ދިހަވަނަ ބައި
އޮފީހުގައި އިންއިރު ފާއިތުވެ ދިޔަ އެތައް އަހަރެއްގެ ތެރޭ ހިތަށް ނުވާ ބުނަން ނޭނގޭ އުދަނގޫ ތަކެއް ވަމުން ދިޔައެވެ. މިއި ކީއްވެގެންވާ އުދަނގޫތަކެއް ކަމެއް ޙަމްދާންއަކަށް ނޭނގުނެވެ.
އެރޭ ގެއަށް އައިސް ނިދާން އޮށޯވެ އޮވެ އޮވެ ޙަމްދާންއަކަށް ނުނިދުނެވެ. ފޯނުގައި ތޫބާގެ ނަމްބަރ އޮތްތޯ ޗެކުކޮށްލިއެވެ. ނަމްބަރ އެބައޮތެވެ. މެސެޖް ކޮށްލުމަކީ ގޯހެއްހެއްޔެވެ!
ތޫބާގެ ފިރިމީހާއަކީ ޙަމްދާންގެ ރައްޓެއްސެކެވެ. އަނެއްކޮޅުން އައިރާއަކީ ޙަމްދާން ވަރަށް ވަރުން އެއްޗެއް އެނގޭތޯ މަސައްކަތް ކޮށްދިން ދަރިވަރެކެވެ. ވީއިރު އެއާއިލާގެ ޙާލު އަހާލާ ހެދުމަކީ ނެތްކަމެއް ހެއްޔެވެ! އެވަގުތު ޙަމްދާންގެ ޚިޔާލަށް އައީ އައިރާގެ މިހާރުގެ އުމުރެވެ.
އައިރާ ހުންނާނީ ވަރަށް ބޮޑުވެފަތާއެވެ. ޙަމްދާންސަރ ގެ މަތިން ހަނދާން ހުންނާނެ ކަމެއްވެސް ނޭނގެއެވެ.
“ސަލާމް! ކިހިނެތްތަ ޙާލު! ކޮބާތަ ޝަކީލް! އެންމެން ގަދަތަ!”
ޙަމްދާން ތޫބާއަށް މެސެޖްު ކުރީ ފަހު ދުވަހުއެވެ.
ފޯނަށް މެސެޖެއް އައި އަޑު ތޫބާއަށް އިވުނީ ޑިއުޓީއަށް ދާން ތައްޔާރުވާން ހުއްޓައެވެ. މިއަދު ޑިއުޓީ އޮތީ ދަންވަރު ގަޑީގައެވެ. އެހެންކަމުން މެންދުރު ކެއުމަށްފަހު ތޫބާ ކުޑަކޮށް ނިދައިލީއެވެ. ގޭގެ ކެއްކުމުގެ ކަންތަކުގައި ކުޑަކޮށް އުޅެލުމަށްފަހު ޑިއުޓީއަށް ދިއުމުގެ ކުރިން އަބަދުވެސް ތޫބާ ނިދާނެއެވެ. އެހެންނަމަވެސް އެއީ މިހާރު ތޫބާ ކަންތައް ކުރާގޮތެވެ. ފޯނުގެ ޑާޓާ ޖެއްސީ ފާޚާނާއިން ނިކުމެ ރިތިވާ މޭޒުކައިރިއަށް ޖެހިލާފައެވެ. އެކި އެކި ގްރޫޕުތަކުން މެސެޖުތައް ބަންޑުންވާ ވަރަށް އަންނާނެކަން ޑާޓާ ޖެއްސި އިރުވެސް ތޫބާއަށް އެނގެއެވެ.
ގަޑި ޖެހެން އުޅޭތީ ފޯނު ނަގައި ދަބަހަށް ލަމުން ތޫބާ ހިނގައިގަތީ ޑިއުޓީއަށް ދިއުމަށެވެ.
މެންދުރު ފަހު އޮފީހުގައި އިނދެފައި ލަންޗް ގަޑީގައި ރައްޓެއްސަކާއެކު ބްރޭކަށް ދިޔަ ޙަމްދާން ތޫބާއަށް މެސެޖު ކުރީ އެހެން އިނދެފައެވެ. އަދި ޖަވާބު ލިބޭނެބާއޭ ހިތަށް އަރައަރާ އެތައް އިރެއް ވީއިރު ވެސް ޖަވާބު ނުލިބުމުން ޙަމްދާން ފޯނު ލީ ޖީބަށެވެ. ތޫބާއަށް މެސެޖު ކުރަން ޙަމްދާން ނިންމީ ކުރީރޭ އެތައް އިރަކު ވިސްނުމަށްފަހުއެވެ.
