މިނިވަން ފަންސާސް ޗެމްޕިއަންޝިޕްގެ ފުވައްމުލަކު މުބާރާތުގެ ޗެމްޕިއަންކަން ދޫނޑިގަން ހޯދައިފިއެވެ.
އިއްޔެ ހަވީރު ފުވައްމުލަކު ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ދަޑިމަގު އާއި ބައްދަލުކުރިމެޗް ނިމުނީ 0-0 އިން ނެވެ. މިނަތީޖާއާއި އެކު ދޫނޑިގަމަށް ޗެމްޕިއަންކަން ލިބުނީ ކުރިން ކުޅުނު މެޗްގައި 1-0 އެޓީމް މޮޅުވެފައިވާތީއެވެ. ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ މިމުބާރާތުގައި އިއްޔެ ކުޅެފައިވަނީ ދޫނޑިގަމް ހޯމް މެޗްގެގޮތުގައެވެ. ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މެޗްގައި ދެ ޓީމުންވެސް ގޯލަށް ނުރައްކާތެރި ހަމަލަތަކެއް ފޮނުވާފައިވެއެވެ.
އިއްޔެގެ މެޗަށްފަހު ދެޓީމަށް މެޑަލް އާއި ޝީލްޑް ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވެއެވެ.
އިއްޔެގެ މެޗްގެ ނަތީޖާއާއި އެކު ފުވައްމުލަކު ޗެމްޕިއަންގެ ގޮތުގައި ޒޯން މުބާރާތުގައި ވާދަ ކުރުމުގެ ފުރުސަތު ލިބިފައިވަނީ ދޫނޑިގަމަށެވެ. ޒޯން މުބާރާތުގެ ދެން ބައްދަލުކުރާނީ އައްޑޫގެ ޗެމްޕިއަންނެވެ. އައްޑޫގެ ޗެމްޕިއަން ޓީމް މިއަދު ކުޅޭ މެޗުން އެގިގެންދާނެއެވެ. މިއަދު އައްޑޫ ސިޓީގެ މީދޫގައި ކުޅޭ ފައިނަލް މެޗްގައި ބައްދަލުކުރާނީ ހިތަދޫ އާއި އެންމެ ފަހުގެ ޗެމްޕިއަން ފޭދޫއެވެ. ޒޯން މުބާރާތުގެ ކުޅުން ފެށޭނީ މިމަހު 20 ވަނަ ދުވަހުއެވެ.
މިނިވަން ފަންސާސް ޗެމްޕިއަންޝިޕް މުބާރާތުގައި ހުރިހާ ޒޯންތަކެއްގެ ޗެމްޕިއަން ފައިނަލް ބުރެއް ކުޅެ މޮޅުވާ ޓީމެއް ދިވެހި ޕްރިމިއާ ލީގްގައި ވާދަކުރަން ފުރުސަތު ލިބެއެވެ.
ޚިޔާލުތައް