A wide advertisement which will be shown on all devices. (700 x 100)

ސިއްރުން މިހިތާ ކުޅެލީ … 11

ސިއްރުން މިހިތާ ކުޅެލީ... ޝާހީން މުޙައްމަދު

އެގާރަވަނަ ބައި

އެ ދުވަސް ވަރަށް ރީއްޗަށް ތޫބާ ހަނދާން އެބަހުއްޓެވެ. ޝަކީލްގެ ކެހިވެރިކަމުގެ މަޅީގައި ތޫބާ ހައްޔަރުވެ، އެހިތް ފިސްފިސްވަމުން ދިޔައިރު ތޫބާގެ ހިތަށް ހަމައެކަނި ލުޔެއް ލިބެމުން ދިޔައީ ޙަމްދާންގެ މޫނު ފެންނަ ފަހަރުތަކުގައެވެ. ކޮޓަރީގެ ކުޑަދޮރުންނާ ބަދިގޭގައި ތޫބާ އުޅޭ ވަގުތު ތަކުގައި ސިއްރު ސިއްރުން ޙަމްދާންގެ ހަރަކާތްތަކަށް ބެލުނީ އެ ފަދަ މާތް އަޚުލާގެއްގެ ވެރިއަކަށް ޝަކީލް ވެސް ވުން އެދިގެންނެވެ. އެހެން އެދުމެއް އޮވެގެނެއް ނޫނެވެ.

ޝީލާގެ އުޅުމުގެ ވާހަކައަކީ އަބަދުވެސް ރަށުތެރެއިން ތޫބާ އަޑު އަހަމުން ދިޔަ ވާހަކަތަކެކެވެ. އެހެންނަމަވެސް އެއިން އެއްވެސް ވާހަކައެއް ޙަމްދާންގެ ކަންފަތާހަމައަށް ފޯރުވަން ތޫބާ ބޭނުން ނުވީ ޙަމްދާންގެ ހިތުގައި ތޫބާ ފަދައިން ރިއްސުވަން ތޫބާ ބޭނުން ނުވާތީއެވެ. ޙަމްދާންގެ ފަރާތުން ތޫބާއަށް ފެންނަމުން ދިޔަ އެތައް ރަނގަޅު ސިފަތަކަކާ ދޭތެރޭ ތޫބާގެ ހިތުގައި އަބަދުވެސް އިޙުތިރާމާ ތަޢުރީފު އުފެދެމުން އައެވެ.

ރަށުތެރޭގައި ތޫބާ އާއި ޙަމްދާން އަޅުވާ ކިޔައި އެދެމީހުންގެ ދެމެދު އެއްވެސް ޖިސްމާނީ ގުޅުމެއް ނެތް އިރު ވެސް ޝީލާ އެ އެރުވި އަޑަކީ ތޫބާ އެހާ އަވަހަށް އެރަށުން ފުރައިގެން އަންނަން ޖެހުނު އެއް ސަބަބެވެ. އަދި ޝަކީލްއަށް ތޫބާ ދޫކޮށްލަން ލިބުނު އެންމެ ވަރުގަދަ ހެއްކަކީ ވެސް ޝީލާ ޙަމްދާންއާ ތޫބާއޭ ކިޔާ ކުރި އެ ފޯނު ކޯލެވެ. ތޫބާއަށް އެޅުނު އެންމެ ބޮޑު ޅައެއްޗަކީ ޙަމްދާން ތޫބާގެ އަތުގައި ހިފި ކަމަށް ވެވުނު އެއްބަސްވުމެވެ.

މަދު ސިކުންތުކޮޅެއްގެ ތެރޭ ތޫބާގެ ސިކުނޑީގައި ވަށާ ބުރު ޖެހި މާޒީގެ އެތަށް ތަސްވީރަކަށް ފަހު ތޫބާ ވާހަކަ ދެއްކިއެވެ. އެއީ އެ ޚިޔާލުތަކުން ދުރުވެގަންނަން ތޫބާ ބޭނުންވާތިއެވެ.

“ދެންމެ ޑިއުޓީއިން މި އާދެވުނީ! ދެން ބޭނުމީ ނިދާލަން! ގުޑްނައިޓް!”

