ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަކިކޮށްފިއެވެ.
ޝުޖާއު އެ ކޮމިޓީން ވަކޮކޮށްފައި މިވަނީ، އޭނާގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ހިންގާފައިވާ ބައެއް މުއާމަލާތްތަކަކާ ގުޅޭ ގޮތުން މަރުކަޒީ ބޭންކު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް، އެފްއައިޔޫ އިން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓުގެ މައްސަލަ ފުލުހުން ބަލަމުންދަނިކޮށެވެ.
މިއަދު ރައްޔިތުންގެ މަޖިލީހު ޖަލްސާގައި މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މާލިއްޔަތު ކޮމެޓީގައި އިންނެވި ޝުޖާއުގެ ބަދަލުގައި ގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަނާން މުހައްމަދު ރަޝީދު ހަމަޖައްސާފައިވާ ކަމަށެވެ.
އަދި ގައުމީ ތަރައްގީ އާއި ތަރިކަ ކޮމެޓީގައި އިންނެވި ޕީއެންސީގެ މެންބަރު އިބްރާހިމް ދީދީގެ ބަދަލުގައި އެ ކޮމެޓީއަށް ޝުޖާއު ހަމަޖައްސަވާފައިވާ ކަމަށް ވެސް އަބްދުއްރަހީމް އިއުލާނުކުރެއްވިއެވެ.
މާލިއްޔަތު ކޮމިޓީން ޝުޖާއު ވަކިކުރިއިރުގައި ވަކި ސަބަބެއް ޕީއެންސީން ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް ސިފައިންގެ ވެލްފެއާ ކޯޕަރޭޓިވް (ސިވެކް) މެދުވެރިކޮށް ޝުޖާއަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި ގޮތުގެ ތަފުސީލުތައް ހިމެނޭ އެފްއައިޔޫގެ ރިޕޯޓު މި ފަހުން ވަނީ މީސްމީޑިއާގައި ލީކުކޮށްލައިފައެވެ.
އެ ރިޕޯޓުގައިވާ ގޮތުން ޝުޖާއުގެ އޮފިޝަލް އިވެންޓްސްއާއެކު އިތުރު ހަތަރު ކުންފުންޏަކުން ވަނީ މުއާމަލާތްކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ސްވޯން ފެމިލީ އާއި ސްޓޯ ޕްރޯސް ޓްރޭޑިން އާއި ކުއިކް ޝުއާ އަދި ޑީކިއު ހޯލްޑިންސްއެވެ. އަދި އެ ރިޕޯޓު ތައްޔާރުކުރީ އޭގައި ބުނާ ގޮތުން ޝުޖާއުގެ އިތުރުން އޭނާގެ އާއިލާއާ ގުޅުން އޮންނަ ބައެއް ކަމަށްވާ މުހައްމަދު ނާފިޒާއި އަހުމަދު އަދުހަމްއާ ބެހޭ ގޮތުންނެވެ.
މީގެ ތެރެއިން ނާފިޒަކީ ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެކެވެ. އަދުހަމަކީ އޮފިޝަލް އިވެންޓުގެ އެއް ހިއްސާދާރެވެ. އަދުހަމް ގެންދަވަނީ ޕީއެސްއެމްގެ ބޯޑުގެ މެމްބަރުކަން ވެސް ކުރައްވަމުންނެވެ.
ލީކުވެފައިވާ ރިޕޯޓުގައި ވަނީ ނޮވެންބަރު އެކެއް، 2023 އިން ފެށިގެން ޖަނަވަރީ 10، 2024ގެ ނިޔަލަށް ހިނގާފައިވާ މުއާމަލާތްތަކެކެވެ.
