ފުވައްމުލައް ސިޓީގެ ތިމާވެއްޓާއި ބެހޭ ގަވާއިދެއް އެކުލަވާލައި އެގަވާއިދަށް އާއްމުންގެ ޚިޔާލަށް ހުޅުވާލުމުން އެކަމަށް ފުވައްމުލަކުގެ ރައްޔިތެއްގެ ހައިސިއްޔަތުން ދެތިން އެއްޗެއް ބުނެލަން ގަސްތުކުރަމެވެ.
މި ގަވާއިދަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ހިންގުމުގެ ގާނޫނު (7/2010)ގެ 166 ވަނަ މާއްދާގެ ޅ. ގެ ދަށުން ފުވައްމުލައް ސިޓީ ކައުންސިލުން އެކުލަވާލާފައިވާ ގަވާއިދުގެ ފުރަތަމަ ދެލިކޮޕީ އެކެވެ.
ފުވައްމުލައް ސިޓީގެ ތިމާވެށި ހިމާޔަތްކުރުމާއިބެހޭ ގަވާއިދު 1.1
މިގަވާއިދުގެ ޑްރާފްޓްގައި ކުދި މައްސަލަތަކާއި ބޮޑެތި މައްސަލަތަކެއް ފާހަގަކުރެވެއެވެ. އެގޮތުން ފާހަގަ ކުރާ ބައެއް ކަންކަންތަކަކީ:
- ގަވާއިދުގެ ތައާރަފްގެ ބައިގައި (މައްދާ 1) މައްސަލަތަކެއް އެބަހުއްޓެވެ. ތައާރަފުގައި މިހާރު އޮތީ ފުވައްމުލައް ސިޓީއަށް ލައްގާ ތަކެތި ހިމާޔަތް ކުރުމުގެ ވާހަކަ އެކަންޏެވެ. އެހެން އޮވެމެ، ރަށުގެ އިޚުތިސާސްގައި ހިމެނޭ ކަނޑުގެ ސަރަހައްދުގެެ ތަކެތީގެ ތެރެއިން ކަނޑުގައި ކަނޑުގައި (ލައްނުކޮށް) ހުންނަ ތަކެއްޗަށް މަގުސަދު އަމާޒު ކުރެއެވެ. އަދި ހަމަ އެގޮތަށް ރަށުތެރެގައި ހުންނަ ތަކެތި (މިސާލު، ހޭޅިފަށުގެ ގަސްގަހާގެހި، ކަޅު ފަސް) ފަދަތަކެތި ވެސް ގަވާއިދުގެ އެހެން މާއްދާތަކުގައި ހިމެނިފައި ވާއިރު މި ކަމަށް ގަވާއިދުގެ މަގުސަދުގައި އިޝާރާތް ކުރެވިފައެއް ނެތެވެ. ވުމާއެކު އެމާއްދާތަކަކީ ގަވާއިދުގެ މަގުސަދުން ބޭރުގެ ކަންކަން ކަމުގައި ބެލެވިދާނެއެވެ.
- ގަވާއިދުގެ މަގުސަދުގެ ތެރޭގައި ގަވާއިދާއި ޚިލާފުވާ ފަރާތްތަކާއި މެދުފިޔަވަޅު އެޅުމަށް ހިމެނިފައި އޮތް އޮތުން ވެސް އެހާ ކަމުދާކަމަކަށް ނުވެއެވެ. އަދި ގަވާއިދުގެ މަގުސަދަކީ ބަޔާން ކުރެވިފައިވާ ތަކެތި ނެގުން ހުއްޓުވުން ކަމަށް ބުނާހިނދު އެހެން މާއްދާއެއްގައި ސިޓީ ކައުންސިލްގެ ހުއްދައާއެކު ބައެއް ތަކެތި ނެގޭނެ ކަމަށް ވެސް ވެއެވެ. ވުމާއެކު މިހާރު މަގުސަދު އޮތް ގޮތަށްވުރެ ރަނަގޅު ކަމަށް ފެންނަނީ “ފުވައްމުލައް ސިޓީގެ އިޚުތިސާސް ހިނގާ ސަރަހައްދުން ގަވާއިދާއި ޚިލާފަށް މިގަވާއިދުގައި ކަނޑައެޅި މަނާ ކުރެވިފައިވާ އެއްވެސް ބާވަތެއްގެ އެއްޗެއް ނެގުމާއި، ނައްތާލުމާއި ގެއްލުން ދިނުން ހުއްޓުވައި އެކަން ބެލެހެއްޓުން”. މިފަދަ ގޮތަކަށް އޮތުމެވެ. މިއަށްވުރެ ވެސް ފުރިހަމައަށް މިބައި އިބާރާތް ކުރެވިދާނެއެވެ.
- ގަވާއިދުގެ ބައެއް މާއްދާތަކުގައި (މިސާލު 10 ވަނަ މާއްދާ) ސިޓީ ކައުންސިލުގެ އިޚުތިޔާރަށް ބައެއް ކަންކަން ދޫކޮށްލާފައި އެބަހުއްޓެވެ. އެގޮތަށް އިޚުތިޔާރަށް ދޫކޮށް ލުމުން ގަވާއިދު ތަންފީޒުވެގެންދާއިރު އެކި މީހުންނާއިމެދުގައި ތަފާތު ކުރުންތައް ގެނައުމަށް ފުރުސަތު ހުޅުވިގެންދާނެއެވެ. ވީމާ އެފަދަ ތަންތަނުގައި އިޚުޔާރު ދޭންވާނީ އެންމެންގެ މެދުގައި ހަމަހަމަ ގޮތެއްގައި އަމަލު ކުރެވޭނެ ގޮތެއްގެ މަތިން އެކަންޏެވެ. ނޫނީ އިޚުތިޔާރަށް ދޫނުކޮށް އެކަމެއް ކުރަން ޖެހޭ ގޮތަށް އޮތުން ރަނގަޅެވެ.