ޙަމްދާން ކުރި ސުވާލުގެ ޖަވާބުގެ ބަދަލުގައި ތޫބާ ބުނި އެއްޗަކުން ޙަމްދާން މާޔޫސްވިއެވެ. ކަރު އެލުވާލެވުނެވެ. އެހެންނަމަވެސް ތޫބާގެ ނިންމުމަށް އިޙުތިރާމްކޮށް ހަމްދާން ވެސް ބޭނުންވީ ނިދާލުމަށެވެ.

ނިދާލަން ބޭނުންވިޔަސް ޙަމްދާންގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ތޫބާ ބުނެލި ސަމާސާގެ ލަފުޒުތަކެވެ. ދެމާނަ އެކުލެވޭ އެ ވާހަކަ ތަކެވެ. މާޒީގެ ހަ އަހަރު ކުރިއަށް ޙަމްދާންއަށް ފީނާގަނެވުނީ އިޚުތިޔާރަކާ ނުލައެވެ.

ތޫބާގެ ކޮންމެ ޙަރަކާތެއް ޙަމްދާންއަށް ކަމު ދިޔައެވެ. ތޫބާގެ ގެވެހި ދިރިއުޅުން ދެކެ ޙަމްދާން ގަޔާވިއެވެ. އެފަދަ އަނތްބަކަށް ޝީލާވުން އެދި ދުޢާ ކުރެވުނެވެ. ތޫބާ ޝަކީލްއަށް ކިހާ ހެޔޮ ހެއްޔެވެ. ޝަކީލްފަދަ ޒިންމާ ދާރުކަން ކުޑަ މީހަކާ އެކު ވެސް އުޅުނީ އޭނަގެ ހުރި އުނި ސިފަތައް ފޮރުވައިގެންނެވެ. އެވަރުން ވެސް ތޫބާ ކިހާ އަޅާލިހެއްޔެވެ! އަށްގަޑި އިރުގެ ޑިއުޓީއެއް ނިންމާލާފައި އަޔަސް ގޭތެރޭގެ އެއްވެސް ކަމެއް ނުވެ އޮތްތަނެއް ޙަމްދާން ނުދެކެއެވެ. އޭރު ވެސް ޝީލާއާ ތޫބާއާ އަޅާކިޔަން ޙަމްދާންއަށް މަޖުބޫރުކުރުވީ ތޫބާގެ ހުރި މިފަދަ ފުރިހަމަ އަންހެނެއްގެ އެތައް ސިފަތަކަކާ ހެދިއެވެ. ޙަމްދާން ބޭނުންވީ ތޫބާ ފަދަ އަޅާލާ އޯގާތެރި ޙަޔާތުގެ ބައިވެރިއެކެވެ. ދިރިއުޅުމުގެ ކަންކަން ޙިއްސާކުރާ ތެދުވެރި ބައިވެރިއެކެވެ. އެހެންނަމަވެސް ތަޤުދީރު ޙަމްދާން ގެންގޮސް ބެއިންދީ މިހުރިހާ ކަމަކާ އިދިކޮޅު އަންހެނެއްގެ އުނގުތެރޭގައެވެ.

ނިދެމުން ނިދެމުން ގޮސް ނިދީގެ ފޮނި ޢާލަމަކަށް ހަމްދާންއަށް ދެވުނު އިރު މެންދަންވާން ގާތްވެއްޖެއެވެ.

ޖެހިގެން އައި ދުވަހަކީ ތޫބާ އެއް ކޮޓަރީގެ އެޕާޓްމެންޓަކަށް ރައްޓެހި ކުއްޖަކާއެކު ބަދަލުވުމަށް އޮތް ދުވަހެވެ. ކުރިން އުޅެމުން އައި ގެ ދޫކޮށް ތޫބާ އެހެން ތާކަށް ބަދަލުވަނީ ތޫބާއަކީ ހިނގާފައި އުޅޭ މީހަކަށްވެފައި ޑިއުޓީއަށް ދާން ފަސޭހަ ހިސާބަކުން އެކުގައި މަސައްކަތް ކުރާ ކުއްޖަކު ކޮޓަރިއެއް ހިފާފަ އޭނައާއެކު  އެ ކޮޓަރިއަށް އަންނަން އެދުމުންނެވެ. ދެމީހުން ޖެހިގެން ފީ ދެއްކީމަ މާ ބޮޑު ބުރައަކަށް ވެސް ނުވާނެތީއެވެ. ކުޑަ ސިޓިން ރޫމެއް ކައްކާ ތަންކޮޅަކާ އެކު ހުރުމުން ދެ މީހަކަށް ފަސޭހަ ކަމާއެކު އުޅެވޭނެއެވެ.

ވަރަށް ފަތިހު ތެދުވެ ފަތިސްނަމާދުކޮށްގެން ޙަމްދާން ނިކުތީ ޖޮގިންއަށެވެ. އެ ވަގުތަކީ ތޫބާ އޭރު އުޅެމުންދިޔަ ގެއިން ބަދަލުވާ ގެއަށް ދާން ތާއްޔާރު ވަމުން ދިޔަ ވަގުތެވެ.

ފޯނުގެ ވައިބާ ހުޅުވާލަން ތޫބާއަށް ވަގުތެއްވީ ވެސް މެންދުރުވާން އުޅެނިކޮށްނެވެ. އެ ދުވަހަކީ މެންދުރުފަހު ތޫބާގެ ޑިއުޓީއޮތް ދުވަހެކެވެ. އެހެންކަމުން ގޭތެރޭގެކަންތައް ހަމައަކަށް އެޅުވުމަށްފަހު ފެންވަރަން ފާޚާނާއަށް ވަންނަމުން ޑާޓާ އޮންކޮށްލިއެވެ.

ފާޚާނާއިން ނިމިގެން ނިކުމެ ނަމާދުކޮށްލައިގެން ކުޑަކޮށް އަރާމުކޮށްލާނަމޭ ހިތާ އެނދުގައި ޖައްސައިލި ތޫބާ ފޯނަށް ނަޒަރު ހުއްޓައިލިޔަސް ވެފައިވާ ވަރުބަލިކަމުން ނިދުނީއެވެ. ހޭލެވުނީ އިޝާރާ އައިސް ގޮވަން ފެށުމުންނެވެ.

“އޭ! ތޫ، ދޭއަވަހަށް ކާން! އެހެންނޫނީ ގަޑި ޖެހިދާނެ!”

އިޝާރާ އަކީ އެހެންމީހުން ލޯބިވާ ސިފަތަކެއް ލިބިފައިވާ އަޚުލާގު ރަނގަޅު ކުއްޖެކެވެ. ތޫބާއަށްވުރެ ހަވަރަކަށް އަހަރު އިޝާރާ ހަނގަސް އުޅުމުން ހީވާނީ ތޫބާއަށްވުރެ އެތައް އަހަރެއް ދޮށީމީހެއް ހެންނެވެ. ތޫބާއަށް އިޝާރާ ކަމުދާ އެންމެ މުހިންމު ސިފަތަކަކީ މިއީއެވެ.

އަވަސްކޮށްލައިގެން އެއްޗެއް ކާލައިގެން ތޫބާ ދިޔައީ ޑިއުޓީއަށެވެ. އަނެއްކާވެސް ފޯނަށް ބަލާނުލެވި ބިޒީވީއެވެ. ކުޑަނަމަވެސް ހުސްވަގުތުކޮޅެއް ތޫބާއަށް ލިބުނީ އެރޭ ކާގަޑީގައެވެ. ލިބުނު ބްރޭކް ގަޑީގައި ތޫބާ ދިޔައީ ކެންޓީނަށެވެ. ފޯނު ހުޅުވައިލީ އެތާ އިނދެގެންނެވެ. ވައިބާއިން އައިސްހުރި މެސެޖްތައް ބަލަމުން ދަނިކޮށް ލޮލުގައި އަޅައިގަތީ ޙަމްދާންގެ މެސެޖްތަކެވެ.

