މިއަހަރުގެ ޅެންވެރިންގެ ދުވަސް ފުވައްމުލަކުގައި ފާހަގަ ކުރުމަށް “އަފުންގެ ޅެންވޭރުން”ގެ ނަމުގައި ފުވައްމުލަކުގެ ޅެންވެރިން ތައްޔާރުވަމުން އަންނަކަމަށް މިހަރަކާތް އިންތިޒާމު ކުރައްވާ ފަތުހުﷲ ސޯލިހު ހާމަކުރައްވައިފިއެވެ. މިރޭ ފުވައްމުލަކު ރަސްމީ ބޯޅަދަނޑުގެ ސްޓޭޖުގައި ބާއްވާ މިހަރަކާތުގައި ފުވައްމުލަކުގެ ޅެންވެރިންގެ ޅެންވެރިކަމުގެ މަސައްކަތްތަކާއި ހުނަރުތައް ދައްކާލުން ހިމެނޭކަމަށް، މިކަލްނޫހަށް މައުލޫމާތު ދެއްވަމުން ފަތުހުއްﷲ ވިދާޅުވިއެވެ. މި ހަރަކާތުގައި ފުވައްމުލައް ސިޓީގެ ބައެއް ސްކޫލް ދަރިވަރުންގެ ސްޓޭޖް ހަރަކާތްތައް ފެނިގެންދާނެކަމަށް ވެއެވެ. މިރޭގެ ޅެންވެރިންގެ ހަރަކާތްތަކަށް ފުވައްމުލައް ސިޓީގެ އެންމެންނަށް ވަނީ ހުޅުވާލައިގެން ދައުވަތު ދީފައެވެ. މިހަރަކާތް ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 8:30ގައި ކަމަށް މައުލޫމާތު ލިބެއެވެ. އަދި މިހަރަކާތް ކުރިޔަށް ގެންދަނީ ފުވައްމުލައް ސިޓީ ކައުންސިލާއި ގުޅިގެން ކަމަށް ފަތުހުﷲ ހާމަކުރެއްވިއެވެ.

ލެންވެރިންގެ ދުވަސް ފާހަގަ ކުރަނީ މަރުޙޫމު އިބްރާހިމް ޝީހާބު އާއި ގުޅުވައިގެން
މިއީ ދިވެހިރާއްޖޭގެ 32 ވަނަ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ކުރިޔަށްގެންދާ ހަރަކާތެކެވެ. މި އަހަރުގެ ޅެންވެރިންގެ ދުވަސް ޚާއްސަ ކުރައްވާފައި ވަނީ، ދިވެހި ޝާއިރީ ބަގީޗާގެ ‘ނަރުގިސްމާ’ އަލްމަރުޙޫމާ ފާޠިމަތު ސަޢީދުގެ ހަނދާނުގައެވެ. މި އަހަރުގެ ޝިއާރަކަށް ހައްދަވާފައިވަނީ، އެ ކަމަނާގެ ޅެމެއްގެ ކަމުގައި ‘އޭ ދިވެހި ގައުމާއެވެ’ އިން ނަންގަވާފައިވާ ‘ތެދުވާށެ އަލުން އާ ދިރުމެއް ދޭނެ ގޮތެއްގައި …’ މި ޝިއާރެވެ.
މިދުވަސް ފާހަގަ ކުރަނީ މަޝްހޫރު އަދަބީ ފަންނާނު އުސްތާޒު އިބްރާހިމް ޝިހާބު (ބަގީޗާގެ މާލެ) އަވަހާރަވި 15 ޖެނުއަރީ 1988 އާއި ގުޅުވައިގެންނެވެ. ދިވެހިރާއްޖޭގެ ޅެންވެރިން އަދަބީ ގުލްޝަނުގައި މަޝްހޫރުވެފައި ވަނީ އެކިމާމަލުގެ ނަންނަމުންނެވެ. އެގޮތުން އޯކިޑުމާ – މުހައްމަދު އަމީން އާއި ޑޭޒީމާ – އަމިނާތު ފާއިޒާ /ޑޭޒީމާގެ ހިމެނެއެވެ. ނަމަވެސް އެއިގެ ކުރީގެ މީހުންގެ ގޮތުގައި ބަނޑޭރި ހަސަން މަނިކުފާނާއި، ބޮޑުފެންވަޅުގޭ ސީދީ އާއި ހުސޭން ސަލާޙުއްދީން ހިމެނެއެވެ. ކުރީގެ ޅެންވެރިކަމުގައި ފުވައްމުލަކުގެ އެންމެބޮޑަށް މަޝްހޫރުވެގެން ދިޔައީ ވާރުގޭ ހަސަންދީދީގެ އިހުގެ ރަށޮވެށިއައި އެއިގެ ފަހުން ކަރައްޔެ ކަޅުތުއްތު ދީދީގެ ރަށޮވެށިއެވެ. ފާއިތުވި އަހަރު ފުވައްމުލަކުގައި ޅެން ހަދަން ދަސްކޮށްދިނުމުގެ ކޯސްތަކެއް ކުރިޔަށްގެނފައި ވެއެވެ. އަދި މިފަހަކުން ފުވައްމުލަކަށް ނިސްބަތްވާ މީހުން ސޯޝަލް މީޑިއާގައި ޅެންހަދައި ޝާއިއުކުރަމުން އާދެއެވެ.

32 ވަނަ ޅެންވެރިންގެ ދުވަހުގެ ހަރަކާތް



ޚިޔާލުތައް