ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވަން ސަރުކާރުގެ ފަރާތުން މާލީ އެހީތެރިކަންދިނުމަށް އުފައްދާ، ޓޫރިޒަމް ޓްރަސްޓް ފަންޑާ ބެހޭ ގަވާއިދު މިއަދު އާންމުކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ ޓޫރިޒަމް ޓްރަސްޓް ފަންޑެއް އެކުލަވާލުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ފެންވަރު ދަމަހައްޓައި، އެ ސިނާއަތުގެ ފައިދާ ދެމެހެއްޓެނިވި ގޮތުގައި ލިބޭނޭ ގޮތް މަގުފަހިކުރުމަށް ސަރުކާރުން އެޅި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
އެ ފަންޑުގެ މައިގަނޑު މަސްއޫލިއްޔަތަކީ ފަތުރުވެރިކަމުގެ ދާއިރާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު އެފަދަ އެހީތައް ޒިންމާދާރުގޮތެއްގައި އަމާނާތްތެރިކަމާއެކު ބެލެހެއްޓުމުގެ ނިޒާމެއް ގާއިމުކުރުމެވެ. އަދި ފަންޑުގެ ގޮތުގައި ސަރުކާރަށް ލިބޭ ފައިސާ ޚަރަދުކުރާނެ ގޮތާއި، އެހެނިހެން ކަންކަމުގައި ފައިސާއާމެދު އަމަލުކުރާނެ ގޮތް، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ނިންމުމެވެ.
ގަވާއިދުގައިވާ ގޮތުން ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ރައުސްމާލު ބަހާފައި ވަނީ ހަތަރު ބަޔަކަށެވެ.
އެ ބައިތަކަކީ:
- ޓޫރިޒަމް މިނިސްޓްރީން ހިންގާ ޓޫރިޒަމްގެ ހަރަކާތްތަކަށް ރާއްޖެ އާއި ރާއްޖެ އިން ބޭރުން ލިބޭ ސްޕޮންސަޝިޕް ފައިސާ އާއި އެ ނޫން ވެސް ފައިސާ.
- ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ސީއެސްއާރުގެ ގޮތުގައި ފަންޑަށް ދޭ ފައިސާ.
- ފަންޑުން އުފައްދާ އިންވެސްޓްމަންޓުތަކުން ލިބޭ ފައިސާ.
- އާންމުކޮށް އިއުލާނުކޮށްގެން ހުޅުވާ ބީލަންތަކުގައި ތަމްރީނުތަކަށް ދޭ ފައިސާ.
މިނިސްޓްރީން ގެޒެޓުކުރި ގަވައިދު ބުނާގޮތުން އެ ފަންޑު ހިންގާނީ ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓާ އެއްގޮތަށް، ޓްރަސްޓް ފަންޑު ހިންގާ ކޮމިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓްރީންނެވެ. އަދި ފަންޑު ހިންގަންވާނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ކަމާބެހޭ އެހެނިހެން ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެހެނިހެން ފަންޑުތަކާ ވަކިން ކަމަށް އެ ގަވައިދުގައި ވަނީ ބުނެފައެވެ.
އަދި ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ހިންގާ ކޮމިޓީއެއް އެކުލަވައިލަން ޖެހޭނީ މިނިސްޓްރީންނެވެ. އެ ކޮމިޓީގައި ހިމެނޭނީ މިނިސްޓަރު ކަނޑައަޅައި، އައްޔަނުކުރާ ހަތް މެންބަރެކެވެ.
އެ ހަތް މެންބަރުން ހިމެނޭ ދާއިރާތަކަކީ:
- ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
- ޓޫރިޒަމް މިނިސްޓްރީ
- ފިނޭންސް މިނިސްޓްރީ
- އިކޮނޮމިކް މިނިސްޓްރީ
- ބަންޑާރަނައިބުގެ އޮފީސް
- ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ
- މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މި ކޮމިޓީއަށް މެންބަރުން އައްޔަނުކުރެވޭނީ ފަސް އަހަރުދުވަހުގެ މުއްދަތަކަށެވެ. މި ހަތް އިދާރާއިން ކޮންމެ އިދާރާއަކުން މެންބަރަކު އައްޔަނުކުރަންޖެހޭނެއެވެ. އަދި ކޮމިޓީގެ ޗެއާޕާސަންގެ މަސްއޫލިއްޔަތު އަދާކުރާނީ ޓޫރިޒަމް މިނިސްޓަރު ކަމަށާއި، ކޮމިޓީގެ އިދާރީ މަސައްކަތަށް މިނިސްޓްރީގެ ފަރާތުން ސެކްރެޓޭރިއަޓެއް ބަހައްޓަންވާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ގަވާއިދުގައިވާ ގޮތުން ކޮންމެ އަހަރެއްގެ އަހަރީ ރިޕޯޓާއި މާލީ ހިސާބުތަކުގެ ރިޕޯޓު އެ އަހަރެއް ނިމޭތާ ތިން މަސް ދުވަހުގެ ތެރޭގައި ރައީސަށާއި ރައްޔިތުންގެ މަޖިލިހަށާއި ފިނޭންސް މިނިސްޓްރީ އަށާއި އޮޑިޓަ ޖެނެރަލަށް ޓޫރިޒަމް މިނިސްޓްރީން ހުށަހަޅަން ޖެހެއެވެ. އެ ފަރާތްތަކަށް އެ ރިޕޯޓުތައް ހުށަހަޅާތާ ދެ މަސް ދުވަހުގެ ތެރޭގައި ފަންޑު އޮޑިޓަ ޖެނެރަލް އޮޑިޓްކޮށް، އެ ރިޕޯޓު ރައްޔިތުންގެ މަޖިލިހަށް ވެސް ފޮނުވަން ވާނެކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.
މިނިސްޓްރީން ބުނީ ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ވަސީލަތްތައް ކުރިއަރުވާ ތަރައްގީ ކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި އޭގެތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުންގެ ގާބިލްކަން އިތުރުކުރުމަށް ބޭނުންވާ ތަމްރީނުތަކާއި ތައުލީމީ ޕްރޮގްރާމްތަކަށް އެހީތެރިކަން ދިނުން ހިމެނޭކަމަށެވެ. އަދި މިކަމުގެ ސަބަބުން ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ވަޒީފާގެ ފުރުސަތުތައް ލިބި، ދާއިރާގައި ދިވެހިންގެ ބައިވެރިވުން އިތުރުވާނެކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.



ޚިޔާލުތައް