މިއަދު މާލޭގައި ބޭއްވި އެމްޑީޕީ(މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ)ގެ ޕާލެމެންޓާރީ ގުރޫޕު (ޕީގީ) އިންތިޚާބުގައި ޕީޖީގެ އަމީންއާއްމުގެ މަގާމަށް ފުވައްމުލަކު މެދުދާއިރާގެ މަޖުލިސް މެމްބަރު ހުސޭން މުހައްމަދު ހޮއްވިޖެއެވެ.
މިމަގާމަށް ވާދަކުރީ ހުސޭން އެކަންޏެވެ. އެމްޑީޕީގެ އިންތިޚާބުތަކުގައި އުސޫލު އިންގޮތުން އެކަކު ކުރިމަތިލިޔަސް ވޯޓުލައި ތާއިދު އޮތްތޯ ބަލަން ޖެހެއެވެ. އެގޮތުން އެމްޕީ ހުސޭން އަށް ވަނީ 65 މެމްބަރުން ހިމެނޭ ޕީޖީ ގްރޫޕުން 63 މެމްބަރުންގެ ވޯޓު ލިބިފައެވެ.
އަމީން އާމުގެ ނާއިބުގެ މަގާމު ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ކާމިޔާބުރެއްވީ 35 ވޯޓާއެކު ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ބަލިކުރައްވައިގެނެވެ. މުއިޒަށް ލިބުނީ 29 ވޯޓެވެ.
މިއަދު މެންދުރުފަހުން ފެށިގެން ހަވީރަށް އެމްޑީޕީ އޮފީހުގައި ކުރިޔަށްދިޔަ އެތެރޭގެ މިއިންތިޚާބުގައި އެންމެ އިސްމގާމެއްގެ ގޮތުން ހޮވިގެންދިޔައީ ޗެއާޕާސަންގެ މަގާމެވެ. ޗެއާޕާސަންގެ މަގާމު އައްޑޫ، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ކާމިޔާބު ކުރެއްވީ މިހާރު އެމަގާމު ފުރުއްވަމުން ގެންދަވާ މެދުންވޭރު ދައިރާގެ އެމްޕީ އަލީ އާޒިމު އާއި ވާދަކޯސް 15 ވޯޓުގެ ތަފާތުންނެވެ.
އަސްލަމު 40
އާޒިމު 25
އަސްލަމު އަންނަނީ 2005 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި މަޖުލިސް މެމްބަރުކަން ކުރައްވަމުންވެ. އަދި އޭނާއަކީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރައްވާ މެމްބަރުންގެ ތެރެއިން މެދުނުކެނޑި އެންމެ ގިނަ ދުވަސް ވަންދެން މެމްބަރުކަން ކުރައްވާ ދެވަނަ ބޭފުޅާ އެވެ. އެންމެ ގިނަދުވަސްވީ ތ. އަތޮޅު މެމްބަރު ހަސަން އަފީފުއަށެވެ.
ޕީޖީގްރޫޕުގެ ލީޑަރުގެ ނާއިބުގެ 2 މަގާމަށް 3 ބޭފުޅުން ކުރިމަތިލައްވައި، އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) 49 ވޯޓާއެކު މަގާމު ޔަގީން ކުރެއްވި އިރު ދެން ވާދަކުރެއްވި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އާއި ހެންވޭރު އުތުރު ދެކުނު މެމްބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) އެއްވަރުވީ 34 ވޯޓުންނެވެ.
މިއަދު ދެން އިންތިޚާބު ކުރެވުނީ ޗީފް ވިޕާއި އިތުރު 6 ވިޕުންގެ މަގާމެވެ. ޗީފް ވިޕަކަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ހޮވުނީ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އަށް ވުރެ 3 ވޯޓު އިތުރަށް ހޯއްދަވައިގެނެވެ. ރާއިއަށް ލިބުނީ 31 ވޯޓެވެ.

މިއަދު ބޭއްވި އެމްޑީޕީ އެތެރޭގެ އިންތިޚާބުގައި ފުވައްމުލަކު 3 މެމްބަރުން ވެސް ވޯޓު ލެއްވި.
އިތުރު ވިޕުންނަކީ:
ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު (61 ވޯޓް)
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (58 ވޯޓް)
އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު (54 ވޯޓް)
ކޮމަންޑޫ ދާއިރާގެމެމެބަރު މުހައްމަދު ރާޝިދު (51 ވޯޓް) އަދި
މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް (51 ވޯޓް) އިންނެވެ.
އެމްޑިޕީގެ އެތެރޭގެ ބާރުތަކަށް ބަލާއިރު މި އިންތިޚާބު ގިނަ މަގާމުތައް ހޯއްދެވީ ރައީސް އިބޫ ސޯލިހުއަށް ވަފާތެރި މެމްބަރުންނެވެ.
އެމްޑީޕީގެ އިތުރު އިންތިޚާބުތައް ކުރިޔަށް ތާވަލް ކޮށްފައި ވެއެވެ.



ޚިޔާލުތައް