މެދު ޓާރމު ބަންދަށް ފަހު އަންނަ އާދީއްތަ ދުވަހު (26 މާރޗް) ސްްކޫލްތައްކުގެ ކިޔެވުން ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސަވައި ފިއެވެ. އެމިނިސްޓްރީން މިއަދު ނެރުއްވި ނޫސްބަޔާނުގައި ވާގޮތުން މެދު ޓާރމަށް ސްކޫލް ބަންދު ކުރުމުގެ 3 ދުވަސް ކުރިން މިފަހަރު ސްކޫލްތައް ބަންދު ކުރަން ޖެހުނީ މުޅި ރާއްޖެއަށް މިދުވަސްކޮޅު ދިމާވެގެން އުޅޭ ރޯގާ، އެޗްވަން އެންވަންގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
ސްކޫލްތަކުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށިކަމުގައި ވިޔަސް އަރިދަފުސް ރޯގާ އާއި އެޗްވަން އެންވަން އިންފުލުއެންޒާ ވައިރަސްގެ އަލާމާތެއް ކުއްޖެއްގެ ކިބައިން ފެންނަ ނަމަ އެކުއްޖަކު ސްކޫލަށް ނުފޮނުވައި، ވީހާވެސް އަަވަހަކަށް ސިއްޙީ ފަރުވާ ހޯދުމަށް އެމިނިސްޓްރީން އިލްތިމާސް ކުރައްވާފައި ވެއެވެ.
ކުރިއެކޭ އެއްގޮތަށް މިއަހަރު ވެސް، މިފަދަ (އިންފުލުއެންޒާ ރޯގާ) ކަންކަމާއި ގުޅިގެން ދަރިވަރުންނަށް ސްކޫލުން ގެއްލޭ ފިލާވަލުތައް ފޯރުކޮށްދޭނޭ އިންތިޒާމެއް ސްކޫލްތަކުން ހަމަޖައްސަވާނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
ނިސްބަތުން ބަލާއިރު ފުވަމުލަކަކީ މިފަހަރު މުޅިރާއްޖެއަށް ކުރިމަތިވި މިރޯގާގެ އަސަރު ވަރަށް ކުޑަކޮށް ކުރި އަތޮޅެއް ކަމުގައި ބެލެވެއެވެ. އެހެނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފުވައްމުލަކުން ސްވައިން ފްލޫއަށް ތުހުމަތު ކުރެވިގެން ޑޮކްޓަރަށް ދެއްކި މީހުންގެ ނިސްތް އުޅެނީ އެހެން ގިނަ އަތޮޅުތަކާ އަޅާބަލާއިރު ވަރަށް ބޮޑުތަން ދަށުގައެވެ. އެއްވެސް މީހަކު މިބައްޔަށް ޝައްކު ކުރެވިގެން ފުވައްމުކުން އެނދުމަތި ކުރެވިފައިވާ ކަމަކަށް ނުދައްކައެވެ. އަދި ފުވައްމުލަކުގައި ދިރިއުޅޭ އެއްވެސް މީހަކު މިބައްޔަށް ޕޮޒިޓިވްވި ކަން ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް ފުވައްމުލަކުގައި ވެސް ސްވައިން ފްލޫ ރޯގާއަށް ވެކްސިން ޖެހުން ކުރިޔަށް ދެއެވެ.



ޚިޔާލުތައް