“ޅެންވެރިކަމުގެ އަލި” މި ނަމުގައި ފުވައްމުލަކުގައި ޅެންވެރިކަން ދަސަކޮށްދޭ ކޯހެއް ފެށިގެން ކުރިޔަށް އެބަދެއެވެ. އަސާސީ ފެންވަރަށް ޅެންވެރިކަމުގެ ހުނަރުތައް ދަސްކޮށްދޭ މި ކޯހަކީ ހިލޭ ބައިވެރިވެވޭ ގޮތަށް ޢާއްމުކޮށް ހުޅުވައިލައިގެން ކުރިޔަށް ގެންދާ ކޯހެކެވެ. 17 އަހަރުން މަތީ ހަމަ ކޮންމެ މީހަކަށް ވެސް ފުރުޞަތު އޮތް މި ކޯސް ފެށީ ތިރީހަކަށް ބައިވެރިންނާ އެކުއެވެ. ނޮވެންބަރު 25ވަނަ ދުވަހު ފެށި މި ކޯސް ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ކޯސް ފައްޓަވައި ދެއްވީ ޙާފިޡް އަޙްމަދު ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ސިރާޖެވެ.
ފައްޓަވައިދެއްވަމުން އޭނާ ދެއްކެވި ވާހަކަފުޅުގައި ދިވެހިބަހުގެ އަދަބިއްޔާތު ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރުމުގެ މުހިއްމު ކަމުގެ މައްޗަށް އަލި އަޅުއްވައިލެއްވިއެވެ. ފުވައްމުލަކަކީ ޅެންވެރި ފަސްގަނޑެއް ކަމަށާއި އެކަން ދިރުވައި އާލާކޮށް ދަމަހައްޓަން މަސައްކަތް ކުރާން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

“ޅެންވެރިކަމުގެ އަލި” ކުރިޔަށް ދަނީ ފުވައްމުލައް ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމުގައެވެ. ކިޔަވައިދެއްވަނީ ދިވެހި ބަހުގެ އެކެޑަމީން ހިންގަވާ މި ފަދަ ބައެއް ކޯސްތަކުގައި ކިޔަވައިދެއްވާ ފަތުޙުﷲ ޞާލިޙެވެ. މިއީ ދިވެހިބަހުގެ އެކެޑަމީގެ މިންގަނޑުތަކަށް ހިންގާ ކޯހެއް ކަމުން ކޯސް ފުރިހަމަ ކުރާ ބައިވެރީންނަށް އެ އިދާރާގެ ސެޓްފިކެޓް ލިބޭނެއެވެ.



ޚިޔާލުތައް