މިހާރު ރާއްޖެއަށް ކުރަމުން ދާ ހުޅަނގު މޫސުމުގެ ވިއްސާރައާއެކު އިއްޔެ ވަނީ ފުވައްމުލަަކަށް މިފަހަކުން ދުވަހަކު ވެސް ނައަރާހާ ބޮޑަށް އުދަ އަރާފައެވެ. އިއްޔެ ނޫން ކުރީ ދުވަހު (ހުކުރު ދުވަހު) ހަވީރު ވެސް ކޮންމެވެސް ވަރަކަށް ފުވައްމުލަކުގެ ހުޅަނގު-ދެކުނު ބިތަށް އުދައެރި ކަމަށް އެހިސާބުތަކުގެ މީހުން މައުލޫމާތު ދީފައިވެއެވެ. އެކަމަކު އިއްޔެ ހަވީރު ދިޔަ ބޮޑުވި ވަގުތު ވަނީ ވަކިން ބޮޑަށް އުދައި އަރައި ބައެއް މުދަލަށް ގެއްލުންވެފައި އެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ވީކަމެއެއް އެގިފައެއް ނެތެވެ.
މިކަލް ނޫހަށް މައުލޫމާތު ލިބުނު ގޮތުގައި އެންމެ ބޮޑަށް އުދަ އަރާފައި ވަނީ އަރުއްފަން (ދިގުވާޑު)ނާއި ނާރުވަށް ފަންނު(މާދަޑު) އަދި ވަލިފަންނާއި ދެމެދުންނެވެ. ނާރުވައް ފަނުން އެރި ރާޅު އެއްގަމަށް އަރައިގެން ގޮސް ނައިބު ތުއްތު މަގާއި އެހިސާބުގައި ވާ އެހެން މަގުތަކުގައި ދިޔަ ބޮޑުކޮށްލިއެވެ. ނާރުވަށް ފަންނު މަގުން އެރި އުދަ އެއަށް ވުރެ ވެސް ބޮޑަށް ރަށުތެރެއަށް، އެއްގަމަށް އަރައިގެން ދިޔަކަމަށް ވެއެވެ.
އިއްޔެ އެރި އުދާގައި 15 ވަރަކަށް ފޫޓޫގެ ރާޅު ހުރި ކަމަށް ފުވައްމުލަކު ކައުންސިލުން ވަނީ މީޑިއާގައި ވިދާޅުވެފައެވެ. ސޯޝަލް މީޑިއާގައި އާއްމު ކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެއްގަމަށް އެރި ރާޅާއެކު ކުނި ބުންޏާއެކު އެމަގުތަކުގައި ދިޔަބޮޑުވެ ދަތުރުފަތުރު ކުރުމަށް ދަތިވިއެވެ. މީގެ އިތުރުން ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގެ ގޯތިތެރޭގައި ވެސް ފެންގަޑު ބޮޑުވެފައި ވެއެވެ. އަދި އެމަގުގައި ހުރި ފިނި މައިޒާނާއި ސައިކަލްތަކަކަށާއި ނައިބު ތުއްތު މަގުގެ ކައިރީގައި ހުރި ލުއިކާނާ ވިއްކާ ގާޑިޔާކަށް ތަކަށް ގެއްލުން ވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ފުވައްމުލަކު ހުޅަނގު-ދެކުނުން ދަޑިމަގު ފަނާއި، ދިގިފީށެ ފަންނާއި ދިގުވާޑާއި ދޭތެރޭގެ އެކި ފަންނު ތަކުން ވެސް އެއްގަމަށް އިއްޔެއާއި އެއިގެ ކުރީ ދުވަހު އުދަ އެރިކަމަށް މިކަލް ނޫހަށް މައުލޫ،ާތު ލިބިފައިވެއެވެ.
ފުވައްމުލައް އުފެދިފައި ވަނީ ރަށް ވަށައިގެން ހޭޅިފަށް އުސްކޮށް އޮވެފައި ރަށުގެ މެދަށް އަޑިކޮށެވެ. ވުމާއެކު ހޭޅިފަށް ފަހަނަޅައި އަންނަ ރާޅުތަކަކީ ފަސޭހަކަމާއެކު ރަށުތެރެއަށް ފެތުރިގެންދާނެ ރާޅުތަކެއްކެވެ.
މޫސުން ގޯސްވެފައިވާ މިދަނޑިވަޅުގައި މޫސުމާއި ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންނަމަ ފުވައްމުލަކު ފަޔަ ސްޓޭޝަނާއި ގުޅުމަށް ސިޓީ ކައުންސިލުން ވަނީ ކުރިން ނޯޓިސް ނެރެފައެވެ. އަދި މިއަދުވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ހިނދު ރާއްޖޭގެ އެކި ހިސާބައށް އުދައެރުމުގެ ފުރުސަތު އޮތުމާއެކު ހިފާގެންގުޅޭ ސާމާނާއި އިލެކްޓްރޯނިކު އާލާތްތައް ރައްކާތެރިގޮތުގައި ބެހެޓުމަށާއި މޫސުމާ ގުޅިގެން އެއްވެސް ކަމެއެއް ދިމާވެއްޖެ ނަމަ ފުވައްމުލަކު ފަޔަސްޓޭޝަންގެ ނަމްބަރު 9550254 އާއި ގުޅުމަށް ސިޓީ ކައުންސިލުން އިއްޔެވަނީ ދެވަނަ ނޯޓިސް އެއްވެސް ނެރެފައެވެ.



ޚިޔާލުތައް