ފިތުރު ޢީދާއި ގުޅުވައިގެން ދަޑިމަގު އަވަށުން މިފަހަރު ކުރިޔަށް ގެންދާ ޢީދު ހަރަކާތުގެ ތެރެއިން ވެސް އެންމެ ޚާއްސަ އެއް ކަމަކީ ރައްޔިތުންގެ މަޖުލިސް މެންބަރުން ބައިވެރިވެގެން ކުރިޔަށް ގެންދިޔަށް ޚާއްސަ ފުޓްސަލް މެޗެވެ. ރޭ އުތުރު ދާއިރާގެ ފުޓްސަލް ކޯޓުގައި ކުޅުނު މިމެޗުގައި ފުވައްމުލަކު 3 ދާއިރާގެ މަޖުލިސް މެންބަރުންގެ އިތުރުން ކާށިދޫ ދާއިރާގެ މަޖުލިސް މެންބަރު ފައިސަލް ނަސީމާއި މާލެ، ގަލޮޅު ދެކުނު ދާއިރާގެ މަޖުލިސް މެންބަރު މަޚުލޫފު ބައިވެރިވެ ވަޑައިގަތެވެ.
“ޢީދު އުފާ 2017” ގެ ނަމުގައި ކުރިޔަށް ގެންދިޔަ މި ހަރަކާތް އަމާޒު ކުރެވިފައި ވަނީ ވެޓަރަންސް މެޗެއްގެ ގޮތުގައެވެ. އެގޮތުން މިމެޗުގައި އެމްޕީންގެ އިތުރުން ކުޅުނީ ދަޑިމަގު އަވަށް ނިސްބަތްވާ ކުރީގެ ކުޅުންތެރިންނެވެ. މިމެޗުގަިއ ކުޅުނު ދެޓީމަކީ އެމްޕީ ޝާހުގެ ޓީމަކާއި އެމްޕީ ފައިސަލް ނަސީމުގެ ޓީމެކެވެ.
މިމެޗުގެ ޝަރަފުވެރި މެހުމާނަކީ ދަޑިމަގު އަވަށަށް ނިސްބަތްވާ، އުޅަނގުގެ މަޢުރޫފު ހުސޭން އެވެ. މަޢުރޫފަކީ އިީއެންޓީގެ ޚާއްސަ މެޑިކަލް ޑޮކްޓަރެކެވެ. މެޗަށް ފަހު މައުޜުފު އޭނާގެ ފޭސްބުކު ޕޭޖުގައި ލިޔުއްފާވައިވާ ގޮތުގައި، ކުޅިވަރަކީ ސިޔާސި ގޮތުން އިދިކޮޅު ފަރާތްތަކުގެ ވެސް ހިތްތައް ގުޅުވައިދޭ ވަސީލަތެއް ކަން ރޭގެ މެޗުގައި ކުޅުނު އިދިކޮޅު ޕާޓީތަކުގެ މެންބަރުން ގެ ފަރާތުން ފެނިގެން ދިޔަކަށެވެ.
ރޭގައި ވަނީ އަންހެން ފިރިހެން މިކްސް ވޮލީ ބޯޅާ މުބާރާތުގެ ކުޅުން ދަޑިމަގު ވޮލީ ކޯޓުގައި ފަށާފައެވެ. ޢީދު ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ އިތުރު ކުޅިވަރުތައް މިއަދު ވެސް ކުރިޔަށް ގެންދެވޭނެއެވެ.
ޚިޔާލުތައް