އޮފީސް ނިންމާލާފައި އައިސް ޙަމްދާން ކުޑަކޮށް ޖައްސައިލީ އިރު އޮއްސުމުގެ ކުރިން ހޫދު ގޮވައިގެން ބޭރަށްދާން ހިތުލައިގެންނެވެ. އެހެން އޮވެ އޮވެ ފަސްގަޑި ބައިވީ ފަހުން މަންމަ އައިސް ދޮރުގައި ޓަކި ޖެހި އިރުވެސް ޙަމްދާން އޮތީ ދެއަތަށް ފުރޮޅި ފުރޮޅިއެވެ.
“އަނެއްކާ ތޫބާ މިހާރު އެ ނަމްބަރ ނުގެންގުޅެނީބާ! ނޫނީ އަހަރެންގެ މަތިން ހަނދާން ނެތުނީބާ!”
ޙަމްދާން ވިސްނައިލިއެވެ. އެ ދުވަހު ތޫބާގެ ގެއިން އައި ފަހުން މި ފާއިތުވި ފަސް ހަވަރަކަށް އަހަރު ދުވަހު ވެސް ޙަމްދާން ތޫބާއަކަށް އަދި ޝަކީލް އަކަށް ވެސް ނުގުޅައެވެ. ގުޅާލަން ބޭނުންވި ކިތަންމެ ފަހަރެއް އައެވެ. އެކަމަށް ހުރަސް އެޅި ސަބަބު ތަކެއް އޭރު ހުއްޓެވެ. އެހެންނަމަވެސް ފަހުން ފަހުން އައިސް ހަމްދާން ވެސް ތޫބާގެ މަތިން ހަނދާން ނެތުނީއެވެ.
ފަހަރެއްގައި ތޫބާ އަދިވެސް އުޅެނީ ޝަކީލްއާ އިނދެގެން ކަމަށްވެސް ވެދާނެއެވެ. ޝަކީލް މިހާރުވެސް އުޅޭނީ ކުރިން އުޅުނު އުޅުން ބާވައެވެ. އެހެން ވިއްޔާ ތޫބާ ފަކީރު……… ޙަމްދާން ދެއަތަކަށް ބޯހޫރައިލިއެވެ.
“ދަރިފުޅާ ޙަމްދާން! މިއަދު ހޫދުކޮއްކޮ ގޮވައިގެން ބޭރަށް ނުދަނީތަ! އެ ސޮރު މިހިރީ ތައްޔާރު ވެގެންނޭ!” މަންމަގެ އަޑަށް ޚިޔާލި ދުނިޔެއިން ޙަމްދާންއަށް ނިކުމެވުނެވެ.
“ނޫން މަންމާ! މިދަނީ!”
ޙަމްދާން ވަނީ ފާޚާނާއަށެވެ. މޫނު ދޮވެލާ ހަދައިގެން ބޭރަށް ނިކުމެ ހޫދު ގޮވައިގެން ޙަމްދާން ދިޔައީ ދުއްވާލުމަށެވެ.
ރޭގަނޑުގެ ކެއުން ތައްޔާރުކޮށްގެން ހުރެ ހުރެ ޙަމްދާން ނުނިކުތުމުން ޙަމްދާންގެ މަންމަ އެންމެ ފަހުން ޙަމްދާންގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލިއެވެ.
ދަރިފުޅާ! ދެބަފައިން ނިކުމެބަލަ ކާން!”
ޙަމްދާންގެ މަންމަ އެ އިޝާރާތް ކުރީ ހޫދުއަށްކަން އެނގޭތީ ޙަމްދާން ބަލައިލީ ނިދިފައި އޮތް ހޫދުގެ މޫނަށެވެ. މައުސޫމުކަން ފެންނަން ހުރި އެ ލޯބި ލޯބި މޫނުކޮޅަށް ޙަމްދާން ބަލައިލިއެވެ. އެއަށްފަހު މަންމަގެ ވާހަކައަށް ހަމްދާން ޖަވާބު ދިނެވެ.
“ކާހިތެއް ނެތް މަންމާ! ހޫދު ވެސް އެ އޮތީ ހަވީރު ނިކުމެފަ ކުޑަގޮތެއް ހަދާލައިގެން! ނިދިފަ އޮތީ ވެސް!”
“އެކަމަކު ވެސް ނުކުމެ ބަލަ! ބައްޕަ ބޭނުމޯ ދަރިފުޅާ ވާހަކައެއް ދައްކާލަން!”
