A wide advertisement which will be shown on all devices. (700 x 100)

ސަރުކާރުން ‘ޕޭމަންޓް މޯލްޑިވްސް’ގެ ނަމުގައި ކުންފުންޏެއް އުފެއްދުމަށް މަޖިލީހަށް ބިލެއް ހުށަހަޅައިފި

ރާއްޖޭގެ މުއާމަލާތުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، “ޕޭމަންޓް މޯލްޑިވްސް” ނަމުގައި ކުންފުންޏެއް އުފެއްދުމުގެ މަގުފަހިކޮށްދިނުމަށް، ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މަކުނުދޫ ދާއިރާގެ ޕީއެންސީ މެންބަރު އާދަމް ޝަފީގްއެވެ.

މި އިސްލާހުގެ މައިގަނޑު މަގުސަދަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ޕޭމަންޓު ސިސްޓަމްތައް ހިންގުމަށާއި ޕޭމަންޓު ހިދުމަތްތައް ދިނުމަށްޓަކައި ކުންފުންޏާއި އެނޫން ވެސް ގާނުނީ ޝަހުސުތައް އުފެއްދުމުގެ ބާރު ދިނުމެވެ. އެގޮތުން، އެމްއެމްއޭއަށް ޕޭމަންޓް ސިސްޓަމެއް ހިންގުމަށްޓަކައި ނުވަތަ ޕޭމަންޓް ހިދުމަތެއް ދިނުމަށްޓަކައި ހިއްސާދާރެއްގެ ނުވަތަ ޕާޓްނަރެއްގެ ހައިސިއްޔަތުން ނުވަތަ އެހެންވެސް ހައިސިއްޔަތަކުން ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕެއް ނުވަތަ ޖޮއިންޓް ވެންޗާއެއް އުފެއްދުމުގެ ބާރު ލިބިދޭނެއެވެ. ނުވަތަ އެފަދައިން އުފައްދާފައިވާ ކުންފުންޏެއްގެ ނުވަތަ ޖޮއިންޓްވެންޗާއެއްގެ ހިއްސާދާރާކަށް ނުވަތަ ޕާޓްނާޝިޕެއްގެ ބައިވެރިއަކަށް ވެވިދާނެއެވެ.

މި ބިލުގައި ވަނީ ޕޭމަންޓު ހިދުމަތްތައް ސޮލިސިޓް ކުރުން މަނާކޮށް އަދަބު ކަނޑައެޅުމާބެހޭ އުސޫލުތައް ވެސް ހިމަނާފައެވެ. ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުން ބެންކުތަކާއި ލައިސެންސް ނެތި ނުވަތަ ހުއްދަނެތި އާންމު އުސޫލުން ދެވޭނެ ޕޭމަންޓު ހިދުމަތް ފިޔަވައި އެހެން ފަރާތްތަކުން ރާއްޖޭގައި ނުވަތަ އެހެން ތަނެއްގައި އެ ފަރާތެއް އަމިއްލައަށް ނުވަތަ ރާއްޖޭގެ އެހެން ތަނެއްގައިވާ ފަރާތެއް މެދުވެރިކޮށް ޕޭމަންޓު ހިދުމަތެއް ސޮލިސިޓް ނުކުރެވޭނެއެވެ. އަދި ރާއްޖޭގައި ޕޭމަންޓު ސިސްޓަމެއް ހިންގާ އެއްވެސް ފަރާތަކުން ރާއްޖެއިން ބޭރުގެ ފަރާތެއްގެ ފަރާތުން ޕޭމަންޓު ހިދުމަތެއް ސޮލިސިޓް ނުކުރެވޭނެ ކަމަށް ވެސް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

މިއިން ކަމެއް ކޮށްފިނަމަ، އެފަރާތެއް އެއް ލައްކަ ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު އެމްއެމްއޭއަށް ލިބިދޭނެއެވެ. މީގެ އިތުރުން ޕޭމަންޓު ހިދުމަތެއް ސޮލިސިޓް ކުރުން ކަމުގައި ބެލެވޭނެ ވަކިވަކި ކަންކަން ކަނޑައެޅުމުގެ ބާރު ވެސް އެމްއެމްއޭއަށް މި ގާނޫނުގެ ދަށުން ލިބިދޭނެއެވެ. މި އިސްލާހަށް އަމަލުކުރަން ފަށާނީ ގާނޫނު ފާސްވެ، ތަސްދީގުކޮށް ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

ރާއްޖޭގެ ވިޔަފާރިވެރިންނަށް ރާއްޖެއިން ބޭރުގެ ޕޭމަންޓް މެތަޑުތައް ބޭނުން ކުރެވޭ ގޮތް ހަމަޖައްސައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް މައްސަލައެއް ހުށަހެޅުއްވުމުން، އެ ސިޓީގެ ޖަވާބުގައި އެމްއެމްއޭއިން ވަނީ ރާއްޖޭގައި ޕޭމަންޓް ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހާމަކޮށްފައެވެ.

އެމްއެމްއޭއިން ބުނީ އެ އިދާރާއިން ވަނީ 2023 ވަނަ އަހަރުގެ ތެރޭގައި “ފަވަރަ” ތައާރަފުކޮށްފައި ކަމަށެވެ. އަދި މިހާރު އެމްއެމްއޭއިން ދަނީ “ޕޭމެންޓް މޯލްޑިވްސް” ނަމުގައި އާ ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރަމުން ކަމަށާއި، އެ ކުންފުނީގެ މަގުސަދަކީ ވެސް ރާއްޖޭގައި ޕޭމަންޓް މެތަޑުގެ ކަންކަން ހަރުދަނާކޮށް ރަނގަޅު ކުރުން ކަމަށެވެ. “ޕޭމަންޓް މޯލްޑިވްސް” ހިންގާނީ ވަކި މެނޭޖުމެންޓެއްގެ ދަށުން ކަމަށާއި، އެމްއެމްއޭގެ މަސްއޫލިއްޔަތުތަކާ ވެސް މުޅިން ވަކިން ކަމަށް އޭރު ވަނީ ބުނެފައެވެ.

ޕޭމަންޓު ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތުގެ ތެރެއިން، ފަވަރަ އާއި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގުޅާލަން މިދިޔަ މަހު ވަނީ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !