މީގެ ދެއަހަރުކުރިން އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތު ރޭ އުވާލައި އާންމު ތަންތަނުގައި މާސްކްއަޅަން މަޖުބޫރުނޫންކަމަށް އެޗްޕީއޭއިން ނިންމުމާއި ގުޅިގެން ސްކޫލްތަކުގައިވެސް މާސްކްއެޅުން މަޖުބޫރުނޫން ކަމަށް ތައުލީމާއި ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
މިކަމާއި ގުޅިގެން އެވުޒާރާއިން ރޭ ނެރުނު އިއުލާނުގައި ބުނެފައިވަނީ ” ހެލްތު ޕްރެޓެކްޝަން އޭޖެންސީ އިން އާންމު ތަންތަނުގައި މާސް އަޅަން ނުޖެހޭކަމަށް ނިންމުމާއި ގުޅިގެން، ބައްޔަށް ޕްޒިޓިވްވާ ރޭޓް (ކޮވިޑް ބައްޔަށް) 20 އިންސައްތަ އަށްވުރެ ދަށްކޮށް އުޅޭ ރަށްތަކުގެ ސްކޫލްތަކަށް ދަރިވަރުން ހާޟިރުވާއިރު މާސްކު އެޅުމަކީ މަޖުބޫރު ކަމަށްނޫން” ކަމަށް އަންގާކަމަށެވެ. ނަމަވެސް އެއީ އެދެވިގެންވާ ކަމެއް ކަަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މިދިޔަ ހޮނިހުރު ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ފުވައްމުލަކު ސިޓީގެ ކޮވިޑް ފެތުރޭ ނިސްބަތް އުޅެނީ 20އިން ސައްތައަށްވުރެވެސް ދަށްކޮށެވެ. އެދުވަހު ކޮވިޑް ރޯގާއަށް އެއްވެސް މީހަކު އެދުވަހު ޕޮޒިޓިވުވެއެވެ. އެކްޓިވް ކޭސްތަކުގެ ޖުމްލަ އަދަދަކީ 19 އެވެ. އެދުވަހު ނަތީޖާ ލިބިފައިވަނީ އެންމެ 6 ސާމްޕަލެއްގެއެވެ.
މިދިޔަ ހޮނިހިރުގެ ކުރިން ފުވައްމުލަކު ހޮސްޕިޓަލުން ތަފާސް ހިސާބު އާންމުކޮށްފައިވަނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ ތަފާސް ހިސާބެވެ. އެދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކޮވިޑް ރޯގާއަށް ޕޮޒިޓިވްވާ ނިސްބަތް އުޅެނީ 36 އިންސައްތާގައެވެ. އެއީ އެންމެ 11 ސާމްޕަލެއްގެ ނަތީޖާއިންނެވެ. އަދި މިމަހު 4 ވަނަ ދުވަހުގެ ނިސްނަތް އުޅުނީ 25 އިންސައްތާގައެވެ. އެއީ އެންމެ 4 ސާމްޕަލެއްގެ ނަތީޖާއިންނެވެ.



ޚިޔާލުތައް