މަންމަގެ އަޑުން ޙަމްދާންއަށް ފާހަގަވީ ސީރިއަސް ކަމެވެ.
ނުނިކުންނަން ބޭނުން ވިޔަސް ޙަމްދާންއަށް ޖެހުނީ މަންމައަށާ ބައްޕައަށް ކުރާ އިޙުތިރާމަކުން ނިކުމެ ކުރިތިލާން ޖެހޭ އެ ވާހަކަތަކާ ކުރިމަތި ލާށެވެ. ނިކުތުމުގެ ކުރިން ވެސް ބައްޕަ ދައްކަން އެ އުޅެނީ ކޮން ވާހަކައެއްކަން ގާތްގަނޑަކަށް ޙަމްދާންއަށް ޔަގީން ވެއެވެ.
މަޑުމަޑުން ހިނގާލާފައި އައިސް ބައްޕަ ގާތު އިށީން ޙަމްދާންގެ ނަޒަރު ހުރީ މަންމަގެ މޫނަށެވެ. ކީއްކުރަންހޭ އަހާފަދަ މޭރުމަކުން މަންމައަށް ލޮލުން ދެ ފަހަރަކު އިޝާރާތް ވެސް ކޮށްލިއެވެ. ޙަމްދާންގެ މަންމަ ދެނަހުރި ކަމަކަށް ނެހެދުނެވެ.
“ދަރިފުޅާ! ދަރިފުޅަށް އެނގޭނެ އަނެއްކާވެސް ބައްޕަ ދައްކަން މި އުޅެނީ ކޮން ވާހަކައެއްކަން!”
މިއީ ބައްޕަ ޙަމްދާން މީހަކާ ނީނދެގެން ވާހަކަ ދައްކާ އެތައް ފަހަރެއްގެ ތެރެއިން ފަހަރަކަށް ވާތީ ބައްޕަ އެހެން އިޝާރާތް ކުރީއެވެ.
“އަބަދުވެސް ބައްޕަ އާއި މަންމަ ދަރިފުޅު ގާތު ބުނަމުން އައީ ރަނގަޅު ކުއްޖަކު ހޯދައިގެން އިނުމަށް! އެކަން ދޫކޮށްލާފަ އޮތީ ދަރިފުޅުގެ އަތްމައްޗަށް! ތިހެން ހުހަށް ދަރިފުޅު ހުންނަތާ ވެސް މިހާރު ކިހާދުވަހެއް! އެހެން ވީމަ މިފަހަރު ބައްޕަ ދަރިފުޅު ގާތަކު ނުބުނާނަން ކުއްޖަކު ހޯދައިގެން އިންނާށެކޭ! މިފަހަރު މި ވާހަކަ މި ދައްކަނީ ރަނގަޅު ކުއްޖަކު ބައްޕައަށާ މަންމައަށް ފެނިގެން!”
ޙަމްދާން އިސް އުފުލާ ބަލައިލީ ފުރަތަމަ ބައްޕަގެ މޫނަށެވެ. އެއަށްފަހު މަންމަގެ މޫނަށެވެ.
“ދަރިފުޅު ދެކެފިންތަ މިގޭގަ މިހުންނަ މުފީދުބެގެ އާމިނާ!”
ޙަމްދާންގެ މަންމަ ޙަމްދާންއާ ކުރީ ޙަމްދާން ޙައިރާންވި ސުވާލެކެވެ.
“ނޫން ! ކީއްވީ!”
“އެކުއްޖާއާ ހަމްދާން އިންނަން މަންމަމެން އެދޭތީ އެ ވާހަކަ މި ބުނީ! އެއީ ވަރަށް ރަނގަޅު ކުއްޖެއް! އޭނަގެ ހުރީވެސް އެންމެ ދަރިއެއް! އެ ދަރިފުޅު ވެސް އުޅެނީ އޭނަގާތަކު ނޫން! ”
ވާހަކަ ދައްކަމުން އައިސް ޙަމްދާންގެ މަންމަ ހުއްޓުނީ ޙަމްދާން ގާތުގައެވެ. އަދި ކަނާތް ހިއްލާލާ ޙަމްދާންގެ ބޮލުގައި ފިރުމަން ފެށީ ކުޑަކުއްޖަކު ރުއްސަން އުޅޭހެންނެވެ. މަންމަގެ އެ ހަރަކާތުން އެކަނިވެސް މަންމަމެން ޙަމްދާން މީހަކާ އަލުން އިނުމަށް އެދި ތިބި ވަރު ޙަމްދާންއަށް ނަގައިގަނެވުނެވެ.
