ކަރަންޓްގެ އަގު މާލެއާއި އެއްއަގަކަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ. އަންނަ މާޗް މަހު 1 އިން ފެށިންގެ މިބަދަލު ގެނައުމަށް ރައީސް އޮފީހުން ނިންމަވައި އެކަން އެނާޖީ މިނިސްޓަރަށް އަންގަވާފައިވާކަމަށް މިކަލް ނޫހަށް މައުލޫމާތުލިބެއެވެ. މިކަމާއި ގުޅޭގޮތުން ނޫސްވެރިންނާއި ބައްދަލުކުރައްވައި އެނާޖީ މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވަނީ އެކަން ރަސްމީކޮށް އިއުލާންކުރައްވާފައެވެ. އެނާޖީ މިނިސްޓަރު އިއުލާން ކުރެއްވި ގޮތުގައި ޑޮމެސްޓިކް ކެޓަގަރީގެ ސުން ޔުނިޓުން ފެށިގެން 400 ޔުނިޓުތަކާ ދެމެދުގެ ބޭންޑުތަކުން ރަށްރަށުގެ ކަރަންޓުގެ އަގު ވަނީ މާލެއާ އެއްވަރަށް ބަދަލުކޮށްފަ އެވެ.
ރަށްރަށުގެ ކަރަންޓުގެ އަގު މާލެއަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް މިދިޔަ ދުވަސްތަކެއްގައި ނަގަމުންދާތީ، ގިނަ ބަޔަކު އައީ ޝަކުވާ ކުރަމުންނެެވެ. އެހެންވެ، މިއީ ދިވެހި ތާރީޚުގައި ވެސް ރަށްރަށުގެ ކަރަންޓުގެ އަގު މާލެއެކޭ އެއް އަގަކަށް ބަދަލުކުރި ފުރަތަމަ ފަހަރުކަން މިނިސްޓަރު ތޯރިގް ފާހަގަ ކުރެއްވި އެވެ.
“މި ސަރުކާރު އައިއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތީ އެކި ޓެރިފް. މާލެ ސަރަހައްދަށް ވަކި އަގެއް، އަތޮޅު ތެރޭގައި އެކި ހިސާބުތަކަށް އެކި އަގުތައް. މިކަމަކީ ރައްޔިތުންނަށް ވަރަށް އުނދަގޫ އަދި ރައްޔިތުންނަށް ވަރަށް ކަންބޮޑުވެފައި އޮތް ކަމެއް. އެހެން ނަމަވެސް އަޅުގަނޑުމެން ސަރުކާރުން މަސައްކަތްކުރަމުން އައީ މި ފަރަގު ކުޑަކުރެވޭތޯ،” މިނިސްޓަރު ވިދާޅުވި އެވެ.
ކަރަންޓްގެ އަގަށް އައި ބަދަލު
– 0 ޔުނިޓުން ފެށިގެން 100 ޔުނިޓާ ހަމަޔަށް ދެން ނަގާނީ 1.50ރ.
– 101 ޔުނިޓުން ފެށިގެން 200 ޔުނިޓާ ހަމަޔަށް ނަގާނީ 1.70ރ.
-201 ޔުނިޓުން 300 ޔުނިޓާ ހަމަޔަށް ނަގާނީ 2.15ރ.
301 ޔުނިޓުން 400 ޔުނިޓާ ހަމަޔަށް ނަގާނީ 2.50ރ.



ޚިޔާލުތައް