ދުންފަތުގެ އިސްތިއުމާލުކުރުން މުޅިން ހުއްޓާލާ ރަށްތަކުގެ ހުރިހާ ރައްޔިތުންނަށް ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ސާވޭއެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ފަށައިފިއެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދުންފަތުގެ އިސްތިއުމާލާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން، ދުންފަތް އެއްގޮތަކަށް ވެސް ބޭނުން ނުކުރާ ރަށްތަކެއް ކަނޑައެޅުމަށް ކުރާ ދިރާސާއެއްގެ ބައެކެވެ.
މި ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތަކީ ދުންފަތުގެ ބޭނުންކުރުން ހުއްޓުވުމެވެ. މިގޮތުން، ދުންފަތް އެއްގޮތަކަށް ވެސް ބޭނުން ނުކުރާ ރަށްތައް ކަނޑައެޅުމާ ބެހޭ ދިރާސާއެއް ހަދަން ކަމާބެހޭ އިދާރާތަކުގައި ރައީސް މުއިއްޒު އެދިވަޑައިގަތީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. އެ ދިރާސާގެ މައިގަނޑު މަގުސަދަކީ ދުންފަތުގެ އިސްތިއުމާލުން އެއްކޮށް ދުރުހެލިވާ ރަށްތައް ބިނާކޮށް، އެފަދަ ރަށްތަކަށް ހިތްވަރުދީ، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމެވެ.
ރައީސްގެ އެދިވަޑައިގަތުމަށް ދިރާސާ ކުރިއަށްގެންދިޔުމަށްޓަކައި، ހިޔާލު ހޯދުމުގެ މި ސާވޭ އެޗްޕީއޭ އިން ފަށާފައި ވަނީ ދިވެހި އަދި އިނގިރޭސި ދެ ބަހުންނެވެ. އެޗްޕީއޭ އިން ވިދާޅުވި ގޮތުގައި، މި ސާވޭގެ މައިގަނޑު މަގުސަދަކީ ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ އެންމެންނަށް ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭގޮތުން ވީހާވެސް ގިނަ ބަޔަކު ދެކޭ ގޮތް ދެނެގަތުމެވެ. މީގެ އިތުރުން، މިކަމަށް މުޖުތަމައު ހޭލުންތެރިކުރުމާ ގުޅޭ ގޮތުންނާއި އެކަން ތަންފީޒު ކުރުމުގައި ދިމާވާ ގޮންޖެހުންތަކާ މެދު އާންމުން ދެކޭ ގޮތާއި، ރަނގަޅު ކުރަން ފެންނަ ކަންތައްތައް ވެސް މި ސާވޭ މެދުވެރިކޮށް ދެނެގަނެވޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ވިދާޅުވެފައެވެ.
މި ސާވޭގައި އާންމުންގެ ހިޔާލު ހޯދުމަށް ހިމެނޭ މުހިންމު ސުވާލުތަކުގެ ތެރޭގައި، ދުންފަތުގެ އިސްތިއުމާލް ކުރުން މުޅިން ހުއްޓާލާ ރަށްތަކުގެ ހުރިހާ ރައްޔިތުންނަށް ފައިސާގެ އިނާމު ދިނުމަކީ ކިހާ އިންސާފުވެރި ކަމެއްތޯ، އަދި މިކަމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިމެނެއެވެ. މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލު ކުރުން މުޅިން ހުއްޓާލާފައިވާ ރަށެއް ކަމަށް ކަނޑައަޅާނީ ކިހާ ދުވަހަކުންތޯއާއި، ޖެނެރޭޝަނަލް ބޭން (އެއް ކަނޑައެޅިފައިވާ އަހަރަށްފަހު އުފަންވާ މީހުންނަށް ދުންފަތުގެ ބޭނުން މަނާކުރުން) އާ މެދު ދެކޭގޮތް ވެސް ސާވޭގައި ހިމަނާފައިވެއެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުން މުޅިން ހުއްޓާލާފައިވާ ރަށެއްގައި އެ އަމަލުކުރާނަމަ އަދަބު ދިނުމާ މެދު ދެކޭ ގޮތް ވެސް ސާވޭގައި ސުވާލުކޮށްފައިވެއެވެ.
ދުންފަތުގެ ބޭނުން ހުއްޓުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން އަދި ވިއްކުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން، ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކޮށް، ނުރައްކާ އަންގައިދޭ ލޭބަލް ނުޖަހާ ނަމަ އެ ތަކެތި އެތެރެކުރުން ވެސް ވަނީ މަނާކޮށްފައެވެ.
ޚިޔާލުތައް