“މަންމާ! އަޅުގަނޑަށް ވަގުތުކޮޅެއް ދީ! ވިސްނާލާފަ އެއްޗެކޭ ބުނާނަން!”
މަންމަގެ އަތުގައި ދެއަތުން ހިފަހައްޓަމުން ޙަމްދާން ޖަވާބު ދިނީ އެ ނޫން ގޮތެއް ނެތިގެންނެވެ. އެ އަޑުގައިވަނީ އާދޭސްކަން އެ މަންމަ ދެނެގަތެވެ.
އެރޭ ކޮޓަރިއަށް ވަދެ ޙަމްދާން މަންމަމެން ދެއްކި ވާހަކައާ މެދު ވަރަށް ބޮޑަށް ވިސްނިއެވެ. އަލުން ކައިވެއްޏެއް ކޮށް ދިރިއުޅުން އަލުން ބަލުން ފަށަން ޖެހޭކަން ޙަމްދާން ވެސް ގަބޫލުކުރެއެވެ. އެހެންނަމަވެސް ދިރިއުޅުމުގައި ކަންތައްތައް ދިމާވި ގޮތުން ޙަމްދާން ވަނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. މަންމަމެނަށް އެނގޭނީ ވަރަށް ކުޑަމިންވަރެއްކަން ޙަމްދާން ވެސް ގަބޫލުކުރެއެވެ. ޙަމްދާން ތަޙައްމަލު ކުރި ގިނަ ކަންކަމަކީ އެހެން އެއްވެސް މީހަކާ ޙަމްދާން ޙިއްސާ ނުކުރާ ކަންކަމެވެ. އެހެންނަމަވެސް މަންމަމެނަށްޓަކައި ނަމަވެސް ޙަމްދާން ކައިވެއްޏެއް ކުރަން އެބަޖެހެއެވެ. މަންމަވެސް އެ ދަނީ އެއްދުވަހުން އަނެއްދުވަހަށް ގައިގެ ބާރު ދެރަވެ މުސްކުޅިވަމުންނެވެ. ހޫދުގެ ކަންތައް ޙަމްދާންއަށް އެކަންޏަކު ނުވެސް ކުރެވޭނެއެވެ. ރަނގަޅު އަންހެނަކު ދިރިއުޅުމަށް ގެންނަން ޙަމްދާން ބޭނުންވާ ހަމައެކަނި ސަބަބަކީ ވެސް ހޫދުއެވެ.
ޚިޔާލާ ފިކުރުގެ ކަނޑުން ޙަމްދާން ނިކުމެ ބޯ ހިއްލާލަން ޖެހުނީ ފޯނަށް އައި ވައިބަރ މެސެޖުގެ އަޑުންނެވެ.
“ހައި!”
މެސެޖު ބަލާލުމުގެ މާބޮޑު ބޭނުމެއް ޙަމްދާނުގެ ނެތެވެ. އެހެން ނަމަވެސް ދެވަނަ މެސެޖެއް އައުމުން ޙަމްދާންގެ ނަޒަރު ފޯނަށް ހުއްޓައިލިއެވެ. އެ ވަގުތު ޙަމްދާންގެ މޫނުމަތިން ފެނުނީ ޙައިރާން ކަމާއެކު ވެސް އުފާވެރި ކަމެވެ.
ތޫބާގެ މެސެޖަށް ޙަމްދާން ބަލައިލީ ޝުކުރުގެ ބެލުމަކުންނެވެ.
“އަހަރެން ރަނގަޅު! ޙަމްދާން ކިހިނެތް! އަޑު އެހިން…… ”
ތޫބާ ބުނަން އެ އުޅުނީ ޝީލާގެ މަރުގެ ވާހަކަ ކަން ޙަމްދާންއަށް އެނގެއެވެ. އެހެންކަމުން އެ ބުނި އެއްޗަކަށް އަޅާ ނުލާ ޙަމްދާން ކުރީ ސުވާލެކެވެ.
“ޝަކީލްއާ އެކު އެ ރަށުގައިތަ އަދިވެސް ތި އުޅެނީ!”
“ޙަމްދާންއަށް އެއްވެސް އިރެއްގަ އެނގޭ ކަމެއް ނެތީނު! އަދި ކިރިޔާ އެކަން މި އެނގުނީ! ހެހެ ހެ!”
