ފުވައްމުލަކު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖުލިސް މެންބަރު އަލީ ޝާހުގެ މެންބަރުކަމުގެ ގޮނޑި ގެއްލިއްޖެތޯ ނުވަތަ ނޫންތޯ އަރަތަކަށް ވެ އެކަމުގައި ކޮޅެއް ދޮރެއް ނޭނގި 1 އަހަރަށް ވުރެ ގިނަ ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. މި މައްސަލާގައި މިއަދު ސުޕްރީމް ކޯޓުން ނެރުނު ހުކުމުން ވެސް ކޮޅެއް މެދެއް ސާފުވާ ގޮތެއް ނުވިއެވެ.
މިއަދު ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުން ނެރުނު ހުކުމުގައި ކަނޑައަޅާފައި ވަނީ ފެބްރުއަރީ 1 ގައި އެކޯޓުގެ 5 ފަނޑިޔާރުން ނެރުނު ހުކުމުގައި ވާ ރައްޔިތުންގެ މަޖުލިސް 12 މެންބަރުންގެ ގޮނޑި ނުގެއްލޭކަމަށް ކަނޑައެޅުން ބާތިލު ކަމަށެވެ.
މި މައްސަލައާއި ގުޅިގެން 1 ފެބްރުއަރީގެ ކުރިން ވެސް ސުޕްރީމް ކޯޓުން ވަނީ ހުކުމަކާއި އަމުރެއް ނެރެފައެވެ. އެ ދެ ކަމުން ވެސް އާއްމު ރައްޔިތުނަނަށް މައްސަލައިގެ ނިމުން އެނގޭ ގޮތެއް ނުވިއެވެ.
މިއަދުގެ ހުކުމުގައި 12 މެންބަރުން ބައިވެރިކޮށްގެން މަޖުލީހުގެ ޖަލްސާއެއް ބާއްވަން ކުރި ހުކުމުގައި ބުނެފައިވާ ބައި ވެސް ވަނީ ބާތިލު ކޮށްފައެވެ.
ދައުލަތުގެ ބަންޑާރަ ނާއިބުގެ އޮފީހުން ހުށަހަޅައިގެން ކުރިޔަށް ގެންދާ މައްސަލާގައި ވާ ގޮތުން މަޖުލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި ހުރިހާ ޖަލްސާއަކަށް ހާޒިރުވުމަށް މެންބަރުންނަށް އެންގުމަށް ސުޕްރީމް ކޯޓުން 1 ފެބުރުއަރީގައި ނެރުނު ހުކުމަކީ ގާނޫނު އަސާސީއާ ހިލާފު ނިންމުމެކެވެ. އަދި އެކަން ކުރީގެ އުއްތަމަ ފަނޑިޔާރު އާއި ސްޕްރީމް ކޯޓުގެ އިސް ފަނޑިޔާރު ކުރެއްވީ ނުބައި ނިޔަތެއް އޮވެމެ، އަނެއް 3 ފަނޑިޔާރުނަށް އޮޅުވާލަައްވައިގެންނެވެ.
ނަމަވެސް ސުޕްރީމް ކޯޓުން މިއަދު ނެރުނު ހުކުމުގައި ވަނީ އެކަމުގައި ނުބައި ނިޔަތެއް އޮތްތޯ ބަލަން ނުޖެހޭ ކަމަށެވެ. އަދި ފަނޑިޔާރުންގެ އުސޫލާއި ޚިލާފު ކަމެއް ކޮށްފިނަމަ ފަނޑިޔާރުންގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެކަމަށެވެ.
މިއަދުގެ ހުކުމުގެ އިތުރު ނުކުތާއެއްގައި ވާ ގޮތުން 12 މެންބަރުންގެ ގޮނޑި އާއިމެދު ވަކި ގޮތެއް ނިންމައި ދިނުމަށް ވަކިވަކިން އެ 12 މެންބަރުން ހުށަހަޅުއްވާފައިވާ މައްސަލަތައް ސުޕްރީމް ކޯޓުގައި ރަޖިސްޓްރީވެފައިވާ ކަމަށް ވެއެވެ. އަދި އެއިގެ ތެރެއިން 4 މެންބަރެއްގެ މައްސަލަ ބަލާ ނިމި ހުކުމަކާއި ހަމަޔަށް އައިސްފައިވާ ކަމަށެވެ.
މި އަމުރުތަކަށް ބަލާއިރު ހާމަވެގެން ދަނީ މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް އަދި ސުޕްރީމް ކޯޓުން ކަނޑަނާޅާ ކަމެވެ. ގާނޫނު އަސާސީގައި ވާ ގޮތުން ރައްޔިތުންގެ މަޖުލީހުގެ މެންބަރެއްގެ ގޮނޑިއާއި މެދު ސުވާލު އުފެދިއްޖެ ނަމަ އެކަމުގައި ގޮތެއް ކަނޑަ އެޅުމުގެ ބާރު އޮތީ ހަމައެކަނި ސުޕްރީމް ކޯޓަށެވެ. އިލެކްޝަންސް ކަމިޝަނަށް އަދި ރައްޔިތުންގެ މަޖުލީހުގެ އިދާރާއަކަށް ވެސް ނޫނެވެ.
މެންބަރު ޝާހު އާއި އިތުރު 11 މެންބަރުންގެ މައްސަލަ ވަކި ގޮތެއް ނުނިމި ދިގުލައިގެން ދަނީ ކީއްވެތޯ ސުވާލު އުފައްދާ މީހުން ވެސް މަދެއް ނޫނެވެ.
މިއަދުގެ ހުކުމުން ވެސް ނަތީޖާއެއް ނުނެރެވި އެދިޔައީ ކީއްވެ ހެއްޔެވެ؟ މެންބަރުންގެ ގޮނޑި ގެއްލިއްޖެޔޭ ނުވަތަ ނުގެއްލެޔޭ ސުޕްރީމް ކޯޓަށް ނުބުނެވިގެން އެއުޅެނީ ކީއްވެ ބާއެވެ؟ ނުވަތަ ސުޕްރީމް ކޯޓުން ބުނަން އުޅޭ އެއްޗެއް ނުވަތަ ބުނާ އެއްޗެއް ރައްޔިތުންނަށް ސާފު ނުވެގެން އުޅެނީ ކީއްވެ ބާއެވެ؟
މިކަމަށް ސިޔާސީ ބައެއް ފަރާތްތަކުގެ ޖަވާބު ވަރަށް ސާފުވެފައި ކުރެވެ. އެއީ ސުޕްރީމް ކޯޓުން މަޖުލިސް 12 މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ނިންމައިފިނަމަ އަލުން އިންތިޚާބު ބާއްވަން ޖެހޭނެތީ އެވެ. އަދި ނުގެއްލޭ ކަމަށް ނިންމައިފިނަމަ ސަރުކާރަށް އެކަން ބަލައިގަންނަން އުނދަގޫ ވެދާނެތީއެވެ.
ބައި އިލެކްޝަނެއް ބާއްވައިފިނަމަ ސަރުކާރަށް އެ ގޮނޑިތައް ނުލިބި މަޖުލީހުގެ ތެރެއިން ސަރުކާރު ބޭނުން ކަންތައް ނުކުރެވިދާނެތީ ކަމަށް ސަރުކާރަށް ފާޑު ކިޔާ މީހުން ބުނެއެވެ. އެފަދަ ހާލަތެއްގައި އޮތް އިރު މަޖުލިސް އިންތިޚާބަކަށް ދާކަށް ސަރުކާރުން ނޭދެނީ ކަމަށް އެމީހުން ބުނެއެވެ.
އަދި ބާރަ މެންބަރުންގެ ގޮނޑީގެ މައްސަލާއާއި ގުޅޭ ސާފުނޫން އަމުރުތަކެއް އަދި ހުކުމް ތަކެއްގެ ތެރޭގައި މުއްދަތު ދުއްވާލެވިދާނެ ކަމަށް ސިޔާސީ ފަރާތްތަކުން ބުނެ ފާޑު ކިޔައެވެ. ކަމާއި ގުޅޭ ސާފު ހުކުމެއް ފެންނާނީ މަޖުލީހުގެ މިދައުރުގައި އިންތިޚާބު ބާއްވަން ނުޖެހޭ ހިސާބަށް ވަގުތު ކައިރި ވުމުން ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
ރާއްޖޭގެ އެންމެ އާބާދީ ބޮޑު އިންތިޚާބީ ދާއިރާ ކަމަށްވާ ފުވައްމުލަކު އުތުރު ދާއިރާގެ މަޖުލިސް މެންބަރު ޝާހު ވެސް ވަނީ އޭނާގެ ގޮނޑީގެ މައްސަލާގައި ގޮތެއް ނިންމައި ދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ލައިފައެވެ. ނަމަވެސް އެމައްސލާއިގެ އަޑުއެހުމެއް ނުބާއްވާ، ރަޖިސްޓްރީ ވެފައި އޮންނަތާ މިހާރު އެއްއަހަރު ދުވަހަށް ވުރެ ވެސް ގިނަ ވީއެވެ.
ޝާހު ތަމްސީލު ކުރާ ދާއިރާގެ މެންބަރުންގެ އަޑު މަޖުލީހުގައި ނީއްވި އެމީހުންގެ މައްޗަށް އެތަށް ކަމެއް ކުރުމަށް މަޖުލީހުން ގާނޫނުތައް ހަދާ ފާސްކުރަމުން ދާތީ، އެކަމުގެ ކަންބޮޑު ވުން އެކިސިފަ ސިފާގައި އެދާއިރާގެ ރައްޔިތުން އަންނަނީ ފާޅު ކުރަމުންނެވެ.



ޚިޔާލުތައް