A wide advertisement which will be shown on all devices. (700 x 100)

ހުޅުމާލެއަކީ ރާއްޖޭގެ ފައިނޭންޝަލް ކެޕިޓަލަށްވުމުގެ ފުރުސަތު ވަރަށް ބޮޑު: އެޗްޑީސީގެ އެމްޑީ

ހުޅުމާލެއަކީ ރާއްޖޭގެ ފައިނޭންޝަލް ކެޕިޓަލަށްވުމުގެ ފުރުސަތު ވަރަށް ބޮޑު ތަނެއް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަދި ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މޭސްތިރިޔާ މުހައްމަދު މައުރޫފް ޖަމީލް ރޭ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ނަމުގައި ހުޅުމާލެ ތިން ވަނަ ފިޔަވަހީގައި މާލީ ފްރީ ޒޯނެއް ގާއިމުކުރުމަށް މި ސަރުކާރުން ވަނީ ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާ ހަވާލުކޮށްފައެވެ. އެ ތަނުގެ ބިންގާ މިދިޔަ މެއި މަހުގެ 5 ވަނަ ދުވަހުގައި އެޅި އިރު، މިއީ 8.8 ބިލިއަން ޑޮލަރުގެ ވަރަށް ބިޔަ މަޝްރޫއެކެވެ.

ޕީއެސްއެމްގެ “ރާއްޖެމިއަދު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ ހުޅުމާލެއަކީ ރާއްޖޭގެ ފައިނޭންޝަލް ކެޕިޓަލްއަށް ވުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮތް ތަނެއް ކަމަށެވެ. ހުޅުމާލެ ކޮޅުގައި މިހާރު އުފެދިގެން އެ ދަނީ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ މާލީ ޒޯން ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ 78،000 އަކަފޫޓުގެ ބޮޑު ބިމެއްގައި 6،500 އަށް ވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ގޮތަށެވެ. އަދި ދުވާލެއްގެ މައްޗަށް އެ ސަރަހައްދަށް 35،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރާނެ ކަމަށް ލަފާ ކުރެވެއެވެ.

މި ސެންޓަރު، 2030 ވަނަ އަހަރާ ހަމައަށް ނިންމުމަށް ރާވާފައިވާއިރު، އެމްއައިއެފްސީގެ އެންމެ މައި މަރުކަޒަކީ 3،500 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ ކޮންފަރެންސް ސެންޓަރެކެވެ. ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ކޮންވެންޝަން ސެންޓަރުގައި ބައިނަލްއަގުވާމީ ފެންވަރުގެ ކޮންފަރެންސްތަކާއި ސަގާފީ ހަރަކާތްތަކާއި އާ އީޖާދުތަކަށް މަގުފަހިކުރާ ހެކަތޯންތައް ބާއްވަން ވަނީ ރާވައިފައެވެ.

މި ޕްލޭންގައި ހިމެނެނީ ބައިނަލްއަގުވާމީ މައި އޮފީސްތަކާއި ސަރަހައްދީ އޮފީސްތަކަށް ހާއްސަކޮށް ފަރުމާ ކޮށްފައިވާ ފާހަގަކުރެވޭ ތިން ރެސިޑެންޝަލް އަދި އޮފީސް ޓަވަރުތަކާއި މަތީ ފެންވަރުގެ ބްރޭންޑެޑް ރެސިޑެންސްތަކާއި ދުނިޔޭގެ ނަން މަޝްހޫރު ހޮޓާ ބްރޭންޑްތަކާއި ފުރިހަމަ އަދި ތަފާތު ރީޓެއިލް ތަޖުރިބާއަކާއި އޯޝަނޮގްރަފިކް މިއުޒިއަމްއަކާއި މިސްކިތެއްގެ އިތުރުން އިންޓަނޭޝަނަލް ސްކޫލެއް ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު ތައުލީމީ ވަސީލަތްތަކެވެ.

މި މަޝްރޫއުގެ މަގްސަދަކީ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ފާހަގަކުރެވޭ ވަރަކަށް އިތުރުކުރުމާ އެކު، ފަސް ވަނަ އަހަރާ ހަމައަށް އެއް ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ މަތީ އާމްދަނީއެއް ހޯދަން މަސައްކަތް ކުރުމެވެ.

އެމްއައިއެފްސީގައި ކުންފުނިތަކުން ޓެކްސް ދައްކަން ނުޖެހޭ ގޮތަށް، ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ވިޔަފާރީގެ މިލްކުވެރިކަން ލިބޭއިރު، ރެސިޑެންސީ ޝަރުތުތަކެއް ނުހިމެނެ އެވެ. އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ފައިސާގެ އެކި ގޮތްގޮތުން މުއާމަލާތް ކުރެވޭ ބޭންކިން ހިދުމަތާއި އޮފްޝޯ ޕްރައިވެޓް ބޭންކިން ހިދުމަތް ލިބޭނެއެވެ.

ހުޅުމާލޭގެ މާސްޓާ ޕްލޭނަށް ބޮޑު ބަދަލުތަކެއް ގެނެސް، ރިވައިޒް ކުރި ޕްލޭން ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށް ދެއްވާފައި ވަނީ މިދިޔަ މެއި 26 ގައެވެ. މާސްޓާ ޕްލޭންގައި އެންމެ ބޮޑު އެއް ބަދަލަކީ ހުޅުމާލޭ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހައި ބިން ހިއްކައިގެން އެއްކޮށް ގުޅުވާލުމެވެ. ކުރިން ހުޅުމާލެ ތިން ވަނަ ފިޔަވައްސަށް ކަނޑައަޅާފައި ވަނީ އެންމެ ކަނެކްޝަނެކެވެ. މި ގެނައި ބަދަލާއެކު 11 މަގަކުން ހުޅުމާލެ ދެވަނަ ފިޔަވައްސާ ގުޅޭނެއެވެ.

މީގެއިތުރުން، ހުޅުމާލެ ބަނދަރު ސަރަހައްދު ވަރަށް ބޮޑަށް ބާރު ބޮޑުވެފައިވާތީ، އެކަމަށް ހައްލެއް ގެނައުމަށް ވެސް ޕްލޭންގައި ހިމަނާފައިވެއެވެ. އޭގެއިތުރުން އިސްލާމީ މަރުކަޒެއް ބިނާކުރުމާއި ފަރުކޮޅުފުށި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާ ސެންޓްރަލް ޕާކަށް ބަދަލުކުރުމާއި ދަރުބާރުގެއެއް އިމާރާތް ކުރުމާއި ހުޅުމާލެ ބަނދަރު ބޮޑުކޮށް، ޒާމާނީ ފެންވަރުގެ ފެރީ ޓާމިނަލެއް އެޅުމަށް ވެސް ޕްލޭންގައި ހިމަނާފައިވެއެވެ.

އަދި ސަފާރީ މެރީނާ އާއި ސްޕީޑް ބޯޓް މެރިނާއެއް ވެސް ގާއިމު ކުރުމަށް ހަމަޖެހިފައިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !