ޖާގައިގެން ދަތިކަން އިންތިހާއަށް ބޮޑު، ގއ. ދެއްވަދޫ ބަނދަރު ތަރައްގީ ކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިކް ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، އަހުމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފްއެވެ. އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކޮށްފައިވަނީ ސްޓޭޓް މިނިސްޓަރު، ހަސަން ރަޝީދުއެވެ.
މި މަޝްރޫއުގައި 60،672 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ފަޅު ފުންކުރުމާއި، 95،194 ކިއުބިކް މީޓަރުގެ ސަރަހައްދަކަށް ވެލިއެޅުމާއި، 29 މީޓަރުގެ ބޭރު ތޮއްޓެއްލުމާއި، 407 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި، 1،256 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 20 މީޓަރު ދިގު 2 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 1،980 އަކަ މީޓަރުގެ ޕޭވްމެންޓެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫއަކީ 103.09 މިލިއަން ރުފިޔާއަށް 630 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
1،400 މީހުންގެ އާބާދީއެއް ހިމެނޭ ދެއްވަދޫ ރައްޔިތުން އާންމުކޮށް މަސައްކަތް ކުރަނީ މަސްވެރިކަމުގެ ދާއިރާގެއެވެ. އެގޮތުން ކަނޑުމަހުގެ މަސްވެރިކަން ކުރާ 12 ދޯނި ރަށުގައި މިހާރު ވެސް އޮންނައިރު، މިހާރު އެރަށު ރައްޔިތުންނަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ބަނދަރުން ޖާގަ ހޯދުމުގެ ދަތިކަމެވެ. ދެއްވަދޫ ބަނދަރުގެ ޖާގަ ކުޑަވުމާއެކު، މަސްދޯނިފަހަރާއި މުދާ އުފުލާ ބޯޑުތަކާއި، ލޯންޗުތަކާއި އަދި ޑިންގީތައް ބަނދަރުގައި އަޅާފައި ބޭއްވުމުން ބަނދަރު އޮންނަނީ އެއްކޮށް ފުރި، ތޮއްޖެހިފައެވެ.
މި މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، ޖާގަ ތަނަވަސް ބަނދަރެއް ރަށު ރައްޔިތުންނަށް ލިބިގެންދާނެއެވެ.



ޚިޔާލުތައް