ނަސަބުފުޅާއި ދަރިފަސްކޮޅު
ތަލްހާ (ރއ) އިސްލާމްވުމުގެ ކުރިންވެސް އަދި ފަހުން ވެސް އެކަލޭގެފާނުގެ ނަމަކަށް ބަދަލެއްނާދެއެވެ. އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ ތަލްްހާ ބިން އުބައިދުﷲ ބިން އުސްމާން ބިން އަމުރު ބިން ކައުބު ބިން ތައިމް ބިން މުއްރާ ބިން ކައުބު ބިން ލުއައްޔު ބިން ޣާލިބު އަލް ގުރައިޝީ އަލް ތައިމީއެވެ. އެކަލޭގެފާނަކީ ގުރައިޝު ވަންހައިގެ ތައިމު ގަބީލާއަށް ނިސްބަތްވާ ބޭފުޅެކެވެ. އެކަލޭގެފާނުގެ ކުންްޔާއަކީ އަބޫ މުހައްމަދެވެ. އެކަލޭގެފާނުގެ މަންމާފުޅަކީ އައްސައުބާ ބިންތި އަބްދުﷲ ބިން އައްބާދު ބިން މާލިކެވެ.
ތަލްހާ (ރއ) އާއި ކީރިތި ރަސޫލު ﷲ (ސއވ) ގެ ނަސަބުފުޅާއި ގުޅެނީ ތަލްހާ (ރއ)ގެ ފަސްވަނަ ކާފާފުޅާއި ހަމައިންނެވެ.
ތަލްހާ (ރއ) ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރީ ސަނަތުގެ 28 އަހަރުކުރިން މައްކާގައެވެ. އިސްލާމު ވެވަޑައިގެންނެވި އިރު އެކަލޭގެފާނަކީ 15 ވަރަކަށް އަހަރުގެ ޅަޒުވާނެކެވެ. އެކަލޭގެފާނަކީ އިސްކޮޅުން ދިގު ބޭފުޅެއްނޫނެވެ. ގައިގެ ކުލަ އައްޔެއްވެސް ނޫނެވެ. ނަމަވެސް، ރީތި ސޫރައެއް ލިބިވަޑައިގެންހުންނެވި ބޭކަލެކެވެ.
އިސްލާމްވެވަޑައިގަތުން
އިސްލާމީ ތާރީޚީ އިލްމުވެރިއް ކަމަށްވާ އިބުނު ސައުދު ރިވާކުރައްވާ ގޮތުގައި ތަލްހާ (ރއ) އިސްލާމްވެވަޑަގަތުމުގެ ކުރިން އާދަޔާ ޚިލާފު ހާދިސާއެއް މެދުވެރިވިއެވެ. އެއްފަހަރަކު ތަލްހާ (ރއ) ވިޔަފާރިކަމާއިގެން ޝާމުކަރައަށް ވަޑައިގެންނެވި ދަތުރެއްގައި އެކަލޭގެފާނާއި ފާދިރީ އަކާއި ޝަމްކަރައިގެ ބަޒްރާ ބާޒާރުމަތިން ދިމާވިއެވެ.
ޖާހިލިއްޔަ ޒަމާނުގައި ގުރައިޝުން ޝާމަށްކުރި ވިޔަފާރި ދަތުރުތައް ނިންމާލަނީ ބަޒްރާގެ ބާޒާރުމަތިންނެވެ. އެއީ އުތުރާއި ދެކުނާއި ގުޅުވާލަދޭ ވިޔަފާރި މަރުކަޒެވެ. އޭރު އިރާގުގައި ބަސްރާ ކިޔާ އަވަށެއް ނޯވެއެވެ. އެއަވަށް އުފެދުނީ އުމަރު ބިން ޚައްތާބުގެ(ރއ)ގެ ވެރިކަމުގައި ފާރިސީން ބަލިކުރުމަށްފަހު ގައެވެ.
ބަޒްރާގެ ބާޒާރު މަތިން ދިމާވި ފާދިރީ ކަލޭގެ ގޮވަމުންދިޔައީ މައްކާގެ މީހަކު އެތާހުރިތޯއެވެ. އެހިނދު ތަލްހާ އާއެކޭ ދެންނެވުމުން ފާދިރީ ސުވާލުކުރިއެވެ. “އަހުމަދު ފާޅުވެއްޖެ ހެއްޔެވެ؟”
ތަލްހާ: އަހުމަކީ ކާކުތޯއެވެ؟
ފާދިރީ: އަހަރެމެންގެ ފަތްފުށްތަކުގައިވާ ގޮތުން ތިބާގެ ބިމުން ނަބީބޭކަލު ފާޅުކުރައްވާނެއެވެ. އެބޭކަލަކު ފާޅުކުރެއްވުމުގެ ވަގުތުވަނީ ކުޑަތަންވެފައެވެ.
ލިބުނު މިއާދަޔާ ޚިލާފު ޚަބަރުގެ ސަބަބުން މައްކާއަށް އާދެވެންދެން އެކަލޭގެފާނުގެ ހުރީ ހިތްއަވަސްވެފައެވެ. މައްކާގެ ރަށްބޭރުން އޮލަވާހަކަތަކެއްގައި ހިގާފައިދާ ޒުވާނުންތަކެއް ފެނުނެވެ. އެޒުވާނުންތައް ފެނުމާއިއެކު ތަލްހާ އަވަސްވެގަތީ އެޒުވާނުންގެ ކިބައިން މައްކާގެ ޚަބަރު އޮޅުން ފިލުވުމަށެވެ.
އެޒުވާނުންދެންނެވިއެވެ: މައްކާ އޮތީ ބޮޑު ހަމަނުޖެހުންގަނޑެއްގެ ތެރޭގައި، މައްކާގެ އެންމެ އަމާނާތްތެރި އިތުބާރުހިފޭ މުހައްމަދު (ސއވ) އަކީ ﷲ އެކަލާނގެ ދީން ފުރިހަމަކުރެއްވުމަށް ފޮނުއްވި އެންމެފަހުގެ ރަސޫލާކަމަށް ދައުވާ ކުރަންފަށައިފިއެވެ. އަދި ބުދުތަކަށް އަޅުކަން ނުކުރުމަށާއި ހުރިހާ ދިރޭތަކެއްޗާއި، ތަރިތަކާއި، އިރާއި، ހަނދާއި، މޫދާއި، ކަނޑު ހެއްދެވި ރަސްކަލާނގެއަށް އަޅުކަންކުރުމަށް ގޮވާލައްވައެވެ. އަދި އަޅުންނަށް ކަމޭހިތުމަށާއި އެކަކު އަނެކަށާއި ދުޝްމަންނުވުމަށް ގޮވާލައްވައެވެ.
މިޒުވާނުން މިދެންނެވި ވާހަކަތައް ތަލްހާއަށް ވަރަށް ކަމުގޮސްފިއެވެ. އެހެންކަމުން، ތަލްހާ (ރއ) އިތުރަށް ސުވާލުކުރެއްވިއެވެ.
ތަލްހާ: ގުރައިޝުންގެ ތެރެއިން އެއްވެސް މީހަކު އެގޮވާލެއްވުމަށް އިޖާބަދީފިތަ؟
ޒުވާނުން: އިބުނު އަބީ ގުހާފާ (އަބޫ ބަކުރު (ރއ)) އިޖާބަދީފި
އެއާއިއެކު މުހައްމަދު (ސއވ) ގެންނެވި ރިސާލަތު ދިފާއު ކުރުމަށް ތަލްހާ (ރއ) އަޒުމްކަނޑައެޅިއެވެ. ދެންނެވިއެވެ.
ތަލްހާ: އެއީ ﷲގެ ތެދުވެރި ރަސޫލެއް
ތަލްހާ އަވަސްވެގަތީ އަބޫ ބަކުރު (ރއ) އާއި ބައްދަލުކުރުމަށެވެ. އަބޫބަކުރު (ރއ) އާއި ބައްދަލުކުރައްވާ ތަލްހާ އާއި ދިމާވި އާދަޔާ ޚިލާފު ވާހަކަތައް ވިދާޅު ވެދެއްވުމަށްފަހު ކީރިތި ރަސޫލުﷲ (ސއވ) އާއި ބައްދަލުކުރައްވާ އިސްލާމްދީން ގަބޫލުފުޅު ކުރައްވަން ބޭނުންވާ ވާހަކަ ދެއްނެވިއެވެ.
ތަލްހާ (ރއ) ވެވަޑައިގެންފައިވަނީ އެންމެ ފުރަތަމަ އިސްލާމްދީން ގަބޫލުކުޅަ 8 ބޭފުޅުންގެ ތެރޭގައެވެ. އަބޫބަކުރު (ރއ)ގެ އަތްޕުޅުމައްޗަށް އިސްލާމްވެވަޑައިގަތް 5 ބޭކަލުންގެ ތެރޭގައި ތަލްހާ (ރއ) ހިމެނިވަޑައިގަންނަވައެވެ. އެކަލޭގެފާނުގެ މަންމާފުޅަކީ އައްސައުބާ ބިންތި އަބްދުﷲ ބިން އައްބާދު ބިން މާލިކެވެ. ﷲގެ ރަހުމަތްފުޅުން އެކަމަނާއަށް ވެސް އިސްލާމްދީނުގެ ހިދާޔަތު ލިބިވަޑައިގަތެެވެ.
މައްކާގެ ގުރައިޝުން ކުރި އަނިޔާއަށް ކެތްނުކުރެވިގެން އިސްލާމްދީން ގަބޫލުކުރި ބައެއް ބޭކަލުން ހަބަޝާއަށް ހިޖުރަކުރެއްވި ނަމަވެސް، ތަލްހާ (ރއ) ހިމެނިވަޑައިގެންފައި ވަނީ މައްކާގައި މަޑުކުރެއްވި ބޭކަލުންގެ ތެރޭގައެވެ.