- ގަވާއިދާއި ޚިލާފަށް ނަގައި ތަނެއްގައި ހުރި، ނެގުން މަނާ ތަކެއްޗަށް “ޒިންމާވާފަރާތް” ކަނޑައަޅާނެ ގޮތެއް ބުނެދެވިފައި އޮތުން މުހިންމެވެ. ނަމަވެސް އެފަރާތް ކަނޑައަޅާނެ ގޮތެއް ގަވާއިދުގައި ހާމަކުރެވިފައި ނެތްކަން ފާހަގަ ކުރެއެވެ. މިއީ އުނދަގޫ ނަމަވެސް ގޮތެއް ހޯދަން ޖެހޭކަމެއް ކަމުގައި ދެކެމެވެ.
- ގަވާއިދުގައި ޖޫރިމައިނާގެ އަދަދުތައް ހުރީ މާކުޑަކޮށެވެ. އެންމެ ކުޑަވެގެން ވެސް 500 ރުފިޔާގެ ޖޫރިމައިނާއެއް މިކަމުގައި އޮންނަން ޖެހޭ ކަމަށް ދެކެމެވެ. ގަވާއިދުގައި ސައިޒު މިން ކުރުމަށް “ގޯނި” ގެނެސްފައި އޮތުން އެހާ ރަނގަޅެއް ނޫނެވެ. އެއިގެ ބަދަލުގައި ކޮޑިމިން ބޭނުންކޮށްފައި އަންދާޒާއެއްގެ ގޮތުގައި ގޯނީގެ މިން ގެނެސް ދިނުން ރަނގަޅުކަމަށް ދެކެމެވެ. އަދި އެގޮތުން ވެސް އާއްމުކޮށް ބޭނުންކުރާ ގޮނީގެ ސައިޒުން މިން ދިނުން، މިސާލު 10-15 ކިލޯ ހަނޑޫ އަޅަ ކުދި ބަސްތާ (ގޯނި) ނުވަތަ ސިމެންތި ބަސްތާ ސައިޒުން މިނުގެ އަންދާޒާއެއް ގެނެސް ދިނުން ރަނގަޅު ކަމަށް ދެކެމެވެ.
- މަތީގައި ފާހަގަކުރެވުނު ކަންތައްތަކުގެ އިތުރުން ވެސް މިގަވާއިދުގައި ހުރިހާ މާއްދާތަކެއްގެ މިސްރާބު ގަވާއިދުގެ މަގުސަދާއި ތައާރަފަށް އަމާޒު ހިފެހެއްޓިފައި ނެތްކަން ފާހަގަ ކުރެއެވެ. ގަވާއިދުގައި މަދުން ނަމަވެސް ބަސްތައް ނުބައިކޮށް ހުރުމާއި، ތިކިޖެހިތާނަ ވަރަށް ގިނައިން ނުބައިކޮށް ހުރުމާއި، އިމްލާކުށް ހުރިކަން ފާހަގަ ކުރަމެވެ.
- މީގެ އިތުރުން ބައެއް މަފުހޫމުތައް ގާނޫނީ ވިސްނުމާއި ދުރުން ހުރިކަން ފާހަގަ ކުރެއެވެ. އެގޮތުން 11 ވަނަ މާއްދާގެ ށ.ގައި ބަޔާންކުރާ މިގަވާއިދާއި ޚިލާފަށް އަމަލެއް ހިންގާފައިވާ ދިވެހި ކޮންމެ ރައްޔިތަކާއި މެދު ނުވަތަ ބިދޭސީއަކާއި މެދު ގާނޫނީ ފިޔަވަޅު އަޅަންވާނެއެވެ.” މިގޮތަށް އޮތުމުގެ ބަދަލުގައި “މިގަވާއިދާއި ޚިލާފަށް އަމަލުކޮށްފައިވާ ކޮންމެ މީހަކާއި އަދި ގާނޫނީ ކޮންމެ ޝަޚުސަކާއި މެދު މިގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން ފިޔަވަޅު އަޅަން ވާނެއެވެ.” މިހެން އިތުން ރަނގަޅު ކަމަށް ދެކެވެ.
މި ހިސާބުން މިގަވާއިދަށް ހުށަހަޅާ ޚިޔާލުތައް ކުރުކޮށްލަމެވެ. މި ޚިޔާލުތަކުގެ މަގުސަދަކީ މީހަކު ނުވަތަ ބަޔަކު ދަށްކޮށްލުން ނުވަތަ ދެރަކޮށްލުމެއް ވެސް ނޫނެވެ. މިފަދަ އިޖުތިމާޢީ ކަމެއްގަިއ ބައިވެރިވެ އަޅުގަޑުގެ ވިސްނުން ހުރިގޮތް ހާމަކުރުމެވެ. އަޅުގަނޑު ހުށަހަޅާފައިވަނީ އެންމެ މޮޅުގޮތަށް ވާކަށް ވެސް ނުޖެހެއެވެ.
ޚިޔާލުތައް