ކޮންފެޑެރޭޝަން ކަޕްގެ ސެމީ ފައިނަލަށް ގްރޫޕް ބީން ޖަރުމަނާއި ޗިލީ ދަތުރުކޮށްފި އެވެ. ގުރޫޕް ބީ ގެ އެއްވަނަ ހޯދި ޖަރުމަން ސެމީ ފައިނަލުގައި ބައްދަލުކުރާނީ މެކްސިކޯއާއެވެ. އަދި ދެވަނަ އަށް ދިޔަ ޗިލީ ކުޅެންޖެހޭނީ ޕޯރޗުގަލް އާއެވެ. މިފަހަރުގެ ސެމީ ފައިނަލުގައި މިކުޅެނީ އެމެރިކާ ބައްރުގެ ދެޓީމާއި ޔޫރަޕުގެ ދެޓީމެވެ.
އޮސްޓްރޭލިއާ އާއި ޗިލީ ބައްދަލުކުރި މެޗު
މޮސްކޯގެ ސްޕާޓަކް ސްޓޭޑިއަމްގައި ޗިލީއާއި އޮސްޓްރޭލިޔާ ބައްދަލުކުރި މެޗުގެ ފޯރި ގަދަވެގެން ދިޔައީ މެޗުގައި އޮސްޓްރޭލިޔާއިން ފުރަތަމަ ގޯލެއް ކާމިޔާބު ކޮށް ސެމީ ފައިނަލަށް ދިއުމުގެ އުއްމީދު ބޮޑު ކުރުމުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ފުރަތަމަ ހުސް ފުރުސަތެއް ޗިލީ އަށް ލިބުނު ނަމަވެސް ގޯލެއް ކާމިޔާބު ނުކުރެވުމުން އޮސްޓްރޭލިޔާއަށް ލިބުނު ފުރުސަތުގެ ބޭނުންކޮށް މެޗުގެ ލީޑު ނެގީ ފުރަތަމަ ހާފު ނިމެން 3 މިނިޓަށް ވެފައި ވަނިކޮށެވެ. އޮސްޓްރޭލިޔާގެ ގޯލު ކާމިޔާބުކޮށް ދިނީ ޓްރޮއިސީ (ޖ 14) އެވެ.
ގިނަ ބަޔަކު ކުރިން ލަފާކުރި ގޮތާއި ޚިލާފަށް މުޅި މެޗުގައި ވެސް ޗިލީގެ ޓީމަށް މެޗު ކޮންޓްރޯލް އަތުލައެއް ނުގަނެވުނެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ސަންޗޭޒް އާއި ވާގާސް އަދި ވިދާލުގެ ނުރައްކާ އޮސްޓްރޭލިޔާގެ ގޯލަށް ދިޔައީ ކުރަމުންނެވެ. ޗިލީގެ ގޯލު ކާމިޔާބުކޮށް ދިނީ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުން ރޮޑްރިގޭޒް (ޖ. 16) އެވެ. ޗިލީގެ މިގޯލަށް ފަހު މެޗުން މޮޅުވާން ވެސް ރަގަޅު ފުރުސަތެއް ސަންޗޭޒް ހޯދައިިދިނެވެ. ނަމަވެސް ފޯވަޑު ކުޅުންތެރިޔާ ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ދިޔައީ ބޭރަށެވެ. ހަމައެގޮތަށް މެޗުނިމެން ކައިރިވެފައި ވަނިކޮށް އޮސްޓްރޭލިޔާ ކުޅުންތެރިއަކަށް ވެސް މެޗުން މޮޅުވާން ހުސް ފުރުސަތެއް ލިބި ބޭކާރުވެގެން ދިޔައެވެ.
މެޗުގެ ނަތީޖާ 1-1 ން އެއްވަރުވުމުން، ޗިލީގެ ޓީމުން މަސައްކަތް ކުރަމުން ދިޔައީ ޑްރޯ އަކުން ނިންމާލާށެވެ. އެހެނީ ޑްރޯއަކުން ވެސް އެމީހުނަށް ސެމީ ފައިނަލް ޔަގީން ވާތީއެވެ. ނަމަވެސް އޮސްޓްރޭލިޔާއިން މޮޅުވާން ވަރަށް މަސައްކަތް ކުރިތަން ފެނުނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޮސްޓްރޭލިޔާގެ ގޯލު ކާމިޔާބުކޮށްދިން ޓްރޮއިސީ އެވެ.
ޖަރުމަން ކެމަރޫން ބައްދަލުކުރި މެޗު
މިމެޗު ފަސޭހަކަމާއެކު މޮޅެއް ހޯދައި ޖަރުމަނުން ގްރޫޕުގެ އެއްވަނަ ހޯދިއެވެ. ޖަރުމަނުން މެޗުން މޮޅުވީ 3-1 ން ނެވެ. ޖަރުމަނުގެ ފުރަތަމަ ގޯލު ޑިމާރބެ (ޖ. 10) ކާމިޔާބުކޮށް ދިނީ ފުރަތަމަ ހާފުގައެވެ. ދެވަނަ ހާފު ފެށިގެން އެޓީމުގެ ވާނާރ (ޖ.11) ގޯލެއް ޖަހައި 2-0 ށް ނަތީޖާ ހެދި ނަމަވެސް އެއިގެ އިރުކޮޅެއް ފަހުން ކެމަރޫންގެ ގޯލު ކާމިޔާބުކޮށް ދިނީ އަބޫބަކުރު (ޖ.10) އެވެ. ޖަރުމަނުގެ ފަހު ގޯލު ކާމިޔާބުކޮށް ދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ވާނަރ (ޖ.11 ) އެވެ.
މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ މިމަހު 28 އަދި 29 ވަނަ ދުވަހު ރޭގަނޑު 9:00 ގައެވެ. ފުރަތަމަ މެޗުގައި ޕޯރޗުގަލް ބައްދަލުކުރާނީ ޗިލީ އާއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ޖަރުމަނާއި މެކްސިކޯއެވެ.
ޚިޔާލުތައް