ޖުމްހޫރީ ޕާޓީގެ ފަރާތުން އާއްމުުކުރި ހިޔަނި ކެބިނެޓް ލިސްޓުގައި ޑރ. މަހުމޫދު ޝައުގީގެ ނަން އޮތީ އެ ބޭފުޅާއަށް އެގިވަޑައިގެން ނޫން ކަމަށް ވިދާޅުވެއްޖެއެވެ. ކެބިނެޓް ލިސްޓްގެ 3 ވަނާގައި, ފައިނޭންސް މިނިސްޓަރު ގެ މަގާމަށް ހިމަނާފައި ވަނީ ޑރ. މަހްމޫދު ޝައުގީ އެވެ.
ކުރިން އެޑިއުކޭޝަން މިނިސްޓަރުކަމާއި ޓްވަރިޒަމް މިނިސްޓަރު ކަން ވެސް ކުރެއްވި ޑރ. ޝައުގީ އޭނާ ގެ ފޭސްބުކު ޕޭޖުގައި ދާދި ދެންމެއަކު ލިޔުއްވާފައި ވަނީ “ވަރަށް ގިނަ ބޭފުޅުން ސުވާލު ކުރައްވާތީ – ކެބިނެޓް ލިސްޓަގައި އަޅުގަނޑުގެ ނަން އޮތީ އަޅުގަނޑަށް އެނގިގެނެއް ނޫން” ކަމަށް ލިޔުއްވާފައި ވެއެވެ.
ކެބިނެޓް ލިސްޓު އާއްމު ކުރައްވަމުން ޖޭޕީގެ ލީޑަރު ވިދާޅުވެފައިވަނީ އެލިސްޓުގައި ހިމެނޭ ބޭފުޅުންނަކީ ޖުމްހޫރީ ޕާޓީ އާއިއެކު ކުރިޔަށް ވަޑައިގަންނަވާނެ ކަމަށް “ބެލެވޭ” ބޭފުޅުން ކަމަށެވެ. ނަމަވެސް އެ ލިސްޓަގައި ވާ މަގާމަކަށް ވަޑައިގަތުމަށް އިއުތިރާޒު ކުރައްވާ ބޭފުޅަކު ވެސް ހިމެނިފައި ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
މިހާރު އިނގިރޭސި ވިލާތުގައި ދިރިއުޅުއްވާ ޑރ. ޝައުގީ އަކީ ގިނަ ބަޔެއްގެ ލޯތްބާއި ތާއީދު އޮންނަ ބޭފުޅެކެވެ. އެމަނިކުފާނުންގެ އެޑިއުކޭޝަން މިނިސްޓަރު ކަމުގައި މުޅިރާއްޖޭގެ ތައުލީމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެނެސް ދެއްވިއެވެ.
މިހާރު ވެސް ވިލާ ކޮލެޖާއި ގައުމީ ޔުނިވަރސިޓިގެ މާސްޓަރސް ލެވެލް ކޯސަތަކުގައި ޑރ. ޝައުޤީ ލެކްޗަރ ދެއްވުމަށާއި އެކިއެކި އިލްމީ މަސައްކަތްތައް ކުރެއްވުމަށް ވަރަށް ގިނައިން ރާއްޖެ ވަޑައިގަންނަވައެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ޑޮކްޓޮރަލް ފާސް ނެންގެވި ޑރ. ސުނީނާ ރަޝީދުގެ އެކްސްޓަރނަލް ސުޕަވައިޒަރެއްގެ ރޯލު ވެސް ޑރ. މަހުމޫދު ޝައުޤީ އަދާކުރައްވާފައި ވެއެވެ.
ފުވައްމުލަކުގައި ބޭއްވުނު އެޑިއުކޭޝަން ކޮންފަރެންސްގައި ވެސް ޑރ. މަޙުމޫދު ޝައުޤީ ބައިވެރިވެ ވަޑައިގެންފައި ވެއެވެ.



ޚިޔާލުތައް