ފުވައްމުލަކުގެ އަނބުގަސްތަކަށް މައިގަނޑުގޮތެއްގައި 4 މައްސަލައެއް ދިމާވެއެވެ. އެއީ އަނބުގަސްތައް ކާ ސޫއްޕެއްގެ ސަބަބުންނާއި އަނބުގަހުގެ ފަތަށް ޖެހޭ “ފަތްކަޅުވާ ބަލި” ނުވަތަ ކަޅު ކޫޑި އާއި، އަނބުގަހުގެ މާފޮޅެ އިރު ކުދި ކުނޑިފުށްތަކެއް ގޮތަށް މާތަކަށް ޖެހޭ ބައްޔާއި ފަތްތަކަށް ކަޅުލަތްތަކެއް ޖެހޭ ބައްޔެވެ. މިބަލި ތަކުގެ މައުލޫމާތު އެހެން ލިޔުމެއްގައި ގެނެސްދިނުމަށް ގަސްތު ކުރާވާހަކަ ކިޔުންތެރިންގެ މައުލޫމާތަށް ދަންނަވަމެވެ.
ސޫޓީ މޯލްޑް – ފަތްކަޅުވާ ބަލި ނުވަތަ ކަޅު ކޫޑި ޖެހެނީ މެލިއޯލާ މެންގިފެރޭ (Meliola mangiferae) ކިޔާ ފަނިފަކްސާއެއްގެ ސަބަބުންނެވެ. އަނބުގަސްތަކަށް އަންނަ އެކިވައްތަރުގެ ސޫޕިތަކުގެ ކުޅުފަދަ ދިިޔާ ބައިތައް ފަތުގައި ހަރުލުމުން މި ފަންގަސް (މޯލްޑް) ފަތުގައި ފެތުރުމަށް ފަސޭހަވެގެންދެއެވެ. މި ފަންގަސް އިން ސީދާ ގަހަށް ގެއްލުމެއް ނުދޭ ކަމުގައިވިޔަސް ގަހުގެ ކާނާ އުފައްދާ ނިޒާމު، ފޮޓޯސިންތެސިސް އަށް ހުރަސް އެޅި ގަހަށް ގެއްލުން ލިބެއެވެ. މިކަމުގެ ހައްލަކަށް ގަސް ކޮށުމާއި ހޭސަލްފް އާއި އެކްރޯބެޓް އެމްޒެޑް އަދި ޑިފެންސް 35 އެސްސީ އެއްކޮށްގެން ގަހަށް ސްޕްރޭ ކުރުމުން މިބަލި ކޮންޓްރޯލް ކުރެވެއެވެ.
ޕައުޑަރީ މިލްޑެވް – މި ބަލި ޖެހެނީ ފަންގަލް ޕެތޯޖެން އެއްގެ ސަބަބުންނެވެ. މިބަލި ޖައްސާ ފަންގަސް އަށް ކިޔަނީ އޯޑިއަމްމެންގިފެރޭ ބާތު (Oidium mangiferae Berth) އެވެ. މިބަލި ޖެހުމުން މަޑު އަޅި ކުލައެއްގެ ކުނޑިތަކެއް މަލުގައި ހަރުލައެވެ. މި ފަންގަސް ފުރަތަމަ ހަރުލަނީ މަލުގެ އެންމެ އެތެރެ ކޮޅުގައި އަދި ޅަފަތާއި ޅަކުރިއަށް ފެތުރިގެން ދެއެވެ. އެވެ. ފިނި ފަތިހުގައި މިބަލި ފެތުރެން ފަސޭހައެވެ. މިބަލީގެ ސަބަބުން މޭވާ އަށް ގަތުމާއި މާގަނޑު ކުޑަވެ މެވާ ކުޑަވުމާއި މޭވާ ލިބުން މަދުވެއެވެ. އަދި މޭވާ އުފެދުމުގައި އައިބުތައް ގިނަވެއެވެ.
މި ބަލީގެ ހައްލަކަށް ޑިފެންސް 35 އެސްސީ ގަހަށް ސްޕްރޭ ކުރުމުން މިބަލި ކޮންޓްރޯލް ކުރެވެއެވެ. މާ ނުކުންނަ ތަނުން ސްޕްރޭ ކުރުމަށްފަހު 2 ފަހަރު، ދެ ހަފުތާއިން 1 ފަހަރު ސްޕްރޭ ކުރަން ޖެހެއެވެ.
އެންތްރަކްނޯސް – ފަތަށްޖެހޭ ކަޅުލަތް ބަލި އަނބުގަހަށް ޖެހެނީ ކޮލެޓޮޓްރިކަމް ގްލޮއިއޯސްޕޮރިއޮއިޑްސް ކިޔާ ފަނިފަކްސާއެއްގެ ސަބަބުންނެވެ. މިއީ ގަހަށް ވަރަށް ބޮޑަށް ގެއްލުން ލިބޭ ބައްޔެކެވެ. މިބަލީގައި ފަތާ، މަލުގައި އަދި އޮފީގެ އެންމެކޮޅުގައި ލަތްޖަހައި ކުރި ހަލާކުވެއެވެ. އަދި މޭވާގައި ވެސް ލަތްޖަހައި އެތަނަކުން ހާލާކުވާ ގޮތް ވެއެވެ. މީގެ ސަބަބުން ޅަކުރިތަކާއި ޅަމާތައް ވެސް ހަލާކުވެ ކުރިތައް މަރުވާން ދިމާވެއެވެ. އަދި ހަރު އޮފިތަކަށް ގެއްލުން ލިބިފައިވާ ތަނުން އެތެރެއަށް ބަލި ވަދެ ގަހަށް ބޮޑެތި ގެއްލުންތަކެއް ދެއެވެ.
