A wide advertisement which will be shown on all devices. (700 x 100)

ލުއިތަކަކާއެކު ހއ. ކެލާ ފަޅުގައި ރިސޯޓް ތަރައްގީކުރުމަށް އަލުން ހުޅުވާލުމަށް ނިންމައިފި

ލުއިތަކަކާއެކު ހއ. ކެލާ ފަޅުގައި ރިސޯޓް ތަރައްގީކުރުމަށް އަލުން ހުޅުވާލުމަށް ޓޫރިޒަމް މިނިސްޓްރީއިން ނިންމައިފިއެވެ.

ކެލާ ފަޅުގައި ދެ ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ބަޔަކު ހޯދުމަށް މިނިސްޓްރީއިން އިއުލާނުކުރީ މީގެ ތިން މަސް ކުރިންނެވެ. ނަމަވެސް އެ އިއުލާނުގެ ބިޑް މުއްދަތު ހަމަވެފައިވަނިކޮށް މިހާރު ވަނީ ބާތިލްކޮށްފައެވެ.

މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ އިއުލާނު ބާތިލްކުރީ ފަތުރުވެރިކަން ތަރައްގީވެފައިނުވާ އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ލުއިތަކެއް ދިނުމަށް ކަމަށެވެ. އަދި އެ ލުއިތަކާއެކު އަލުން ރިސޯޓް ތަރައްގީކުރުމަށް ހުޅުވާލާނެ ކަމަށެވެ.

ކެލާގެ ފަޅުގައި ދެ ރިސޯޓް ތަރައްގީ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް ބޮޑު ވައުދުފުޅެކެވެ. އެ ރަށުގެ ފަޅުގައި ރިސޯޓް ތަރައްގީކުރުމަށް ފަޅުތެރެއިން 156.2 ހެކްޓަރުގެ ސަރަހައްދަކާއި 169.3 ހެކްޓަރުގެ ސަރަހައްދެއް ބީލަމުގެ އުސޫލުން ދޫކުރުމަށް ކުރިން ކުރި އިއުލާނުގައި ސަރުކާރުން ނިންމިއެވެ.

މިހާތަނަށް ޓޫރިޒަމް ތަރައްގީ ނުވާ ހއ. އާއި ހދ. އަދި ށ. އާއި ތ. އާއި ލ. ގެ އިތުރުން އައްޑޫގައި ރިސޯޓު ތަރައްގީކޮށް އިންވެސްޓްކުރަން ޝައުގުވެރިވާ ފަރާތްތަކަށް 24 މަހުގެ މުއްދަތަކަށް ލުއިތަކެއް ދޭން ސަރުކާރުން ވަނީ ނިންމައިފައެވެ. އަދި ހަލާލް ޓޫރިޒަމް ރާއްޖެއަށް ތައާރަފްކޮށް ފަތުރުވެރިކަން ތަރައްގީކުރުމަށް އިންވެސްޓްކުރާ ފަރާތްތަކަށް ފަސޭހަވާނެ މަގުން ކަންކަން ކުރިއަށް ގެންދިއުމަށް ވެސް ވަނީ ނިންމާފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !