ފުވައްމުލުގެ ދެތިން ފަރާތަކުން ވެސް ފާހަގަ ކޮށްފައި ވަނީ ކުރިން މީޑިއާއިން ލިބުނު މައުލޫމާތުގެ އަލީގައި، ރާއްޖޭގެ އެންމެ ބޮޑު އެއަރޕޯރޓުގެ ޑިއުޓީ ފްރީ ޝޮޕުން ފުވައްމުލަކުގެ ޓާރޯ ޗިޕްސް ލިބޭތޯ 4،5 ދަތުރެއްގައި ވެސް މަސައްކަތް ކުރެވުނު ކަމަށެވެ. ނަމަވެސް ފެނިފއި ނުވާކަމަށާއި އެމްއޭސީއެލް އިން އެޕްރޮޑަކްޓް އެކަށީގެން ވާގޮތެއްގައި މާކެޓް ކުރޭތޯ އެފަރާތުން ސުވާލު އުފައެދައެވެ.

ނަމަވެސް ކިރަން، ޖަވާބު ދެއްވަމުން ފާހަގަ ކުރެއްވީ، ބައެއްފަހަރު އޯޑަރަށް ސަޕްލައި ކުރުމުގައި ދަތިތަކެއް ދިމާވެގެން ބައެއް އައުޓްލެޓްތަކުގައި ހުސްވެފައި ހުރެދާނެ ކަމަށެވެ. އެގޮތަށް ދިމާވަނީ ފެންބޮޑުވެ އަލަ ލިބުމުގައި ވެސް ދަތިވާ ދުވަސްވަރުގައި ކަމަށެވެ.

މިހާރު އެކޯޕަރޭޓިވް އިން މަސައްކަތް ކުރަމުން އަންނަނީ ޓާރޯ ޗިޕްސް ލޯކަލް މާކެޓަށް ވަކިން ޚާއްސަ ޕެކޭޖިންއެއްގައި ނެރުމަށް ކަމަށް މެނޭޖަރ ކިރަން ފާހަގަކުރެއްވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !