A wide advertisement which will be shown on all devices. (700 x 100)

ރާއްޖޭގައި 680 މިލިއަން ޑޮލަރުގެ އިގްތިޞާދީ މަޝްރޫއު ކުރިއަށްގެންދިއުމުގެ ޔަގީންކަން ވަނީ ލިބިފައި: މިނިސްޓަރ ސައީދު

ދިވެހި ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި 680 މިލިއަން ޑޮލަރުގެ މަޝްރޫއުތައް ކުރިއަށްގެންދިއުމުގެ ޔަގީންކަން ލިބިފައިވާ ކަމަށް އިގްތިސޯދާއި ތަރައްގީއާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސިންގަޕޫރުގައި މިއަދު ބޭއްވި ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، ދިވެހި ރާއްޖޭގެ އިގްތިސޯދު ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ. އަދި އިގްތިސޯދު ސިންދަފާތުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު، ސްޕެޝަލް އިކޮނޮމިކް ޒޯން(އެސްއީޒެޑް) ގައި އެކި މަޝްރޫއުތައް ކުރިއަށްގެންދިޔުމަށް ސަރުކާރުން ވަނީ ހުޅުވާލާފައިކަމަށާއި މިހާރު ވެސް މި ސަރަހައްދުގައި އިޔާދަކުރަނިވި ހަކަތައިގެ ބިޔަ މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ވަނީ ހުއްދަ ދީފައިކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ ޒޯންގައި ހުރި ފުރުސަތުތަކާއެކު މިހާތަނަށް 680 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓްގެ ޔަގީންކަން ސަރުކާރަށް ވަނީ ލިބިފައިކަމަށާއި މިއީ ތާރީހީ ކުރިއެރުމެއްކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.

ވަޒީރު ސައީދު ވިދާޅުވީ ރައީސް މުއިއްޒުގެ އަމާޒަކީ 2028 ވަނަ އަހަރު ރާއްޖޭ ޖީޑީޕީ 150 ބިލިއަނަށް އިތުރުކުރުން ކަމަށެވެ. އަދި 2030 ވަނަ އަހަރު ބޮލަކަށް ޖެހޭ އާމްދަނީގެ އަދަދު 17،000 ޑޮލަރަށް އިތުރުކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

އޭގެ އިތުރުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި އިންވެސްޓަރުންނަށް ގިނަ ފުރުސަތުތަކެއް އެބަހުރި ކަމަށެވެ. ސަރުކާރުގެ އެކި ސިޔާސަތުތަކާއެކު އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން މުހިންމު އެހެނިހެން ދާއިރާތަކަށް އިންވެސްޓްކުރުމުގެ ފުރުސަތު ފަހިވެފައިވާކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ވިޔަފާރިތަކަށް ރައްކާތެރި މާހައުލެއް އެބަ އޮތް ކަމަށާއި އިންވެސްޓަރުންނަށް ފަސޭހަކުރުމަށް ވެސް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާކަމަށް ވިދާޅުވިއެވެ.

ސިންގަޕޫރާއި ރާއްޖޭގައި ގުޅުން ބަދަހިވެފައިވަނީ އެއް ގައުމުން އަނެއް ގައުމަށްކުރި ކުރާ އިހްތިރާމްގެ ސަބަބުން ކަމަށް ސައީދު ވިދާޅުވިއެވެ. ރާއްޖޭގެ ފަތުރުވެރިން ކުރިއަރުވައި މިހާ ހިސާބަށް ގެނައުމުގައި ސިންގަޕޫރުގެ ވިޔަފާރިވެރިންނާއި ސިންގަޕޯ އެއާލައިންސްގެ ދައުރު ބޮޑުކަމަށް ވަޒީރު ވިދާޅުވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !