ކީރިތި ޤުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން ޖުލައި މަހުން ފެށިގެން ރައީސުލްޖުމުހޫރިއްޔާގެ ވަޢުދާ އެއްގޮތައް ހާފިޒުންގެ އެލަވަންސް ވަނީ ބޮޑު ކޮށް މިއަދުން ފެށިގެން ޖަމާކުރަން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ސަރުކާރުން ދެމުން ދިޔަ 2 ހާސް ރުފިޔާގެ އެލަވަންސްވަނީ 4 ހާސްރުފިޔާއަށް ބަދަލުކޮށްފަވާ ކަމަށާއި، މިއަދު ވަނީ ހާފިޒުންނަށް އެލަވަން ބޮޑުވެ ޖަމާކުރަން ފަށާފައިވާ ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި ވަޢުދުވެޑައިގެންފައިވާ ފަދައިން، މި އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ޙާފިޒުންނަށް ދޭ އެލަވަންސް ދެ ގުނައަށް އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވާ އެކަން އިޢުލާންކުރައްވީ މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ.
‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި އެކަން ހާމަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެ ނިންމުން ނިންމަވާފައިވަނީ، ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައިކަމަށެވެ. ޙާފިޒުން ތަމްރީންކުރުމާއި ޙާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރުކުރުމަކީ ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމުގައި ނުހަނު މުހިއްމު ކަމެއްކަމުގައިވެސް އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ކީރިތި ޤުރުއާނުގެ ޢިލްމާއި ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދެއްވާ ކަމެކެވެ. މިކަންކަމަށް ބޭނުންވާ މާލީ ތަނަވަސްކަން އިތުރުކުރެއްވުމުގެ ގޮތުން، ވަޤުފް ޢިމާރާތްތައް ބިނާކުރެއްވުމުގެ މަސައްކަތްވެސް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.
ޙާފިޒުންނަށް ސަރުކާރުން ދޭ އެލަވަންސް ދެ ގުނައަށް އިތުރުކުރުމަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ.
ޚިޔާލުތައް