މިއަދު، 29 ސެޕްޓެމްބަރު އަކީ ދުނިޔޭގައި ފާހަގަ ކުރާ ހިތުގެ ދުވަހެވެ. މިދުވަސް ފާހަގަ ކުރަން ފެށީ ޑަބްލިޔުއެޗްއޯއާއި ވޯލްޑް ހާރޓް ފެޑެރޭޝަން ގުޅިގެން 1999 ފެށިގެންނެވެ. މިދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ އާއްމުންނަށް ހިތުގެ މުހިންމުކަން ހާމަކޮށް ދިނުމެވެ. ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމުގައި މިދުވަސް ފާހަގަކުރުމަށް ތަފާތު ހަރަކާތްތައް ކުރިޔަށް ގެންދެއެވެ.
ދުނިޔޭގައި އެންމެ ގިނަ މީހުން މަރުވަނީ ހިތާއި ގުޅުން ހުރި ނުވަތަ ކާޑިއޯވެސްކިއުލާ ޑިޒީސް ގައި ކަމަށް ވޯލްޑް ހާރޓް ފެޑެރޭޝަން އިން ހާމަކުރެއެވެ. އޭގެތެރޭގައި ސްޓްރޯކް ނުވަތަ ހާޓްއެޓޭކް އާއި ހިތާއި ގުޅުން ހުރި އެހެނިހެން ބަލިތައް ހިމެނެއެވެ. ހިތުގެ ބަލިތަކުގައި މިހާރުވެސް އަހަރެއްގެ މައްޗަށް 17.9 މިލިޔަން މީހުން މަރުވާކަމަށް ތަފާސް ހިސާބުތަކުން އެނގެއެވެ.
އާއްމުންގެ ހޭލުންތެރިކަން އިތުރުކުރެވި ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއެއް ގާއިމުކުރެވިއްޖެނަމަ، ހިތުގެ ބަލިތައް ޖެހޭ މިންވަރު ވަރަށް ބޮޑުތަނުން ކުޑަކުރެވޭނެ ކަމަށް މާހިރުން ހާމަކުރެއެވެ.
މިއަހަރު ހިތުގެ ދުވަސް ފާހަގަ ކުރަން ބާއްވާ ހަރަކާތްތައް އެހެން އަހަރުތަކާއި ތަފާތު ވަނީ ކޮވިޑް-19ގެ ސަބަބުންނެވެ.
ދުޅަހެޔޮކަމާއެކު ހިތް ބޭއްވުމަށް ކާޑިއޯވެސްކިއުލާ އެކްސަސައިޒް ނުވަތަ ހިތާއި ގުޅުންހުރި ކަސްރަތު ކުރުން މުހިންމު ވެއެވެ. ދުޅަހެޔޮކޮށް ހިތް ނުބޭވިއްޖެނަމަ ދިމާވާނެ ބައެއް މައްސަލަތައް ހެލްތު އެންޑް ފިޓްނަސް ނަޒަރަކުން ބަލާލަމެވެ.
ހިތުގެ ދުޅަހެޔޮކަން ނުދެމެހެއްޓޭނަމަ:
– ހަށިގަނޑުގެ ހޯމޯން ލެވެލް ބޭނުންވާ މިންގަޑުގައި ހިފަހައްޓައި ނުދެވޭ.
– ހަށިގަނޑު ހެދިބޮޑުވުމަށް ބޭނުންވާ މާއްދާތައް އުފައްދައި ދިނުން ލަސްވެގެން ދޭ (މެޓަބޯލިޒަމް).
– ހަށިގަނޑުގައި ފެޓް ނުވަތަ ސަރުބީ އިތުރު ވުމަށް މަގުފަހިވެގެން ދޭ.
– ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެގެން ދޭ.
