މާނޭރު ފަންނުން މޫދަށް އެރުނު ބިދޭސީއަކު ގެނބެމުން ދަނިކޮށް ސަލާމަތްކޮށްފި އެވެ. އިއްޔެ ހަވީރު ހިނގި މިހާދިސާގައި ގެނބުނީ ފުވައްމުލަކުގައި މަސައްކަތްކުރާ އުމުރުން 40 ހަކަށް އަހަރުގެ ލަންކާ ފިރިހެނެކެވެ. އޭނާ މަސައްކަތް ކުރަނީ ފުވައްމުލަކުގައި ނަރުދަމާ އެޅުމުގެއި ހަރަކާތްރިވާ ސިއެރާ ކުންފުނީގައި މަސައްކަތް ކުރާ މީހެއްކަމަށް ވެއެވެ.
އޭނާ އިއްޔެ ހަވީރު މޫދަށް ދިޔައީ ރައްޓެހި ބަޔަކާ އެއްކޮށެވެ. އެއީ އަބަދުވެސް އެކުގައި މޫދަށް ގޮސް އުޅޭ ބައެއް ކަމަށް މައުލޫމާތު ލިބެއެވެ.
ފުވައްމުލަކު މާނޭރު ނެރަކީ ވަރަށް އޮއި ގަދަ ނެރެކެވެ. ގެނބުނު މީހާ ނެރަށް އެރިގެން ބޭރަށް ދިޔަ ކަމަށް މައުލޫމާތު ލިބެއެވެ. އޭނާ އޮޔާއި ދަމައިގެން ބޭރަށް ގެންގޮސް ގެންބެން ފެށުމުން އެހިސާބުގައި ތިބި ބަޔަކު އެތާ ކައިރީގައި ބަހައްޓާފައި ހުރި ލައިފް ރިންގެއް ގެންގޮސްގެން ސަލާމް ކުރީ ކަމަށް މައުލޫމާތު ލިބެއެވެ.
ގެންބުނު މީހާ މޫދުން ނެގިއިރު، ހަރަކާތް ހުއްޓި، ހަމަހޭ ނެތް ނެތްކަމަށް މައުލޫމާތު ލިބެއެވެ.
ގެންބެމުން ދިޔަ މީހާ ސަލާމަތްކޮށް ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސް އެޑް މިޓު ކޮށް ފަރުވާދީފައި ވެއެވެ. އޭނާއަށް މާކަ ބޮޑު އަނިޔާއެއް ލިބިފައި ނުވާކަމަށް އެ ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ފަރުޒާދު މީޑިއާއަށް ވިދާޅުވި އެވެ.
މިފަދަ ހާދިސާއަކުން ސަލާމަތް ވުމަށް އެހީތެރިވުމުގެ ގޮތުން ފުވައްމުލަކަށް ނިސްބަތްވާ ފައިސަލް ނަސީމުގެ ފައިސަލް ފައުޑޭޝަނުން ވަނީ ފުވައްމުލަކު ސިޓީއަށް ގެ އެކިއެކި ސަރަހައްދުަގައި ލައިފް ރިންގްތަކެއް ހަރުކުރީ މި ޖެނުއަރީ މަހު ކުރީ ކޮޅު ގައެވެ.
މާނޭރު ނެރަށް މޫދަށް އެރި އުޅުނު ފުވައްމުލަކު ހޮސްޕިޓަލުގެ އެތެރެހަށީގެ ޑޮކްޓަރު ޚާލިދު ޔޫސުފު ވަނީ 2015 ވަނަ އަހަރު މޭމަހުގައި ގެއްލިފައެވެ.
މާނޭރު ނެރަކީ އެއިގެ ކުރިންވެސް ފުވައްމުލަކުގެ އެތައް ރައްޔިތުންގެ ފުރާނަ ގެއްލި ދިޔަ ތަނެ ކެވެ.
ފުވައްމުލަކު ބަނދަރު 2003 ގައި ބޭނުން ކުރަން ފެށުމުން މާނޭރު ފަންނު ބަނދަރެއްގެ ގޮތުގައި ބޭނުން ނުކުރެއެވެ. ނަވެސް ރަސްމީ ބަނދަރަށް ނުވަދެވޭ މަދު ހާލަތެއްގައި އެ ބަދަނރު ބޭނުންކުރެއެވެ.
އެކަމަކު މިދުވަސްކޮޅު އެސަރަހައްދުގެ ބޭނުން އާއްމުގޮތެއްގައި ނުކުރެއެވެ.



ޚިޔާލުތައް