ޒަކާތް ހައުސްއިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރު ޖޫން މަހުގެ ނިޔަލަށް ޒަކާތު ފަންޑުން 590 މީހަކަށް ބޭސްފަރުވާ ކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މި މުއްދަތުގައި ބޭސްފަރުވާއަށް ޖުމްލަ 8.4 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެއެވެ.
ޒަކާތު ފަންޑަކީ ރާއްޖޭގައި އިސްލާމީ ޝަރީއަތާ އެއްގޮތްވާ ގޮތުގެ މަތިން ޒަކާތުގެ މުދާ އެއްކޮށް، އެކަމަށް ހައްގުވާ ފަރާތްތަކަށް ބެހުމުގެ މަސައްކަތް ކުރަމުންދާ މުއައްސަސާއެކެވެ. މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް، ހޮސްޕިޓަލްތަކުގައި ބޭސްފަރުވާ ހޯދުމަށް ދަތިކަން ކުރިމަތިވެފައިވާ ގިނަ އަދަދެއްގެ ބަޔަކަށް ޒަކާތު ފަންޑުން ވަނީ އެހީތެރިވެފައެވެ.
ޒަކާތު ފަންޑުން ހާމަކޮށްފައިވާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ބޭސްފަރުވާއަށް ހަރަދުކުރި އެންމެ ބޮޑު ބައި ހިއްސާކުރަނީ ކެންސަރު ބައްޔަށް ފަރުވާ ކުރުމަށެވެ. އެގޮތުން ކެންސަރަށް ފަރުވާ ހޯދުމަށް 2.3 މިލިޔަން ރުފިޔާގެ އެހީ ވަނީ ދޫކޮށްފައެވެ. މިއީ ފަގީރުންނާއި މިސްކީނުންގެ ތެރެއިން ބަލިމަޑުކަމުގައި ތިބި މީހުންނަށް ދެމުންދާ ވަރަށް މުހިންމު އެހީއެކެވެ.
މި މުއްދަތުގައި ބޭސްފަރުވާއަށް ކޮށްފައިވާ ހަރަދުތައް ތަފްސީލަށް ބަލާލާއިރު:
- ޖެނުއަރީ މަހު: 7.6 ލައްކަ ރުފިޔާ
- ފެބްރުއަރީ މަހު: 7.5 ލައްކަ ރުފިޔާ
- މާރިޗު މަހު: 8.4 ލައްކަ ރުފިޔާ
- އޭޕްރީލް މަހު: 1.1 މިލިޔަން ރުފިޔާ
- މެއި މަހު: 3.9 މިލިޔަން ރުފިޔާ
- ޖޫން މަހު: 1.1 މިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
ހާއްސަކޮށް މެއި މަހު ބޮޑު އަދަދެއްގެ ފައިސާ ބޭސްފަރުވާއަށް ހަރަދުކުރެވިފައިވާކަން ތަފާސްހިސާބުތަކުން ފާހަގަވެއެވެ.
ބޭސްފަރުވާއަށް ދިނުމުގެ އިތުރުން، ޒަކާތު ފަންޑުން އަންނަނީ އިސްލާމީ ޝަރީޢަތުގައި ބަޔާންވެގެންވާ ޒަކާތުގެ އެހެނިހެން ބައިތަކުންވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިދިޔަ ހަ މަސް ދުވަހު ފަގީރުންނާއި މިސްކީނުންގެ ބައިން ޒަރޫރީ އެހީގެ ގޮތުގައި 110,000 ވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި ޒަކާތުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ އާމިލުންގެ ބައިން 4.2 މިލިޔަން ރުފިޔާ ޒަކާތު ފަންޑުން ހަރަދުކޮށްފައިވެއެވެ.
މީގެ އިތުރުން ފީސަބީލިﷲ ބައިން ގުރުއާން ހިތުދަސްކުރުމާއި ގުރުއާންގެ އިލްމު ފެތުރުމަށްޓަކައި 2.3 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ދީނީ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށްވެސް 1.66 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަމަށް ޒަކާތު ފަންޑުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ.
ޒަކާތު ހައުސްއިން ކުރާ މައިގަނޑު ކަންތައްތަކަކީ ޒަކާތުގެ ކަންކަން އިތުރަށް ހަރުދަނާކޮށް އައު ހަރުފަތަކަށް ގެންދިޔުމާއި ޒަކާތުގެ އިލްމު ފެތުރުމާއި ޒަކާތުގެ ހުކުމްތަކާ މެދު އާންމުން ހޭލުންތެރިކުރުވުމެވެ. އަދި ޒަކާތް އަދާކުރާ މިންވަރު އިތުރުކޮށް، ޒަކާތު ފަންޑު ގުނަކޮށް ރާއްޖެއިން ފަގީރުކަން ނައްތާލުމަށް މަސައްކަތް ކުރާނެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތައް ދަމަހައްޓައި ދިވެހިން އިސްލާމްދީނަށް ލޯބި ޖައްސައި ދީނަށް އަހުލުވެރިކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ކުރާ މަސައްކަތްތަކަށާއި ހިންގާ ތަފާތު އެކިއެކި ޕްރޮގްރާމްތަކަށްވެސް ޒަކާތު ހައުސްއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ޚިޔާލުތައް