އެ ގޮތުން، ނޮވެންބަރު 17، 2023 ގައި ރައީސް ކަމުގެ ހުވާކުރައްވަން ބޭއްވި ރަސްމިއްޔާތާ ބެހޭ މުއާމަލާތް ވެސް ހިމެނެއެވެ. އެ ރަސްމިއްޔާތުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިޔައީ މަޖިލީހުގެ އިދާރާއިންނެވެ. ލީކުވެފައިވާ ރިޕޯޓުގައި ވާގޮތުން މަޖިލީހުން ސިވެކްއާ އެ މަސައްކަތް ހަވާލުކުރީ 23 މިލިއަން ރުފިޔާއަށެވެ. އޭގެ ތެރެއިން 19 މިލިއަން ރުފިޔާ ވަނީ ތިން ކުންފުންޏަކަށް ޖަމާކޮށްފައެވެ. އެއީ:
- ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސްއަށް 13 މިލިއަން ރުފިޔާ
- ޑީޖީ ހޯލްޑިންސްއަށް ހަތަރު މިލިއަން ރުފިޔާ
- ޝުޖާއުގެ ދެބެއިންގެ ދެދަރި ކޮއްކޮ މުހައްމަދު ނާފިޒްގެ ކުއިކް ޝުއާއަށް 2.3 މިލިއަން ރުފިޔާ
ރިޕޯޓުގައި ވާގޮތުން އޮފިޝަލް އިވެންޓްސްއަށް ލިބުނު ފައިސާގެ ތެރެއިން އަށް މިލިއަން ރުފިޔާ ޚަރަދުކުރީ އެ ކުންފުނީގެ ދެ ހިއްސާދާރުން ކަމަށްވާ ޝުޖާއާއި ދައުލަތުގެ މީޑިއާގެ ބޯޑް މެންބަރެއް ކަމަށްވާ އަހުމަދު އަދުހަމަށް ރެއިންބޯއިން ދެ ލަގްޒަރީ އެޕާޓްމަންޓް ގަންނާށެވެ. އެއީ، ޖުމުލަ 20 މިލިއަން ރުފިޔާގެ އެޕާޓްމަންޓްތަކެއް ކަމަށް ރިޕޯޓުގައިވެއެވެ.
މީގެ އިތުރުން، ނޮވެންބަރު ދޭއް، 2022 އިން ފެށިގެން ނޮވެންބަރު ހަތެއް، 2023 އާ ހަމައަށް ކުއިކް ޝުއާއަށް މާލޭ ސިޓީ ކައުންސިލުން ވެސް 10.5 މިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ. އެއީ، އެކި މަސައްކަތްތަކުގެ އަގުގެ ގޮތުގައެވެ. އޭރު ޝުޖާ ހުންނެވީ ކައުންސިލްގެ ހުޅުމާލޭ މެންބަރެއްގެ ގޮތުގައެވެ.
ރިޕޯޓުގައި ވާގޮތުން މި ސަރުކާރުގައި ވެސް އެކި ކުންފުނިތަކާއި ސަރުކާރުން ވަނީ ގިނަ އަދަދެއްގެ ފައިސާ އޮފިޝަލް އިވެންޓްސްއަށް ޖަމާކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ޝުޖާއު ވަނީ ވަނީ، އޭނާގެ ހިއްސާ އޮންނަ އެއްވެސް ކުންފުންޏަކާ ގުޅޭގޮތުން މިއަދާ ހަމައަށް ވެސް އަދި ދުވަހަކު ވެސް އެއްވެސް އިދާރާއަކުން އެއްވެސް ކަމެއް ސާފުކޮށް އެއްވެސް މައްސަލައެއް ބަލާފައި ނުވާކަމަށް ހާމަކުރައްވާފައެވެ. އަދި ބަލަންޖެހޭ މައްސަލައެއް ނުވެސް އޮންނާނެ ކަމަށް ވިދާޅުވެފައިވެއެވެ.
އެފަދަ ހަގީގަތެއް ނެތް ކަންކަމުގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައަކުން ސިޔާސީ މަސައްކަތް ހުއްޓޭނެ ކަމަށް ދެކުމަކީ މޮޔަ ކަމެއް ކަމަށް ވެސް ޝުޖާއު ވަނީ ވިދާޅުވެފައެވެ.
ޝުޖާއު އެހެން ވިދާޅުވެފައިވަނިކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފައިވަނީ ، ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ހިންގާފައިވާ ބައެއް މުއާމަލާތްތަކަކާ ގުޅޭ މައްސަލަ އެ ކޮމިޝަނުން ބަލަމުންދާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އެހެންނަމަވެސް، އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް އޭސީސީން ހާމަކޮށްފައެއް ނުވެ އެވެ.
ޚިޔާލުތައް