ފަލަސްތީނު ރައްޔިތުންގެ އަތުން ފޭރިގެންފައިވާ ބިމުގައި ގާއިމުކޮށްފައިވާ ޓެރަރިސްޓް ދައުލަތް އިޒުރޭލު އުފެދުނު ދުވަހުން ފެށިގެން މިއަދާއި ހޭބޯނާރާ ކުރަމުންގެންދާކަމަކީ ފަލަސްތީނަށް ތާއީދުކުރާ ލީޑަރުން ޝަހީދުކުރުމެވެ. އެގޮތުން މިދިޔަ ހަފުތާއަކީވެސް ފާހަގަކުރެވޭ ހަފުތާއެކެވެ. އެހަފުތާއަކީ، އިޒުރޭލުގެ އުދުވާނީ ހަމަލާތައް ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސް އާއި ހިޒުބުﷲ ގެ ލީޑަރުންނަށް، އަމާޒުވެގެން ދިޔަ ހަފުތާއެކެވެ. ފުލުފުލުގައި ދިން މިދެހަމަލާއިން ހަމާސްގެ ލީޑަރު ހަނިއްޔާ މިދިޔަ ބުދަ ދުވަހު (31 ޖުލައި 2024) ޝަހީދުވިއިރު އޭގެ އެއްދުވަސްކުރިން ހިޒުބުﷲގެ ކޮމާންޑަރު ފުއާދު ޝުކޫރު ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި ޝަހީދުވިއެވެ.
އިޒުރޭލު އުފެދުނީއްސުރު ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކުގެ އަމާޒަކީ ހަމައެކަނި ފަލަސްތީނުގެ ލީޑަރުންނެއްނޫނެވެ. ފަލަސްތީނުގެ އިންޖިނޭރުންނާއި ސައިންސްވެރިންނަކީވެސް ޓެރަރިސްޓް އިޒުރޭލުގެ އަމާޒެކެވެ. އަދި ފަލަސްތީނަށް ތާއީދުކުރާ ކޮންމެ ލީޑަރަކީ އެބައިމީހުންގެ އަމާޒެކެވެ. މިފަދަ ހަރާކާތްތަކުގެ މަގުސަދަކީ އިޒުރޭލު މެދުއިރުމަތީގައި ދެމިއޮތުމާއި އެދައުލަތާއި ދެކޮޅު ހުރިހާ ހަކަރާތެއް ދުއްވާލުމުގެ އިތުރުން އެދައުލަތަކީ ނުފޫޒުގަދަ ދައުލަތަކަށްހެދުމެވެ. ނަމަވެސް، މިކަން ހާސިލުވަމުންދާ ކަމާއިމެދު ސުވާލުއުފެދެއެވެ.
މީގެ ވިހި އަހަރު ކުރިން، 2004 ވަނަ އަހަރުގެ މާޗް މަހު އިސްރާއީލުން ވަނީ ފުރޮޅުލީ ގޮޑީގައި އުޅުއްވަމުންގެންދެވި އުމުރުން ދުވަސްވެފައިވާ ހަމާސްގެ ބާނީ އަދި ރޫހާނީ ލީޑަރު ޝެއިޚް އަހުމަދު ޔާސީން ޣައްޒާގެ މިސްކިތަކުން ފަތިސް ނަމާދަށް ފަހު ނުކުމެވަޑައިގަންނަވަނިކޮށް ޝަހީދުކޮށްލާފައެވެ. އަދި ޔާސީންގެ ނާއިބަކަށް ހުންނެވި އަބްދުލްއަޒީޒު އައްރަންތީސީވެސް ޝަހީދުކޮށްލިއެވެ. އޭރު ޔާސީންގެ ބެލުމުގެ ދަށުން ހަމާސް އޮތީ ސައުދީ އަރަބިއްޔާއާއި ވަރަށް ބޮޑަށް ގުޅިފައެވެ. އަދި އެޖަމާއަތަކީ ހަތިޔާރުތަކުން މަހުރޫމުވެފައިވާ ޖަމާއަތެކެވެ. ޔާސީން ޝަހީދުވުމުން ހަމާސްގެ ލީޑަރަކަށް އައްޔަންވީ ޔާސީންއަށްވުރެ ހަރުކަށި ސިޔާސަތެއް ގެންގުޅުއްވި ޚާލިދު މަޝައަލްއެވެ. ޚާލިދުވެ ވެރިކަމުގައި އެޖަމާއަތުން ވަނީ އިރާނާއި ގުޅުން ބަދަހިކޮށްފައެވެ. ސައުދީއާއި ޚިލާފަށް އީރާނުން އޮތީ ރޮކެޓް ޑިޒައިންތަކާއި އެހެނިހެން އަސްކަރީ ޓެކްނޮލޮޖީތައް ހަމާސްއަށް ފޯރުކޮށްދިނުމަށް ތައްޔާރަށެވެ. ޓެރަރިސްޓް ދައުލަތް އިޒުރޭލުން އޭގެ ކުރިން 1997 ވަނަ އަހަރުވަނީ ޚާލިދު މަޝައަލް ޝަހީދުކޮށްލުމަށް ވިހައިގެ ހަމަލާއެއްދީފައެވެ. މުޅި ދުނިޔެ ސިއްސުވާލި މިހަމަލާ ގައި އާއި ގުޅިގެން ޖޯޑަންގައި އުފެދުނު ޕްރެޝަރުތަކުގެ ސަބަބުން ޖޯޑަންގެ ހުސެއިން ރަސްގެފާނު އެމެރިކާއާއި އިޒުރޭލަށް ދިން އިންޒާރާއިއެކު އިޒުރޭލުގެ ސަރުކާރަށް މަޖުބޫރުވީ ވިގައިގެ ފަހަރުވާ ޖޯޑަންއަށް ހާމަކުރުމަށެވެ. ޚާލިދު 2017 ވަނަ އަހަރު ހަމާސްގެ ލީޑާޝިޕު ހަނިއްޔާއަށް ހަވާލުކުރިއިރު ހަމާސް އޮތީ އީރާނުގެ އެހީތެރިކަމާއިއެކު އަސްކަރީގޮތުން ވަރަށްބޮޑުތަން ކުރިއަރާފައެވެ. ހަނިއްޔާއަށްފަހު އަނެއްކާވެސް ޚާލިދު މިޝައަލްއަށް ހަމާސްގެ ލީޑާޝިޕު ހަވާލުވުމުގެ ފުރުސަތުއޮތްކަމަށް ބެލެވެއެވެ. އެހެންކަމުން، އިޒުރޭލުން ލީޑަރަކަށް ފަހު ލީޑަރެއް ޝަހީދުކުރި ނަމަވެސް ހަމާސްގެ އަޒުމަކަށް ހަމާސްގެ ހިތްވަރަކަށް އަދި އެޖަމާއަތުގެ ހަރަކާތްތަކަކަށް މަޑުޖެހުމެއްނާދެއެވެ. އަންނަނީ ކުރިއަރަމުންނެވެ.
އިޒުރޭލާއި ދެކޮޅު ހިޒުބުﷲ ޖަމާއަތުގެ ހާލަތުވެސް ހުރީ ހަމައެގޮތަށެވެ.
އިޒުރޭލުން 1992ވަނަ އަހަރު ލުބުނާނުގެ ދެކުނުގައި ހިޒްބުاللهގެ ސެކްރެޓަރީ ޖެނެރަލް އައްބާސް އަލް މުސާވީ އާއި އޭނާގެ އަންހެނުންނާއި ހަ އަހަރުގެ ދަރިފުޅު ޝަހީދުކުރިއެވެ. އައްބާސް ޝަހީދުވުމުން އެޖަމާއަތު އަޒުން ވަރުގަދަވިއެވެ. ހިތްވަރު އިތުރުވިއެވެ. އަލްމުސާވީއަށް ފަހު އެޖަމާއަތުގެ ލީޑާޝިޕާއި ހަވާލުވެވަޑައިގަތް ހަސަން ނަޞްރުالله އަކީ އެއަށްވުރެ ވަރުގަދަ ހަރުކަށި ސާބިތު ބޭފުޅެކެވެ. އާލީޑަރާއިއެކު އެޖަމާއަތުގެ ނުފޫޒު ވަރަށް ބޮޑު ވެގެން ދިޔައެވެ. އަދި ޕްރެސިޝަން ގައިޑެޑް މިސައިލްތަކުން ފެށިގެން ދުރު ރާސްތާ ރޮކެޓްތަކާ ހަމައަށް އެ ޖަމާއަތުގެ އަސްކަރީ ގާބިލުކަން އިތުރުވިއެވެ. މިދިޔަ އަންގާރަ ދުވަހު ޝަހީދުވި ހިޒްބުاللهގެ ކޮމާންޑަރު ފުއާދު ޝުކުރުގެ ކުރިއެރުމުގެ މޭސްތިރިއަކީވެސް ހަސަން ނަސްރުﷲއެވެ.
މާޒީއަށް ބަލާލާއިރު އިޒުރޭލުން ހަމާސްގެ ނުވަތަ ހިޒުބްﷲގެ ލީޑަރުން ޝަހީދުކުރުމަކުން އެބައިމީހުންގެ ބިރުވެރިކަމުން ސަލާމަތެއްނުވެއެވެ. އަދި އިޒުރޭލުގެ މަގްސަދު ހާސިލުވަމުންދާތަނެއްވެސް ނުފެއެވެ. އިސްރާއީލުން ސިޔާސީ ނުވަތަ އަސްކަރީ ކޮމާންޑަރަކު ކޮމާންޑަރަކު ޝަހީދުކުރުމަށްފަހު އެކަމުގެ ކާމިޔާބު ފާހަގަކުރިނަމަވެސް، ޝަހީދުވި ލީޑަރު ނުވަތަ ކޮމާންޑަރުގެ ފެންވަރުގެ ނުވަތަ އެއަށްުރެ ކުޅަދާނަ ލީޑަރެއް ނުވަތަ ކޮމާންޑަރެއް އުފަންވެއެވެ.
ޚިޔާލުތައް