މުސްލިމުންނަށް އޭރު ލިބެމުންދިޔަ ގިނަ އަނިޔާތައް ލިބެމުންގޮސް ފައިވަނީ އެބޭކަލަކު ނިސްބަތްވާ ގަބީލާއަކުން ނުވަތަ އެބޭކަލެއްގެ ގާތްތިމާގެ ބޭފުޅުންގެ ފަރާތުންނެވެ. އެނޫން ގޮތަކަށް އަނިޔާ ލިބިފައިވަނީ އަޅުންނާއި އަރަބިންނޫން ބޭފުޅުންނާއި ނިކަމެތިންނާއި ނަންހިގާ ގަބީލާއަކަށް ނިސްބަތްނުވާ ފަރާތްތަކަށެވެ. ތަލްހާ (ރއ) އަކީ މައްކާގެ ކަމުވޮށިވެގެންވާ މުއްސަނދި ވިޔަފާރިވެރި ބޭފުޅަކަށް ވުމުގެ އިތުރުން އެކަލޭގެފާނަކީ ބަނީ ތައިމަށް ނިސްބަތްވާ ބޭފުޅެކެވެ.
ބަނީ ތައިމު ވަންހަގެ އިސްލާމްވި ބޭކަލުންނަށް އެބޭކަލުންގެ ގާތްތިމާގެ މީހުންގެ ފަރާތުން އެހެން ގަބީލާތަކުގެ ބޭބޭފުޅުންނަށް ލުބުނުފަދަ އަނިޔާއެއް ލިބިފައިވާކަމަކަށް ތާރީޚުން ނުފެނެއެވެ. އެހެންކަމުން، ތަލްހާ (ރއ) އަށްވެސް އިސްލާމްދީނުގެ ކުރީކޮޅުގައި ގިނަ ބޭކަލުންނަށް ލިބުނުފަދަ އަނިޔާއާއި ދުއްތުރާތަކާއި ދިމާވެފައިވާ ކަމަކަށް ނުބެލެވެއެވެ.
ހިޖުރަ ކުރެއްވުން
ކީރިތި ރަސޫލު ﷲ (ސއވ) ހިޖުރައަށް ވަޑައިގެންނެވި އިރު ތަލްހާ (ރއ) ހުންނެވީ ވިޔަފާރި ދަތުރެއްގައި ޝާމްކަރައިގަ އެވެ. އެކަލޭގެފާނު އެދަތުރުފުޅުން އެބުރި ވަޑައިގެންނެވި މަގުމަތީގައި މަދީނާ ހުރަސްކޮށް ދަތުރުކުރައްވަނިކޮށް ކީރިތި ރަސޫލު ﷲ (ސއވ) މަދީނާއަށް ދަތުރުކުރައްވާ ޚަބަރު ލިބިވަޑައިގަތެވެ. މިޚަބަރާއިއެކު އެކަލޭގެފާނު ދަތުރުފުޅުމަތިން އަބޫބަކުރު (ރއ) އާއި ރަސޫލު ﷲ (ސއވ) ބައްދަލުކުރައްވައި މަދީނާގެ އަހުލުވެރިން ކީރިތި ރަސޫލު ﷲ (ސއވ) އަށް އިންތިޒާރުގައި ތިއްބެވި ޚަބަރު ދެއްވިއެވެ. އޭރު އެދެބޭކަލުން ތިއްބެވީ މަދީނާއާއި ނުލާހިކު ކައިރި ހިސާބެއްގައިކަމުން މައްކާގެ މުޝްރިކުންގެ ބިރުވެރިކަމުން ވަނީ ސަލާމަތްވެފައެވެ.
އިސްލާމީ ތާރީޚީ އިލްމުވެރިއެއްކަމަށްވާ އިބުނު އިސްހާގު ރިވާކުރާއްވާ ގޮތުގައި ކިރިތި ރަސޫލުﷲ (ސއވ) އާއި އަބޫބަކުރު (ރއ) އާއި ދެބޭކަލުން މަދީނާ އަށް އަރާވަޑައިގެންނެވިއިރު ތުރުކުރައްވާފައިވާ ހެދުންކޮޅަކީ ތަލްހާ (ރއ) އެދަތުރުފުޅުގައި އެދެބޭކަލުންނާއި ބައްދަލުކުރައްވާ ވެދުމަށް އެރުއްވި ހެދުންކޮޅެކެވެ.
ތަލްހާ (ރއ) އެދަތުރުފުޅު ނިންމަވާ މައްކާ އަށް ވަޑައިގަތުމަށްފަހު ގާތްތިމާގެ ބޭކަލުންނާއި އަބޫބަކުރު (ރއ) ގެ އާއިލާއާއިއެކު މަދީނާއަށް ވަޑައިގަތެވެ. މައްކާގެ މުހާޖިރުން މަދީނާއަށް ހިޖުރަ ކުރެއްވުމާއި ވިދިގެން ކުރެއްވުނު ދެވަނަ މުއާޚާ (އަޚް ކުރެއްވުން) ގައި ތަލްހާ (ރއ) އާއިއެކު މުއާޚާ ކުރެއްވުނީ އަބޫ އައްޔޫބުލް އަންސާރީ އާއިއެވެ.
(ނުނިމޭ)
ޚިޔާލުތައް