ހިތުގެ ކަސްރަތާއި ގުޅޭ ގޮތުން ގަބޫލުކުރެވޭ ބައެއް ކުށް ހީތައް
– މީހަކު ހިކެން އެންމެ ރަނގަޅީ ހިތުގެ ކަސްރަތު (ކާޑިއޯވެސްކިއުލާ އެކްސަސައިޒް) ކަމަށް ގަބޫލުކުރުން
– ހަށިގަނޑުގެ ސަރުބީ އަންދާލުމަށް 1 ގަޑިއިރުގެ ހިތުގެ ކަސްރަތު ކޮންމެހެން ބޭނުންކަމަށް ގަބޫލުކުރުން
– އެންމެ ރަގަނޅު ގޮތަކީ އަވަހަށް ހިތުގެ ކަސްރަތު ކުރުން ކަމަށް ގަބޫލުކުރުން
– ހިތުގެ ކަސްރަތުން ހަށިގަނޑުގެ ބައްޓަން ފުރިހަމަކޮށްދީ ރީތި ކޮށްދޭކަމަށް ގަބޫލުކުރުން
– ފިޓްނަސް ލެވެލް އެންމެ ބޮޑަށް ރަނގަޅުކޮށްދެނީ ހިތުގެ ކަސްރަތުން ކަމަށް ގަބޫލުކުރުން
– ހިތުގެ ކަސްރަތު ކުރާއިރު އަބަދުވެސް ސަރުބީ ވިރުވާ މިންވަރުގައި ދެމިހުރުން (ފެޓް ބާނިން ޒޯން)
ހިތުގެ ކަސްރަތާއި ގުޅޭ ހަގީގީ ބައެއް މައުލޫމާތު
– ހަށިގަނޑުގެ ސަރުބީ އަންދާލުމަށް މުހިންމު ދައުރެއް އަދާކުރާ ބައެއް
– ހިތާއި ފުއްޕާމޭ ދުޅަހެޔޮކަންމަތީ ދަމަހައްޓައި ދޭ
– ކުޅިވަރާއި މަސައްކަތުގެ ރޭޓް (މިންވަރު) އިތުރުކޮށްދޭ
– ހަށިގަނޑުގެ ހޯމޯން އާއި ހަކަތައިގެ މިންވަރު އިތުރުކޮށްދޭ
– ސިކުޑީގެ މަސައްކަތް (ވިސްނުން) ކުރިއަރުވައިދޭ
– ނުތަނަވަސްކާމާއި ހާސްވުން ކުޑަކޮށްދޭ (ކޯޓިސޯލް)
އިންސާނުގެ ހަށިގަނޑުގައި ހަކަތައިގެ 3 ނިޒާމެއް ވެއެވެ. އެއީ އޭރޯބިކް ނިޒާމާއި އެނަރޯބިކް ނިޒާމާއި އޭޓީޕީ-ޕީސީ ނިޒާމެވެ. މި 3 ނިޒާމުވެސް ހިތުގެ ކަސްރަތާއި ވަރަށް ބޮޑަށް ގުޅިލާމެހިފައި ވެއެވެ.
ހިތުގެ ކަސްރަތުގެ ގޮތުގައި ވަރަށް ގިނަ ތަފާތު ކަސްރަތުތަކެއް ކުރެވިދާނެއެވެ. ކޮންމެ ކަސްރަތެއްގައި ވެސް ފައިދާއާއި ގެއްލުން ނުވަތަ ކުވޭނެ ބަޔަކާއި ނުކުރެވޭނެ ބަޔަކު އަދި ބޮޑަށް ފައިދާ ކުރާނެ ކަންކަމާއި މާބޮޑު ފައިދާއެއް ނުނެރެވެނެ ކަންކަން ހުރެެއެވެ. އެގޮތުން ކަސްރަތު ކުރުމުގައި އެއަމާޒުކުރާ ކަމަކަށް އެކަށީގެންވާ ކަސްރަތެއް ޚިޔާރުކުރުން މުހިންމެވެ.
ހިތުގެ ކަސްރަތުގެ ތެރޭގައި ހިތާއި ނޭވާލާނިޒާމަށް ބޮޑަށް އަސަރުކުރުވާ ކަސްރަތު (ނުވަތަ ހައި އިންޓެންސިޓީ އިންޑިވިޖުއަލް ޓްރެއިނިން) އާއި ކުޑަކޮށް އަސަރުކުރުވާ ކަސްރަތު (ނުވަތަ ލޯ އިންޓެންސިޓީ ސްޓެޑީ ސެޝަން) ހިމެނެއެވެ.