ތޫބާ ދިން ޖަވާބުން އެކައްޗެއް ވެސް ހަމްދާންގެ ސިކުނޑިއަކަށް ނަގައެއް ނުގަނެވުނެވެ. އެހެންނަމަވެސް އެ ބުނީ މާނަ ހުރި ވާހަކައެއްކަން ޙަމްދާންއަށް އެނގުނެވެ.
“އެހެންތާ މިވީ!………..ދޯ! …… ދެން ބުނެބަލަ ކޮބާތަ ޝަކީލް!”
ޙަމްދާން ވާހަކަ ދެއްކީ ސަމާސާ ރާގަކަށެވެ.
“ޝަކީލް ކިޔާ މީހަކު އަހަރެންގެ ޙަޔާތަށް އައިއްސަ ދިޔަތާ ހަތަރު އަހަރު ފާއިތުވީ! އެހެންވީމަނު ޙަމްދާންއަށް އެއްވެސް އެއްޗެއް ނޭނގެއޭ މި ބުނީ ވެސް!”
ތޫބާގެ ޖަވާބުން ޙަމްދާންއަށް ލިބުނީ އިންތިހާއީ ސިހުމެކެވެ.
“ނުވެސް ބުނަމެއްނު! ކީއްވެ ނުބުނީ!”
ޙަމްދާންއަށް ނޭނގުނަސް އެ އަޑުގައިވަނީ ޝަކުވާއެވެ.
ޙަމްދާން ބުނި އެއްޗަކުން ތޫބާގެ ހިތަށް ލިބުނީ ފިނިކަމެކެވެ. މުޅި ޖިސްމުގައި ފިނި ވައިރޯޅިއެއް ބީހިލި ފަދަ އިޙުސާސެއް ކުރެވުނީ ކީއްވެކަމެއް ޚުދު ތޫބާއަކަށް ވެސް ނޭނގުނެވެ.
“ނުބުނި އެތައް ސަބަބެއް އެބަހުރި! އެކަމަކު އެއިން އެއްވެސް ސަބަބެއް މިވަގުތަކު ނުބުނާނަން! ”
ތޫބާ ބުނި އެއްޗަކާ ބުނި ގާތްގޮތުން ޙަމްދާންއަށް ހެވުނީއެވެ.
“ދެން ކޮން އިރަކު ބުނާނީ! އޭރުންތާ ވަގުތު ގުނަގުނާ މަށަށް ހުރެވޭނީ!”
ޙަމްދާން އެހެން އެ ބުނީ ސީރިއަސް ކޮށްހެއްޔެވެ! ތޫބާ ވިސްނައިލިއެވެ. މިހާ ގާތްކޮށް ޙަމްދާންއާ ދޭތެރޭ ތޫބާއަށް މި ދެކެވުނީ ކީއްވެހެއްޔެވެ! އެއް އިރެއްގައި ހަފުތާގެ ހަތަރު ދުވަހު ކޮންމެ ދުވަހަކު އެއްގަޑިއިރު ޙަމްދާން ފެންނަ ހިސާބުގައި ދެ އަހަރެއްހާ ދުވަހު އުޅުނަސް މިހާ ގާތްކޮށް ޙަމްދާންއާ ތޫބާއަށް ވާހަކަ ދެކެވުނީ އެންމެ ފަހަރަކު އެވެ. އަދި އެއީ އެދެމީހުން މީގެ ހަވަރަކަށް އަހަރު ކުރިން ދިމާވި އެންމެ ފަހު ފަހަރު ވެސް މެއެވެ.
އެ ދުވަސް ވަރަށް ރީއްޗަށް ތޫބާ ހަނދާން އެބަހުއްޓެވެ. ޝަކީލްގެ ކެހިވެރިކަމުގެ މަޅީގައި ތޫބާ ހައްޔަރުވެ، އެހިތް ފިސްފިސްވަމުން ދިޔައިރު ތޫބާގެ ހިތަށް ހަމައެކަނި ލުޔެއް ލިބެމުން ދިޔައީ ޙަމްދާންގެ މޫނު ފެންނަ ފަހަރު ތަކުގައެވެ. ކޮޓަރީގެ ކުޑަދޮރުންނާ ބަދިގޭގައި ތޫބާ އުޅޭ ވަގުތު ތަކުގައި ސިއްރު ސިއްރުން ޙަމްދާންގެ ހަރަކާތްތަކަށް ބެލުނީ އެ ފަދަ މާތް އަޚުލާގެއްގެ ވެރިއަކަށް ޝަކީލް ވެސް ވުން އެދިގެންނެވެ. އެހެން އެދުމެއް އޮވެގެނެއް ނޫނެވެ.
(ނުނިމޭ)
ޚިޔާލުތައް