އަންނަ ސެޕްޓެމްބަރ މަހު 23 ވަނަ ދުވަހު ބެއްވުމަށް ހަމަޖެހިފައިވާ ރިއާސީ އިންތިޚާބުގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ ފުވައްމުލަކު ރައްޔިތުންގެ އަދަދު 8 ހާހަށްވުރެ އިތުވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަނުން މިދިޔަ ޖޫން މަހު ނެރުނު ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަށް ބަލާލާއިރު ފުވައްމުލަކުގައި އެހައްގު ލިބިފައިވާ 8823 ރައްޔިތުން ތިބިއިރު އެންމެ ގިނަ މީހުން ތަމްސީލުކުރަނީ ފުވައްމުލަކު އެންމެ އާބާދީ ބޮޑު ދޫޑިގަމުންނެވެ.
ދޫޑިގަމުގެ ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 1456 މީހުންނަށެވެ. ދެވަނައަށް އެންމެ އާބާދީ ބޮޑު މިސްކިތްމަގުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 1364 މީހުން ތިބިއިރު ދަޑިމަގުގައި ވޯޓުލުމުގެ ހައްގު ލިބިފައި ތިބީ 1202 މީހުންނަށެވެ.
| ވޯޓް ލުމުގެ ހައްގު ލިބިފައިވާ | އަވަށް |
| 1,202 | ދަޑިމަގު |
| 1,009 | ދިގުވާނޑު |
| 1,172 | ހޯދަޑު |
| 746 | މާދަޑު |
| 1,364 | މިސްކިތްމަގު |
| 699 | މާލެގަމް |
| 1,175 | ފުނާޑް |
| 1,456 | ދޫޑިގަމް |
| 8,823 | ޖުމްލަ |
ރާއްޖޭގެ ތިންވަނަ އަށް އެންމެ އާބާދީބޮޑު ފުވައްމުލަކަކީ ސިޔާސީ މައިދާނުގައި ފަހަކަށްއައިސް ރަނިން މޭޓުން ތަމްސީލުކުރާ ސިޓީއެކެވެ. އެގޮތުން، މިހާރުގެ ސަރުކާރުގެ ފުރަތަމަ ނާއިބު ރައީސަކަށް ފުވައްމުލަކު ރައްޔިތަކު ވެފައިވާއިރު މިފަހަރުގެ ރިއާސީ އިންތިޚާބަށް ވާދަކުރާ އިދިކޮޅު ކެންޑިޑޭޓުގެ ރަނިންމޭޓަކީވެސް ފުވައްމުލަކުގެ ރައްޔިތެކެވެ. އިއްތިފާގުން މިރަނިންމޭޓުންވެސް އައިސްފައިވަނީ ފުވައްމުލަކު ދެކުނު ދާއިރާއިން ނެވެ.
ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ފުވައްމުލައް ތަމްސީލުކުރައްވާފައިވާ އަދި މިހާރުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމު ރަނިންމޭޓަކަށް ހޮވުމާއި ގުޅިގެން ފުވައްމުލަކުން އިދިކޮޅު އިއްތިހާދަށް ރަގަޅު ނަތީޖާއެއް ލިބޭނެކަމަށް އިދިކޮޅު ފަރާތްތަކުން ހާމަކުރެއެވެ.



ޚިޔާލުތައް