A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ބަހުން ޅެމާއި ބަނދި ކިޔުމުގެ މުބާރާތެއް

“މިނިވަން ވާދަ 2020″ގެ ނަމުގައި އޮންލައިންކޮށް ފުވައްމުލަކު ބަހުން ބަންޖާއި ޅެން ކިޔުމުގެ މުބާރާތެއް ފެށިގެން ކުރިޔަށް އެބަ ދެއެވެ.

މި މުބާރާތަކީ FatheyS ފޭސްބުކް ޕޭޖުން އިންތިޒާމްކޮށްގެން އެ ޕޭޖު މެދުވެރިކޮށް ބާއްވާ މުބާރާތެކެވެ.

ރާއްވަވައި ހިންގަވާ ފަރާތުން ވިދާޅުވި ގޮތުގައި މި މުބާރާތުގެ މަޤުޞަދަކީ ފުވައްމުލަކު ބަހަށް އަހުލުވެރިކުރުވުމާއި އެ ބަހުގެ އަދަބީ ކޮށާރު މުއްސަނދިކުރުމާއި ކުޑަކުދިންގެ ހިތްތަކުގައި އެ ބަހަށް ލޯބި ޖެއްސުމެވެ.

މި މުބާރާތުގައި ބައިވެރި ވެވޭ ގޮތަށް އޮތީ އުމުރުން 05 އަހަރާއި 09 އަހަރާ ދެމެދު ޢުމުރުފުރާގެ ކުދިންނަށެވެ. އިންތިޒާމް ކުރައްވާ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި މުބާރާތް ކުރިޔަށް ދާނީ ޖުލައި 26ން 31ގެ ނިޔަލަށެވެ. ބައިވެރި ކުރައްވާ ކުދީން ލައްވައި ފުވައްމުލަކު ބަހުން ބަންޖެއް ނުވަތަ ޅެމެއް ކިޔުއްވައި ވީޑިއޯ ކުރުމަށްފަހު 9753939 ނަންބަރަށް ވައިބާ ކުރާނީއެވެ.

މި މުބާރާތުގައި ބައިވެރި ކުރެވެނީ ޤައުމީ ޅެމެއް ނުވަތަ ބަންޖެކެވެ. ޅެން ހުންނަންޖެހެނީ 5 ބައިތާއި 10 ބައިތާ ދެމެދުގެ ދިގުމިނެއްގައެވެ. ބަންޖަކަށް ވަކި މިންގަނޑެއް ނެތެވެ. އިންތިޒާމްކުރައްވާ ފަރާތުން ވިދާޅުވި ގޮތުގައި މި މުބާރާތުގައި ބަންޖާއި ޅެމުގެ ޅެންވެރިކަމުގެ ފެންވަރަކަށް އެއްވެސް ވަރަކަށް ނުބަލާނެއެވެ. ބަލާނީ ހަމައެކަނި ކިޔުމަށެވެ. އެ ގޮތުން ފަނޑިޔާރު ކުރުމުގެ މިންގަނޑެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ކިޔުންތެރިކަމަށް 70، ހުށަހެޅުންތެރިކަމަށް 20، އަކުރު އަދާކުރުމަށް 10އެވެ. ކުދިންގެ ކިޔުން ވީޑިއޯ ކުރާއިރު ވީހާވެސް އަޑު ސާފުކޮށް ހުންނާނޭހެން ވީޑިއޯ ކުރުމަށް ސަމާލުކަން ދޭންވާނޭ ކަމަށް އިންތިޒާމްކުރާ ފަރާތުން ވިދާޅުވިއެވެ. ވީޑިއޯ ރިކޯޑުކުރާން ވާނީ ލޭންޑްސްކޭޕްކޮށެވެ.

މި މުބާރާތުގެ އިނާމުގެ ގޮތުގައި ހަމަޖެހިފައިވަނީ އެންމެ ރަނގަޅު ބަނދި ހުށަހެޅުމަކަށް 1000 ރުފިޔާ، އެންމެ ރަނގަޅު ޅެން ހުށަހެޅުމަކަށް 1000 ރުފިޔާއެވެ. އަދި ފޭސްބުކްގައި އެންމެ ޕޮޕިއުލަރ ހުށަހެޅުމަކަށް 1000 ރުފިޔާއެވެ. އެންމެ ޕޮޕިއުލަރ ވީޑިއޯއެއްގެ ގޮތުގައި ހޮވުމަށްޓަކައި ކެމްޕޭން ކުރުމަށް ވީޑިއޯތައް FatheyS ފޭސްބުކް ޕޭޖަށް އަޕްލޯޑް ކުރުމަށްފަހު މުއްދަތެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެންމެ ޕޮޕިއުލަރ ވީޑިއޯގެ ގޮތުގައި ހޮވޭނީ އެންމެ ގިނަ ރިއެކްޓް ލިބޭ ވީޑިއޯއެކެވެ.

މި މުބާރާތުގައި ބައިވެރި ވުމަށްޓަކައި ބައިވެރިކުރާ ކުދިންގެ އައިޑީ ފޮޓޮޔާއެކު ވީޑިއޯތައް ފޮނުވުމުގެ ސުންގަޑިއަކީ މި ޖުލައި މަހުގެ 31ވަނަ ދުވަހުގެ ހަވީރު 06:00 އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !