A wide advertisement which will be shown on all devices. (700 x 100)

އެމްބިއުލަންސް ދާންޖެހޭނީ ކިތައް މިނެޓުން!

ގިނަ ބަޔަކަށް ސިހުން ލިބުނު އެއްޚަބަރަކީ ރާއްޖެއިން ފުރަތަމަ ފަހަރަށް ކުޑަކުއްޖަކު ކޮވިޑުގައި ނިޔާވި ޚަބަރެވެ. އެޚަބަރާއިއެކު ތިލަވެގެން ދިޔަ އަނެއްކަމަކީ އެކުޑަކުޑަ ކުއްޖާގެ ސިއްހީ އިމަޖެންސީ ދިމާވެގެން އެންބިއުލަންސަށް ގުޅިފަހުން 2 ގަޑިއިރާއި 30 މިނިޓަށްވުރެ ގިނަ އިރު އެންބިއުލަންސް އައުމަށް ނެގުމެވެ.

މިކަމާއި ގުޅިގެން ރޭގެ މީޑިއާ ކޮންފަރެންސްގައި ގިނަ ބަޔަކު ކުރި ސުވާލުތަަކަށް އެކަށީގެންވާ ޖަވާބެއް ހެލްތު މިނިސްޓަރަށް ދެވުނުކަމަކަށް ނުބެލެވެއެވެ. އަދި މިކަމުގައި ބައެއްގެ އިހުމާލު އޮތްކަމަށް ގަބޫލުކުރައްވާ އެމައްސަލަ ބަލައި ނިމުމުން އެކަމާއިގުޅޭ ފިޔަވަޅު އަޅުއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިކަމުގެ ޒިންމާ ކޯލް ސެންޓަރުގައި ތިއްބަވާ ދެތިން މުވައްޒަފެއްގެ ލެވެލްއިން ނިމިގެންދާނެ ޖެހޭ މައްސަލައަކަށްވުރެ ބޮޑު މައްސަލައެކެވެ. އެހެނީ މާލޭގައި އެންބިއުލަންސެއް އައުމަށް 2 ގަޑިއިރާއި 30 މިނިޓު ނެގުމަކީ އާދައިގެ ކަމެއްނޫނެވެ. ރާއްޖޭގެ ހާލަތު އެހިސާބަށް ދިޔައީ ހެއްޔެވެ. އެންބިއުލަންސް ނެތީހެއްޔެވެ. ނޫނީ ޑްރައިވަރުން ނެތީ ހެއްޔެވެ. ނެތްނަމަ މިކަމުގައި އާންމުންގެ އެހީތެރިކަމަށް ގޮވާލަން ޖެހެއެވެ. އަދި އެހެން އުޅަނދުތައް އެންބިއުލަންސަށް ބަދަލުކޮށްގެން ވެސް ދިވެހި ރައްޔިތުންގެ ފުރާނަ ސަލާމަތްކުރަން ޖެހޭނެއެވެ.

މިއާއިއެކު ސުވާލު އުފެދެނީ އާންމު ގޮތެއްގައި އިމަޖެންސީ ޚިދުމަތަށް ދުނިޔޭގެ ގައުމުތަކުގައި ނަގަނީ ކިހާވަގުތެއް ހެއްޔެވެ. އެގޮތުން، ދުނިޔޭގެ ކާރޫބާރު ބޮޑު ނިއުޔޯކު ސިޓީގައި ފާއިތުވީ މާރިޗުމަހު ފުރާނައަށް ގެއްލުމެއްނުވާފަދަ މެޑިކަލް އިމެޖެންސީގައި އެންބިއުލާންސްގެ ދިއުމާއި ހަމައަށް ނަގާފައިވަނީ އެންމެ 12 މިނެޓެވެ. އަދި ފުރާނައަށް ގެއްލުންވެދާނެ ފަދަ އިމަޖެންސީގައި ނަގާފައިވަނީ 11 ވަރަކަށް މިނެޓެވެ. އާންމު ގޮތެއްގައި އެންބިއުލާންސް ފޮނުވާލުމަށް 5 ވަރަަކަށް މިނިޓުވެސް ނުނަގައެވެ. ނިއުޔޯކަކީ އެންމެ އަވަހަށް ކޮވިޑު ފެތުރިގެން ދިޔަ އެއް ސްޓޭޓެވެ. އަދި މި ރޯގާގައި 53 ހާސް މީހުން ވަނީ އެސްޓޭޓުން ނިޔާވެފައެވެ. އެސްޓޭޓުގައި އެންމެ ބާރަށް ކޮވިޑު ފެތުރިގެން ދިޔައީ މިދިޔަ އަހަރުގެ މެދުތެރޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެންބިއުލާންސް އައުމަށް ނަގާފައިވަނި 11 މިނިޓާއި 12 މިނިޓާއި ދޭތެރޭ ވަގުތެކެވެ.

ސިންގަޕޫރަށް ބަލާލާއިރު ސިންގަޕޫރުގައި އާންމު ގޮތެއްގައި އެންބިއުލަންސް އައުމާއި ހަމައަށް ނަގަނީ 11.4 މިނިޓެވެ. އަދި ބަލިމީހާ ހޮސްޕިޓަލާއި ހަަމައަށް ގެންގޮސް ދިނުމަށް ނަގަނީ 30 ވަރަކަށް މިނެޓެވެ.

މީގެ އިތުރުން ކާރޫބާރޫ ބޮޑު ލަންޑަނުގައި ވެސް އެންބިއުލަންސް އައުމަށް ނަގަނީ އާންމު ގޮތެއްގައި 20 މިނިޓަށްވުރެ ކުރު ވަގުތެކެވެ. ލަންޑަނުގައި މިދިޔަ އަހަރު އެންބިއުލާންސް 1 ގަޑި އިރާއި 1 މިނެޓު ނެގުން ވެގެން ދިޔައީ ބޮޑު ކާރިސާއެއްގެ އިތުރުން ރެކޯޑަކަށެވެ. އޭގެ ކުރިން އެންމެ ގިނަ ވަގުތުގެ ގޮތުގައި ރެކޯޑު ކުރެވިފައިވަނީ 26 މިނިޓެވެ.

މީގެ އިތުރުން އަވަށްޓެރި އިންޑިއާގައި އެންމެބިއުލާންސަށް މަޑުކުރަންޖެހޭ ވަގުތުގެ ގޮތުގައި ޓާގެޓްކޮށްފައިވަނީ 20 މިނެޓެވެ. 20 މިނެޓުގެ ތެރޭ ބަލިމީހާ ހޮސްޕިޓަލަށް ގެންގޮސްދިނުމަކީ އިންޑިއާގެވެސް އަމާޒެވެ.

ބައިނަލް އަގްވާމީ މިންގަނޑަށް ބަލާއިރު އެންބިއުލަންސް އައުމަށް ނަގަންޖެހޭނީ 10-15 ވަރަކަށް މިނެޓެވެ. ރާއްޖޭގައި މިމިންގަނޑަށް މަސައްކަތް ކުރޭތޯއެވެ. އަދި ރާއްޖޭގެ އަމާޒަކީ ކޮބައިތޯއެވެ. އެ އަމާޒަށް ވާސިލުވުމަށް ކުރާކަމަކީ ކޮބައިތޯއެވެ. މާލެފަދަ ސައިޒުގެ ގޮތުންވެސް ކުޑަ ތަނެއްގައި 2 ގަޑިއިރު ނެގުމަކީ އާދައިގެ ކަމެއްނޫނެވެ. ޒިންމާދާރު މަގާމުތަކުގައި ތިބި ޒިންމާ ނަގަންޖެހޭ ބަޔަކީ ކޮބައިތޯއެވެ. މީގެ ކުރިންވެސް ސިއްހީ ވަޒީރަކު މަގާމުން ދުރުކުރުމުގެ މަސައްކަތްތަކެއްވަނީ ކުރެވިފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !