ފުވައްމުލައް ސިޓީގައި ފުލުފުލުގައި ތަފާތު ކުޅިވަރު މުބާރާތްތަށް ތަފާތު ނަން ނަމުގައި ދަނީ ބާއްވަމުންނެވެ. “ފުވައްމުލައް ސިޓީ” އޭ ބުނުމުން އެއީ “ކުޅިވަރު ސިޓީ”އޭ ސިފާވާކަހަލައެވެ. ޒުވާނުންނަށްޓަކައި ކުޅިވަރު މުބާރާތްތަށް ބޭއްވުމަކީ މައްސަލައެއްކަމަށް ނުދެކެމެވެ. އެހެންނަމަވެސް ކޮންމެ ކަމެއްގައިވެސް ހައްދެ އޮންނަން ޖެހޭނެއެވެ.
ނިކަން ވިސްނާލައްވާ އަހަރެއްގެ މައްޗަށް ކިތައް ފުޓުބޯޅަ މުބާރާތް، ވޮލީ މުބާރާތް، ބަށިމުބާރާތް މިސިޓީގައި ތަފާތު ނަންނަމުގައި، ބޮޑެތި ފައިސާގެ އިނާމް ހުށައަޅައިގެން ބާއްވާމުން ގެންދާއިރު ޤުރުއާން މުބާރާތެއް، މަދަހަ މުބާރާތެއް ބާއްވަނީ އަހަރަކު އެއްފަހަރު ކަހަލަގޮތަކަށެވެ.
ހަމައެކަނި ޒުވާނުން ކުޅިވަރާއި މަޖަލުގެ ތެރެއަށް އަރަޤު ކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އޭގެ ބަދަލުގައި ޒުވާނުންގެ މުސްތަޤްބަލް އުޖަލާ ކުރާނެ ތަފާތު ޕްރޮގުރާމްތަކާއި، މި ސިޓީގައި މިހާރު ހުރި ބައެއް މައްސަލަތަކަށް އެޑްރެސްކޮށް ޕްރޮގުރާމްތަށް ހިންގަން ޖެހެއެވެ.
ނަމަވެސް ހިތާމައަކީ ޒިންމާދާރު މުއައްސަސާތަކާއި ތަނަވަސް ކަމުގެ އަހުލުވެރިންވެސް، ފޯރި ހުންނަނީ ފުލުފުލުގައި ކުޅިވަރު މުބާރާތްތަށް ބޭއްވުމަށެވެ. ރަށާއި ރައްޔިތުންނަށް ފައިދާ ހުރިކަމެއް ނުވަތަ ދީނީ މުބާރާތެއް ފަދަ ކަމެއް ކުރުމަށް މި ދެންނެވި ފަރާތްތަކުން ދެނީ ފިނި ތަރުހީބެކެވެ.
ކޮންމެ އަކަސް މިހަޔަލާއި މެދު ސިޓީ ކައުންސިލްގެ ޑިރެކްޓަރ އަހްމަދު މުހައްމަދު ގެ ހިޔާލު ތަފާތެވެ. އަޙްމަދު ދެކޭގޮތުގައި ފުވައްމުލައް އުފާވެރި ތަނަކަށް ހެދުމަށް ކުޅިވަރު މުބާރާތްތަށް ބާއްވަންޖެހެއެއެވެ.
“ސިޓީއަކީ ތަހުޒީބު ވުމާއިއެކު،ވަކި ޝަރުތުތަކެއް ޙާސިލް ކުރުމުން ލިބޭ ޝަރުވެރި ދަރަޖައަކަށް ވީހިނދު، ތަޙުޒީބް ތަނެއްގައި އޮންނާނީ އުފާވެރިކަމާއި، ފާގަތިކަން ނޫން ދެން އެހެން ކޮންކަމެއްތޯ؟ ކުޅިވަރަކީ ދެރަކަމެއްކަމަށް ތޯ! ސުވާލް އުފެދޭނަމަ ކިހާދެރަަތޯ؟ ފުރިހަމަ ސިއްހަތެއްގައި ފަރުދަކު ހުރުމަށް، ނުވަތަ ހުރިކަން އެގޭނީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންނާއި އިޖްތިމައީ ގޮތުން ދުޅަހެޔޮކަން ލިބިގެންކަމަށް ވީހިނދު، ކުޅިވަރު ހެޔޮގޮތުގައި ކުރިޔަށްދާނަމަ،އެތަނެއްގައި ދިރިއުޅޭ ބައެއްގެ ސިއްޙީ ހާލަތު ރަނގަޅުވެ، މުޖްތަމައުގެ ދުޅަހެޔޮކަން އިތުރުވެ، މީހުންގެ މެދުގައި ގުޅުންބަދަހިވެ ތަހުޒީބުކަން އިތުރުވެގެން ދާނެއެވެ” އަޙްމަދު މުހައްމަދު ވިދާޅުވިއެވެ.
ޚިޔާލުތައް