މި ބަލިޖެހުމުން ގަހުގެ ޅަކުރިތަކާއި ފަތް އަދި މާތައް އަދި މޭވާ ވެސް ނެތިކޮށްލައެވެ. މަލުން މޭވާ އަށަނުގަތުމާއި، ޅަ މޭވާތަކުގައި ވެސް ކަޅު ލަތްތަކެއް ޖަހައި ހަލާކުވުމާއި ހަރުވެގެން ލިބޭ މަދު މޭވާކޮޅު ވެސް ގިނަ ދުވަހަށް ނުބެހެއްޓި ލަތްޖަހައި ހަލާކުވެގެންދެއެވެ.
ރާއްޖޭގެ މާހައުލަކީ މިބަލި ފެތުރުމަށް ވަރަށް ފަހި މާހައުލެކެވެ. އެގޮތުން ޖައްވުގެ ތެއްކަން އިތުރުވުމާއި ފިނިހޫނުމިން 24-32 ޑިގްރީ މިނުގައި ހުރުމާއި ދޭތެރެތެރެއިން ވާރޭވެހުމަކީ މިބަލި ފެތުރުމަށް ފަހި މާހައުލެއް އުފެދޭ ކަމެކެވެ.
މިބަލި ކޮންޓްރޯލް ކުރުމަށް ބަލިޖެހިފައިވާ އޮފިތައް ކަނޑައި އަންދަން ޖެހެއެވެ. މި ބަލިޖެހިގެން ގަހުން ފައިބާ ފަތްތައް ވެސް އަންދަން ޖެހެއެވެ. ނޫނީ ބަލި އިތުރަށް ފެތުރޭ ކަމަށް ވެއެވެ. ކޮޕާ ފަންގިސައިޑް (ސަލްކޮކްސް – ކޮޕަރ އޮކްސީކްލޮރައިޑް) ނުވަތަ ނޮވޯފިކްސް (ކޮޕާރ+މެންކޮޒެބް) ސްޕްރޭ ކުރުމުން ބަލި ކޮންޓްރޮލް ކުރެވޭ ކަމަށް ވެއެވެ. އަދި ޑިފެންސް 35އެސްސީ (ކާބެންޑަޒިމް+ ހެކްސާކޮނަޒޯލް) މާ ފޮޅޭ ދުވަސްވަރު 2 ހަފުތާއިން ދެ ހަފުތާއިން ސްޕްރޭކުރުމުން ވެސް ބަލި ކޮންޓްރޯލް ކުރެވެ ކަމަށް ވެއެވެ.
އަދި މި ބަލިޖެހިފައިވާ އަނބު ކާބެންޑަޒިމް ސޮލިއުޝަނުގައި 52 ޑިގްރީ ހޫނުގައި 15 މިނިޓަށް ބަހައްޓައިގެން ބަލިގެ އަސަރު ފިލުވާލެވޭ ކަމަށް ވެއެވެ.
މެންގޯ ހޮޕަރ– އަނބުގަސްކާ ސޫފީގެ އަސަރު ތަންކޮޅެއް ކުރީގައި ވަރަށް ބޮޑަށް ފުވައްމުލަކުގެ އަނބުގަސްތަކަށް ކުރިއެވެ. ނަމަވެސް މިހާރު އެފަދަ ފަނިތަކުގެ އަސަރު ކުޑަކަމަށް ވެއެވެ. ބެލެވޭ ގޮތުގައި ފުވައްމުލަކުގައި ކާޅު ގިނަ ވުމުން އެފަނިތަކުގެ އާބާދީ މިހާރު ވަނީ މަދުވެފައެވެ.
މީގެ އިތުރުން ވެސް އަނބުގަހަ ށްޖެހޭ ބައްޔެއްގެ ގޮތުގަިއ ދަބަރު ބަލި (Red Rust of Mango) ހިމެނެއެވެ. މިބަލި ކޮންޓްރޯލް ކުރުމަށް ކޮޕަރ އޮކްސީކްލަޮރައިޑް ގަހަށް 2-3 ފަހަރު ސްޕްރޭ ކުރެވިދާނެއެވެ.
ވާލުގެ އުނދަގޫ- ނަމަވެސް ފުވައްމުލަކުން އަލަށް ހިޖުރަކުރި ވާލުގެ އުނދަގޫ މިހާރު ބޮޑު ކަމަށް ބުނެ ގިނަބަޔަކު ޝަކުވާ ކުރެއެވެ. އަނބާއި އެހެނިހެން މޭވާތައް ވެސް މީހުންނަށް ލިބޭ މިންވަރު މި ވަނީ ވަރަށް ބޮޑުތަނުން މަދުވެފައެވެ. މާ އަށަގަންނަ ހިސާބުން ވާ ތައް ގޮސް ކާލަނީއެވެ. އަދި ބައެއް މޭވާ ހަރުވާއިރަށް ކާލަނީއެވެ. ވުމާއެކު ވާ ކޮންޓްރޯލް ކުރެވޭނެ ގޮތެއް ހޯދުމަށް ފުވައްމުލަކުގެ ރައްޔިތުން ކަމާއިބެހޭ ފަރާތްތަކުގައި އެދިގެން ތިބޭތާ 5 އަހަރަށް ވުރެ ގިނަވީއެވެ. އަދިވެސް ހައްލެއް ނުލިބެއެވެ.
ޚިޔާލުތައް