ކަސްރަތަށް ދުވުން
ދުވުމަކީ މުޅި ހަށިގަނޑަށް ކަސްރަތު ލިއްބައިދޭ ފަސޭހައި ކުރެވޭ ކަމެކެވެ. ގިނަ މީހުން ދުވަނީ ރަނގަޅަށް ނޫންކަމަށް ކަސްރަތުގެ މާހިރުން ބުނެއެވެ. ހުޅުތަކުގެ މައްސަލަ ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުން (ހަށިގަނޑުގެ ދުޅަހެޔޮ މިނަށް ބަލައި) ދުވަން ވާނީ ހަށިގަނޑަށް ބަލައިގެންނެވެ. ކަސްރަތަށް ދުވުމުގައި ވެސް ޚާއްސަ ހުނަރުތަކެއް އެނގެން ޖެހެއެވެ. އެހެން ނޫނީ ހުޅުތަކާއި މަސައްތަކުގެ މައްސަލަތައް ކުރިމަތިވުން ކައިރިއެވެ.
– މާބޮޑަށް ފަލަ މީހުންނައި (އޮބީސް) ބުރަކަށީގެ މައްސަލަ ހުންނަ މީހުން ދުވުން ރަނގަޅެއް ނޫނެވެ.
– ހުޅުތަކުގެ މައްސަލަ ހުންނަ މީހުން ދުވުން ރަނގަޅެއް ނޫނެވެ.
– ދުވުމުން ހިތުގެ ކަސްރަތު ލިއްބައިދެއެވެ. ހިތުގެ ކަސްރަތަށް ދުވާއިރު ކުޑަ ވަގުތު ކޮޅަކަށް ދުވެފައި ވަރުބަލި ފިލުވާފައި އަނެއްކަވެސް ދުވުން މިގޮތަށް ގެންދިއުން ރަނގަޅެވެ.
މިސާލު: އަލަށް ފަށައިގަންނަ މީހުން 30 ސިކުންތަށް ދުވެފައި 1 މިނިޓަށް ވަރުބަލިފިލުވާފައި (ރެސްޓް) އަނެއްކާވެސް 30 ސިކުންތަށް ދުވާނީ މިގޮތަށް 6-12 އާއި ދެމެދުގެ އަދަދަކަށް ދުވެފައި ނިންމާލާނީއެވެ. އަދި ހަފުތާއަކު 2 ދުވަހު މިގޮތަށް ދުވެގެން ހިތުގެ ކަސްރަތު ކުރެވިދާނެއެވެ.
– ދުވާއިރު ހަށިގަނޑު ތެދަށް ކުރިޔަށް ކުޑަކޮށް ޖެހިލާގޮތަށް ބަހައްޓަން ޖެހެއެވެ.
– އަތް ހަށިގަނޑާއި ކައިރިން ހަރަކާތް ކުރާއިތު އަތަށް މާބޮޑަށް ބާރުނުލާ ލުއިކޮށް ހަރަކާތްކުރަން ޖެހެއެވެ.
– ފައި އަޅާއިރު ފައިތިލައިގެ މެދުން ކުރީބައި ބިންމަތީގައި ޖައްސާށެވެ. ފައިގެ އިނގިލި ތައް ނުވަތަ ފުންނާބު ފުރަތަމަ ބިމުގައި ޖެހޭގޮތް ރަނގަޅެއް ނޫނެވެ.
– ފިޔަވަޅު އެމީހަކަށް ހެޔޮވަރަށް ބަހައްޓާށެވެ. މާ ގާތުގައި އަދި މާ ދިގުކޮށް، ދުރުގައި ފިޔަވަޅު އެޅުން ރަނގަޅެއް ނޫނެވެ.
– ދުވަން ވާނީ އިސްއުފުލާފައި ކުރިޔަށް ބަލައިގެންނެވެ.
ދުވުން ފަށާއި މަޑުން ދުވެފައި މަޑުމަޑުން ބާރުކުރުން ރަނގަޅެވެ. ދުވާއިރު ހުޅުތަކާއި ކަށިމަތީގައި ރިއްސަންޏާ އެއީ ދުވުމުގަައި ރަނގަޅު ހުނަރު ބޭނުން ނުކުރެވެނީ ކަމަށް ބެލެވޭ ކަމެކެވެ.
ދުވުމުގައި އާއްމުކޮށް ދިމާވާ ބައެއް ގެއްލުން ނުވަތަ އިންޖަރީތައް
– ކަކުލު ހުޅާއި އެހެނިހެން ހުޅުތަކުގެ މައްސަލަތައް
– ބުރަކަށީގައި ރިއްސުން
– މަސްތަކާއި ލާނބުތަކުގެ މައްސަލަތައް (ޓެންޑިނިޓިއަސް)
– ކުޑަހުޅާއި ކަށިމަތީގައި ރިއްސުން (ޝިން ސްޕްލިންޓްސް)
ޚިޔާލުތައް