މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޛު ކުރުމަށް އައްޑޫ ސިޓީ ކައުންސިލްއާއެކު ފަހުމްނާމާއެއްގައި ސޮއިކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ކުރިއަށްގެންދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގައި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ސޮއިކުރައްވާފައި ވާއިރު، އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރުއެވެ. މި ރަސްމިއްޔާތުގައި ދެ މުވައްސަސާގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ފަހުމްނާމާއަކީ ޤާނޫނު ނަންބަރު: 2014/09 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު)ގެ 1005 ވަނަ މާއްދާގައިވާ ‘ތަފާތު އަދަބު އެއްހަމަ ކުރާ ތާވަލު’ ގައިވާ ގޮތުގެ މަތީން ކަނޑައެޅޭ އަދަބުތައް ތަންފީޛު ކުރުމުގައި ޢަމަލު ކުރާނޭ ގޮތްތަކާ ގުޅޭ ގޮތުން އެކުލަވާ ލެވިފައިވާ ގަވާއިދު ނަންބަރު: 2022/R-13 (ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޛު ކުރުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޢަމަލުކުރާނެ ގޮތުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަދަބު ތަންފީޛު ކުރުމުގައި، އަތޮޅު ކައުންސިލް ނުވަތަ ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލްއިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޢަމަލުކުރާނޭ ގޮތްތަކާ ގުޅޭގޮތުން ސޮއިކުރެވުނު ފަހުމްނާމާއެކެވެ.
އެގޮތުން އައްޑޫ ސިޓީ ކައުންސިލުން ކުރުމަށް އެއްބަސްވެފައިވާ ކަންތައްތަކުގެ ތެރޭގައި، ކޯޓުތަކުން ކަނޑައަޅާ އަދަބުގެ ބާވަތާ ގުޅިގެން ޤައިދީ ވަކި ތަޢުލީމީ ޕްރޮގްރާމެއް ނުވަތަ އެނޫން ޕްރޮގްރާމެއްގައިވެސް ބައިވެރިކުރުމަށް އަމުރު ކުރާ ޙާލަތުގައި، އައްޑޫ ސިޓީ ކައުންސިލް މެދުވެރިކޮށް ސަރުކާރުގެ އިދާރާތަކުންނާއި ކުންފުނިތަކުން އެއިރަކު ކުރިއަށް ގެންދާ ޕްރޮގްރާމެއްގައި ބައިވެރިކުރުމަށް އެމްސީއެސްއަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
މީގެ އިތުރުން މުޖުތަމަޢުއަށް ޚިދުމަތް ކުރުމަށް ކުރެވިދާނެ އެކި މަސައްކަތްތައް ދެނެގަތުމަށްޓަކައި އައްޑޫ ސިޓީ ކައުންސިލުންނާއި، ގުޅުން ހުރި އެން.ޖީ.އޯ ތަކުން އަދި މިނޫންވެސް އެކި ދާއިރާތަކުގެ މަޢުލޫމާތު ހޯދާ އެމް.ސީ.އެސްއާ ހިއްސާކުރުމާއި، އެކަން ހަމަޖެއްސުމުގައި އެމް.ސީ.އެސްއަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެއްބަސްވެފައިވެއެވެ.
އަދި ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އަދަބުތައް ތަންފީޛު ކުރުމުގެ މުއްދަތުގައި، ޤައިދީން މުޖުތަމަޢުއިން ބަލައިގަންނަ ފަރާތްތަކެއްގެ ގޮތުގައި ހެދުމަށާއި، މުޖުތަމަޢަށް އަލުން ގުޅިގެން ދިއުމަށްޓަކައި މުޖުތަމަޢުގެ ދައުރު ބަޔާންކޮށްދީ، އާންމުން ހޭލުންތެރި ކުރުމަށް އެމް.ސީ.އެސްއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.



ޚިޔާލުތައް