“ވަރަށް ގިނަ ވަގުތު ގުނިއްޖެ! ދެން ބުނަންވީނު! ”

ޙަމްދާންގެ ފުރަތަމަ މެސެޖު ކިޔާލާފައިވެސް ތޫބާގެ މޫނު އަލިވެގެން ދިޔައެވެ. އަމިއްލަ ނަފުސަށް ވެސް ސިއްރުން ހީނލެވުނެވެ. އިތުރު މެސެޖެއް ބަލާނުލާ ޙަމްދާންގެ އެ މެސެޖަށް ބަލަން އިރުކޮޅަކު އިނެވެ. އެއަށްފަހު ޙަމްދާން ފޮނުވާފައި ދެން ހުރި މެސެޖުތައް ކިޔުމަށް ތޫބާ އަވަސްވެގަތެވެ.

“އަހަންނަށް ހީވަނީ އަހަރެން ތޫބާ ގާތު ދައްކަން ވަރަށް ގިނަ ވާހަކަ އެބަ ހުރިހެން! އެކަމަކު އެތަނުން ތޫބާ ގާތު ދައްކާނީ ކޮން ވާހަކައެއްކަމެއް އަހަންނަކަށް ނޭނގެ!”

އެއް މެސެޖުގައި އޮތެވެ.

ޙަމްދާންގެ ކޮންމެ މެސެޖެއް ތޫބާ އެތައް ފަހަރަކު ކިޔެވެ. ކޮންމެ ފަހަރަކުވެސް އެއިން ކޮންމެ މެސެޖަކުން ތޫބާގެ ހިތަށް ބުނަން ނޭނގޭ ފޮނި އިޙުސާސްތަކެއް ކުރުވަމުން ދިޔައެވެ.

ރޭގަނޑުގެ ކެއުމަށް ތޫބާ ގެނައި ކާއެއްޗެހި ކަމުން މެސެޖު ބަލަމުން ކިޔަމުން އެއްފަހަރާ އެތައް ކަމެއް ކުރަމުން ދިޔުމުގެ ސަބަބަން ވަގުތު ދިޔަ ގޮތެއްވެސް ތޫބާއަކަށް ނޭނގުނެވެ. ކާތަށި ހުސްވުމުން ބަލައިލި އިރު މާބޮޑަށް ވެސް ލަސްވެއްޖެއެވެ. ފޯނު ޖީބަށް ލީ ޙަމްދާންގެ މެސެޖަށް އެއްވެސް ޖަވާބެއް ނުލިޔެއެވެ. އެހެންނަމަވެސް އުފާވިކަން އަންގައިދޭ އިމޯޖީއެއް ޙަމްދާންއަށް ހަދިޔާ ކުރަމުން ކުރިޔަށް ހިނގާފައި ދިޔަ ތޫބާ ދެން ގޮސް އަނެއްކާ ވެސް މަސައްކަތާ މަޝްޣޫލުވީއެވެ.

ތޫބާގެ އެ އިޝާރާތް ޙަމްދާން ބަލައިގަތީ ވަރަށް ޕޮޒިޓިވް ކޮށެވެ. އެހެންކަމުން ޖަވާބުގައި ” އިންތިޒާރުގައި އެބަހުރިން” ކަމަށް ލިޔެ މެސެޖު ފޮނުވައިލިއެވެ.

ކަންދިމާކުރިގޮތުން ހޫދުއާ އެކީ އޮށޯތުމުން އެރޭ ވަރަށް ކުރިން ޙަމްދާންއަށް ވެސް ނިދުނީއެވެ.

ހެނދުނު ތެދުވެ އާދައިގެ މަތިން ފަތިސްނަމާދުކޮށްލައިގެން ދުވަން ދިއުމުގެ ކުރިން ޙަމްދާން ފޯނު ހުޅުވައިލިއެވެ. އަދި ތޫބާގެ ޚަބަރެއް ވެފައި އޮތްތޯ ކެތްތެރިކަމެއް ނެތި ބަލައިލިއެވެ. ތޫބާ އިތުރު އެއްޗެއް ލިޔެފައެއް ނެތެވެ. އެހެންނަމަވެސް ތޫބާ އިނީ އޮންލައިންގައެވެ. ލިބުނު ފުރުސަތުގެ ބޭނުންކޮށްގެން ޙަމްދާން ތޫބާއަށް ހެނދުނުގެ ސަލާމް ފޮނުވައިލިއެވެ. ނެގި މަދު ސިކުންތުކޮޅަކަށްފަހު ތޫބާ މެސެޖެ ބަލައިފިކަން އެނގުމުން ޙަމަދާން ދެވަނަ މެސެޖެއް ވެސް ލިޔެ ފޮނުވައިލިއެވެ.

