ރައްޔިތުންގެ މަޖިލިސް މިދައުރަށް ހުޅުވުމުގެ ގޮތުން އިއްވަންޖެހޭ ރިއާސާ ބަޔާން 36 މެމްބަރުންނާއިއެކު އިއްވާ ނިންމަވައިފިއެވެ. ގިނަ ބަޔަކު ސުވާލު އުފައްދާފައިވާ ކުއްލި ނުރައްކަލުގެ ހާލަތާއިމެދު މި ބަޔާނުގައި އެއްވެސް ވަރަކަށް އަލިއަޅުވާލައްވާފައި ނުވުމަކީ ގިނަ ބަޔަކަށް ހައިރާންކަމެއް ގެނުވިކަމެކެވެ.
ރިޔާސީ ބަޔާނުގައި، ރައީސް ޔާމީން ވިދާޅުވީ ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެ ގެނެސް، ފުދުންތެރިކަން އިތުރު ކުރަން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ރައްޔިތުންގެ ތަނަވަސްކަމަށް ވިސްނައިގެން، ރައްޔިތުންގެ ލާބަ އާއި މަންފާ އަށް މަސައްކަތް ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ އަހަރަކީ ރައްޔިތުންނަށް ދަތިވެފައި ހުރި ކަންކަން ފުއްދައިދިނުމަށް ސަރުކާރުން ކުރި މަސައްކަތުގައި ވަރަށް ގިނަ ކުރިއެރުންތަކެއް ހާސިލް ކުރެވުނު އަހަރެއް ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ނުވަ ރަށެއްގައި 45 ކިލޯމީޓަރުގެ މަގު ހެދިފައިވާކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭގެ ތިންވަނައަށް އެންމެ އާބާދީ ބޮޑު އަދި ތިންވަނައަށް އެންމެ ބޮޑު ރަށް ކަމަށްވާ ފުވައްމުލަކުގެ މަގުތަކެއް އެކަށިގެންވާ ފެންވަރަކަށް އެމަނިކުފާނުގެ ޒައާމަތުގައި އަދިވެސް ހެދިފައެއްނުވެއެވެ.
ރިއާސީ ބަޔާންގެ ޚުލާސާ
– ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭ ކުށުގެ ނިސްބަތް 35 ޕަސަންޓް ދަށްކުރެވުނު
– ކިންގް ސަލްމާން މިސްކިތް މި އަހަރު ނިމޭނެ
– ހިޔާ މަޝްރޫއު 2019 ގައި ނިމޭއިރު ލައްކައަކަށްވުރެ ގިނަ މީހުންނަށް ބޯހިޔާވަހިކަން ލިބޭނެ
– ސައުދީން ދިން 160 މިލިއަން ޑޮލަރު ހޭދަކުރާނީ މަސްވެރިކަމުގެ ދާއިރާ އަށް
– މި އަހަރުގެ ދެވަނަ ޓާމުން ފެށިގެން ސްކޫލްތައް ވައިފައިކޮށް، ދަރިވަރުންނަށް ޓެބްލެޓް ދެވޭނެ
– ސްޕޯޓްސް އެރީނާގެ 80 ޕަސެންޓް ވަނީ ނިމިފައި، 380 ކުޅިވަރު ކޯޓު އެޅިއްޖެ
– ފުޓްބޯޅަ ޓްރެއިނިން ސްކޫލެއް އެޅުމުގެ މަސައްކަތް ހުޅުމާލޭގައި ވަނީ ފެށިފައި
– ނުވަ ރަށެއްގައި 45 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް ވަނީ ކުރެވިފައި
– މި އަހަރުގެ ނިޔަލަށް އިތުރު 12 ރަށެއްގައި މަގު ހެދުމުގެ މަސައްކަތް ކުރާނެ
– 30 ރަށެއްގައި ބަނދަރު ހެދުމުގެ މަސައްކަތް ނިމޭނެ
– ކުޅުދުއްފުށި. ފުނަދޫ، މާފަރު، މާވުރުލު އެއާޕޯޓް ހެދި ހިދުމަތް ދޭން ފެށޭނެ
– މާލެ އަތޮޅުގައި 27 ފަޅެއް ތަރައްގީކުރަން ވަނީ ހަވާލުކޮށްފައި
– 76،000 އަށް ވުރެ ގިނަ ވަޒީފާ އުފައްދާފައިވޭ



ޚިޔާލުތައް