ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޔާޒް މަންސޫރު އިސްތިއުފާ ދެއްވައިފިއެވެ.
އެޗްޑީސީން މިއަދު “އެކްސް” ގައި ކުރި ޕޯސްޓެއްގައިވަނީ ފަޔާޒް އެ މަގާމުގައި ހުންނެވިއިރު ކުރެއްވި ހިދުމަތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.
“ފަޔާޒް މަންސޫރަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން، އަޅުގަނޑުމެންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން، ވަރަށް ރަނގަޅު ލީޑަޝިޕެއް، އަދި ވަރަށް ހާއްސަ ހިދުމަތެއް ކޮށްދެއްވިކަމަށްޓަކައި. ކުރިއަށް އޮތް ތަނުގައި ވެސް ކާމިޔާބީއަށް އެދެން” އެޗްޑީސީން ކުރި ޕޯސްޓުގައިވެއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަންކުރެއްވި މައުރޫފް ވަނީ، އެ މަގާމަށް އައްޔަންކުރިތާ ހަ މަސް ފަހުން ރިޓަޔާކުރައްވަން ނިންމަވައިފައެވެ. ނަމަވެސް ރިޓަޔާކުރެއްވުމުގެ ކުރިން އޭނާ މިވަނީ އިސްތިއުފާ ދެއްވާފައެވެ.
ފަޔާޒަކީ އިމާރާތްކުރުމުގެ ދާއިރާއަށް ޚާއްސަ އާކިޓެކްޓެކެވެ. އޭނާ ވަނީ 1996ވަނަ އަހަރު، އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީއިން ކުއަންޓިޓީ ސާވެއިންއިން ޑިގްރީ ހާސިލްކުރައްވައިފައެވެ. އަދި 2000ވަނަ އަހަރު، ނިއު ޒިލޭންޑުގެ ވިކްޓޯރިއާ ޔުނިވާސިޓީ އޮފް ވެލިންގްޓަނުން ބިލްޑިން ސައިންސުން މާސްޓާޒް ހާސިލްކުރައްވައިފައެވެ.
ފަޔާޒް މަންސޫރު އިސްތިއުފާ ދެއްވާފައިވާއިރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރު މިހާރު ވަނީ އައްޔަން ކުރައްވައިފައެވެ.



ޚިޔާލުތައް