“އަހަރެންގެ މެސެޖަކަށް އިންތިޒާރު ކުރިންތަ!ހެ ހެހެ!”

ތޫބާ ފޮނުވި މެސެޖު ކިޔައިލުމުން ޙަމްދާންގެ ދެލޯ ވިދައިގަތެވެ.

“ކުރީމޭ ބުނެފިއްޔާ؟”

ޙަމްދާންވެސް ބޭނުންވީ ތޫބާ އާ ސުވާލެއް ކުރމަތި ކުރުމަށެވެ.

“ވަރަށް އުފާވާނެ!”

ތޫބާގެ ޖަވާބު އައިލެއް އަވަހެވެ.

ދެން ދިޔައީ އެއްވެސް މީހަކު ނުލިޔެ ދިޔަ ވަގުތުކޮޅެކެވެ. ވާހަކަ ކުރިއަށް ގެންދާނެ ގޮތަކާމެދު ކޮންމެމީހަކު ވެސް ވިސްނަނީކަމަށް ވެސް ވެދާނެއެވެ.

“ކޮބާތަ އައިރާ!”

ޒާތީ ވާހަކައެއް ދައްކަން ނުކެރުމުން ޙަމްދާން ބޭނުންވީ ހުޅުވާލެވިފައިވާ މައުޟޫއަކަށް ދާށެވެ.

“އައިރާ ވީ އޭނަ މަންމަ ގާތު! އައިރާ މަންމަ ފަހުން އިނީ ވަރަށް ރަނގަޅު މީހަކާ! އެކަމަކުވެސް އަހަރެން ގާތު ވަރަށް ފަހަކާ ޖެހެންދެން ވެސް އައިރާ ބަހައްޓާފަ ހުރީ!”

ތޫބާ އެއް ނޭވާއިން އައިރާގެ ވާހަކަ ޙަމްދާންއަށް ކިޔައިދިނެވެ.

“ދެން ކީއްވެ ފޮނުވައިލީ! އައިރާ މަންމަ ބުނީތަ!”

ޝައުގުވެރިކަމާއެކު ޙަމްދާން އޮޅުން ފިލުވަން ބޭނުންވާނެކަން ތޫބާއަށް މާކުރިން ވެސް އެނގެއެވެ. ސަބަބަކީ އައިރާ ވެސް ޙަމްދާން ދެކެ ވަރަށް ލޯބިވާތީއެވެ.

“ނޫން! އަހަރެން ކުޑަކޮށް ބަލިވެ އުޅެން ޖެހުނީމަ … އެހެންވެ!”

ތޫބާ ޖަވާބު ދިނީ މިފަހަރު މޮޅިވެރި އަޑަކުންނެވެ. އުފަން މައިމީހާއަށް ތޫބާ ނުވިއަސް އައިރާއަށް ތޫބާ އެއީ ހަމަ މަންމައެކެވެ.

“ތޫބާ! ….. އަހަރެން ވާހަކައެއް އަހާލަންތަ!”

އަނެއްކާވެސް މައުޟޫއުގެ ކޮޅު ބެދުމުން ޙަމްދާން ބޭނުންވީ އަހަންބޭނުން އެތައް ސުވާލުގެ ތެރެއިން އެންމެ ސުވާލެއް ނަމަވެސް ތޫބާއާ ކުރެވޭތޯ އިޒުނަ ހޯދުމެވެ.

“އަހާބަލަ!”

ތޫބާ ބޭނުންވީ ވާހަކަ ދިގު ދަންމާށެވެ. އެކަމަކު އެކަން ޙަމްދާންއަށް އަންގާކަށް ތޫބާ ބޭނުމެއް ނޫނެވެ.

“ކީއްވެ މިހާ ދުވަސް ވީއިރުވެސް………. ހުހަށް ތިހިރީ!”

ޙަމްދާން އަހަން ބޭނުންވި ސުވާލު އައީ ދުލު ކުރިއާ ހަމައަށެވެ. އިނގިލިތަކުގެ ކުރިއާ ހަމައަކަށް ނައެވެ. އެހެންކަމުން އިރުކޮޅަކު މަޑުކޮށްލުމަށްފަހު ބުނީ ފަހުން އަހާނެ ކަމަށެވެ.  ތޫބާ ހީކުރި ގޮތަށް ނުވުމުން ކަރު އެލުވާލެވުނެވެ.

ޙަމްދާން ދުވަންދާން ނިކުތީ އެހެން ދުވަސްދުވަހަށް ވުރެ މާ ލަސްވި ފަހުންނެވެ. އޭރުވެސް ތޫބާ އިނީ ޙަމްދާން ކުރި މެސެޖުތަކުން ތަފާތު މާނައެއް ނެގޭފަދަ ޖުމުލައެއް ނުވަތަ ލަފުޒެއް ނަމަވެސް ފެނޭތޯ ތަކުރާރުކޮށް އެމެސުޖުތައް ކިޔާލަ ކިޔާލައެވެ. ޙަމްދާންގެ ކޮންމެ މެސެޖަކީ ތޫބާގެ ހިތުގައި ފިރުމާ ލެވޭ ފިނި ރޯޅިއެއްކަން ތޫބާއަށް ބުނަން ނޭނގުނަސް އެކަން އިޙުސާސުން އެނގެއެވެ.

“ތިސުވާލުގެ އިންތިޒާރީ އެހާ ދިގު ނުކުރުން އެދެން”

ފޯނު ޑްރެސިންޓޭބަލްމަތީ ބޭއްވުމުގެ ކުރިން އެންމެފަހުން ތޫބާ ލިޔެ ޙަމްދާންއަށް ފޮނުވައިލިއެވެ.

ކޮލެޖަށް ދިއުމުގެ ކުރިން ހެދުން އަޅާ ތައްޔާރު ވެގެން ފޯނު ޖީބަށް ލުމުގެ ކުރިން ޙަމްދާން އަލުން ވައިބަރ މެސެޖުތަކަށް ބަލައިލިއެވެ. ޚާއްސަކޮށް ތޫބާގެ ހިލަމެއް އޭގެ ފަހުން ވިތޯ ބަލާލެވުނެވެ.

ތޫބާ އެދޭގޮތް ލިޔެފައި އޮތް މެސެޖު ފެނުމުން ޙަމްދާންއަށް ހީނލެވުނެވެ. ގާތުގައި މީހަކު ހުރިނަމަ އެއަޑު އިވުނީސްކަން ކަށަވަރެވެ. ޙަމްދާންގެ ކަނާތު ކޮލުގައިވާ އަޑިކޮޅު ވެސް ވަރަށް ފުރިހަމައަށް ޙަމްދާންއާ އެއްބައިވެލިއެވެ.

ކޮލެޖުގެ ގަޑިތައް ފެށެން އިރުކޮޅެއް އޮތުމުން ޙަމްދާން ބޭނުންވީ ތޫބާގެ މެސެޖަށް ޖަވާބު ލިޔުމަށެވެ. އެހެންކަމުން ލިޔާނެ އެއްޗަކާ ބެހޭގޮތުން ވިސްނަން އިރުކޮޅެއް ނެގުމަށްފަހު ލިޔެލިއެވެ.

” އަހަރެމެންނަށް މީޓް ކުރެވިދާނެތަ!”

އާދޭ މިއަދު ހޮސްޕިޓަލުގެ ކެންޓީނަށް! އަހަރެން ބްރޭކް ނަގާނަން އެގާރައިން!”

ތޫބާގެ ޖަވާބު ލިބުނީ ހީވެސް ނުކުރާހާ އަވަހަށެވެ.

“ހިއެއް ނުވޭ ތި ގަޑީގައި ދެވޭނެ ހެންނެއް! މީޓިން އެއް އެބައޮތް ތިގަޑީގައި!”

(ނުނިމޭ)

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !