އައިޖީއެމްއެޗުގައި އައިނުގެ ވިޔަފާރި ފަށަން ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ ނަމްބަރު އައިނު ހައްދަން އާސަންދަ އިން ކޮންމެ ދެ އަހަރަކުން އެއް ފަހަރު ދޭ 1،000ރ. ގެ ބަދަލުގައި އެ އަދަދު 2،000ރ. އަށް މިހާރު ބޮޑުކޮށްފައިވާތީ، އަމިއްލަ ވިޔަފާރިތަކުން އޭގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށްޓަކައިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ،ސަރުކާރުގެ މި ނިންމުމާ އެކު، އައިނުގެ ވިޔަފާރިކުރާ މީހުން ކިތަންމެ ބޮޑަށް ހިތްހަމަނުޖެހުނަސް އެންމެ ރަނގަޅު ކަމަށާއި އެ މަނިކުފާނަށް މުހިންމީ “ވިޔަފާރިވެރިން ރައްޔިތުންނަށް އެ ދެރަ ނިކަމެތިކަން ދިނުމުގެ އާދަ މި ގައުމުން ފިލުވައިލަން” ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ނަމްބަރު އައިނު ހެއްދުމަށްޓަކައި އާސަންދައިން ކުޑަ އަގެއް ދޭ މައްސަލަ އާއި އަގު ބޮޑު މައްސަލަ ރިޔާސީ ކެމްޕެއިންގައި ވެސް އެ މަނިކުފާނަށް ވަރަށް ގިނަ މީހުން ޝަކުވާއެއްގެ ގޮތުގައި ހުށަހެޅި ކަމަށެވެ. އެހެންވެ، މިދިޔަ ދުވަސްތަކުގައި އެ ކަންކަން ދިރާސާކޮށް، ނަމްބަރު އައިނު ހައްދަން އާސަންދަ އިން ކޮންމެ ދެ އަހަރަކުން އެއް ފަހަރު ދޭ 1،000ރ. ގެ ބަދަލުގައި އެ އަދަދު 2،000ރ. އަށް ބޮޑުކުރަން ނިންމެވީ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ސިއްހީ ދާއިރާ ރަނގަޅު ކުރުމަކީ ހުރިހާ ކަމަކާ ލާމެހިފައިވާ ކަމެއް ކަމަށެވެ. އަދި އެއީ އެ މަނިކުފާނުގެ ސިޔާސަތުގައި އެންމެ އިސްކަން ދެއްވާ އެއް ކަން ކަމަށެވެ. އެގޮތުން މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 4،000 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ސިއްހީ މަޝްރޫއުތައް މި ސަރުކާރުން ހިންގަމުން އެބަދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.



ޚިޔާލުތައް