ރޭ ކުޅެވުނު ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލް މެޗު ސްޕެއިންގެ ރިއާލް މެޑްރިޑުން ކާމިޔާބު ކުރުމާއެކު އެ ޓީމަށް ވަނީ ވިދިވިދިގެން 3 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ ޝަރަފު ލިބިފައެވެ. ރޭގެ މެޗު ރިއާލް އިން ކާމިޔާބު ކުރީ 3-1 ން އިނގިރޭސިވިލާތުގެ ލިވަރޕޫލް ބަލިކޮށްގެންނެވެ. މިއީ ރިއާލް އިން މިމުބާރާތް ކާމިޔާބުކުރި 13 ވަނަ ފަހަރެވެ. މިއީ ޔޫރަޕުގެ ކްލަބުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފުވެރި މުބާރާތުގެ ރެކޯޑެކެވެ.
ރޭގެ މެޗު ފަށައިގެން ފުރަތަމަ 15 ވަރަށް މިނިޓް ވަންދެން ލިވަރޕޫލުން ބޯޅަ ކޮންޓްރޯލް ހޯދައި ރިއާލްގެ ގޯލަށް ނުރައްކާ ކުރަމުން ދިޔައެވެ. މިއިން ކޮންމެ ފަހަރަކުހެން ވެސް ލިވަރޕޫލުގެ އުއްމީދުތަކާއި ގުޅިފައިވި ފޯވާޑް މިސްރުގެ ސަލާހްގެ މުހިންމު ރޯލެއް ހިމެނުނެވެ. ނަމަވެސް ފުރަތަމަ ފުރަތަމަ 30 މިނިޓަށް ފަހު ސަލާހް އަށް އަނިޔާވެ ބަދަލުކުރަން ޖެހުމުން ލިވަރޕޫލުގެ ކުޅުން ބޮޑު ތަނުން ދަށްވެގެން ދިޔަކަން ފާހަގަ ވިއެވެ.
އެއިގެ ފަހުން މުޅިމެޗުގައި ވެސް ރިއާލުން ބޯޅަ ކޮންޓްރޯލް ހޯދައި އިދިކޮޅު ގޯލަށް ނުރައްކާ ކުރަމުން ދިޔައެވެ. ނަމަވެސް ކުރިން ހީކުރެވިފައިވާ ގޮތާ ޚިލާފަށް މިމެޗުގައި މަޝްހޫރު ފޯވަޑް ކްރިސްޓިއާނާ ރޮނަލްޑޯއަށް މާއެދެވޭ ކުޅުމެއް ދެއްކޭގޮތެއް ނުވެއެވެ.
ރޭގެ މެޗުގެ ފުރަތަމަ ގޯލު ރިއާލްއަށް ކާމިޔާބުކޮށްދިނީ ކަރީމް ބެންޒަމާއެވެ. މިއީ ލިވަރޕޫލްގެ ގޯލްކީޕަރު، ކަރިއަސްގެ ފަރުވާކުޑަ ކަމުން ވަން ގޯލެކެވެ. ގޯލު އޭރިއާ ތެރެއިން ކަރިއަސް އަތަށް ނެގި ބޯޅަ އެޓީމު ކުޅުންތެރެއަކަށް ދުއްވާލަން އަތުން ބޯޅަ ދޫކޮށްލި ވަގުތު ކައިރީގައި ހުރި ބެންޒަމާ ދިއްކޮށްލި ފައިގައި ބޯޅަ ޖެހިފައިގޮސް ގޯލަށް ވަނީއެވެ.
ރޭގެ މޭން އޮފްދަ މެޗަކަށް ހޮވުނު ބަދަލު ކުޅުންތެރިއާ ގެރެތު ބޭލް ވަނީ މުބާރާތުގައި ޖެހި އެންމެ މޮޅު ގޯލް އޯވާރ ހެޑަކުން ކާމިޔާބުކޮށްދީ ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގާދިނެވެ. އެއިގެ ކުރިން، ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ލިވަރޕޫލުގެ މާނޭ އެޓީމަށް ގޯލެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ.
ރޭގެ މެޗުގެ 3 ވަނަ ގޯލަކީވެސް މެޗުގެ ފަހު 30 މިނިޓަށް ވެފައިވަނިކޮށް ކުޅެން އެރުވި ބޭލް އިދިކޮޅު ހާފުގެ މެދެއްހާ ހިސާބުން ފޮނުވާލި ބާރު ހަމަލާ އެކެވެ. ލިވަރޕޫލް ކީޕަރު ކަރިއަސް ބޯޅަ ހިފަން އުޅުމުގެ ތެރޭގައި އަތުގައި ޖެހިފައި ގޮސް ވަނީ ގޯލުތެރެއަށެވެ. މިއީ މުމުބާރާތުގެ ފައިނަލުގެ ފަހު ހާފުގައި ކުޅެން ނިކުމެ ދެގޯލު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
މުހިންމު މައުލޫމާތު
ޖެހިޖެހިގެން 3 ފަހަރު ޔޫއެފާ ޗެމްޕިްނސް ލީގުގެ ޗެމްޕއިންކަން 1970ގެ ފަހުން ހޯދި ހަމައެކަނި ޓީމަކަށް ރިއަލް މެޑްރިޑް
ޒައިނުއްދީން ޒިދާން އަކީ ކޯޗެއްގެ ގޮތުން މިމުބާރާތް 3 ފަހަރު ކާމިޔާބު ކުރި ހަމައެކަނި ކޯޗު.
ކްރިސްޓިއާނާ ރޮނަލްޑޯ އަކީ މިމުބާރާތް 5 ފަހަރު ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާ
ގެރެތު ބޭލް އަކީ މިމުބާރާތުގެ ފައިނަލްގައި 2 ގޯލު ޖެހި 7 ވަނަ ކުޅުންތެރިޔާ.
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފައިނަލް މެޗުގައި ކުޅެން ނިކުމެ ދެ ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަކި ބޭލް.



ޚިޔާލުތައް