A wide advertisement which will be shown on all devices. (700 x 100)

ޓެކްސް ނުދައްކާ މީހުން ޖަލަށްލާ ގޮތަށް ގާނޫނަށް އިސްލާހެއް ހުށަހަޅައިފި

ޓެކްސް ދައްކަންޖެހޭ ފަރާތްތަކުން ޓެކްސް ދެއްކުން ދައުލަތަށް ކަށަވަރުކުރުމަށްޓަކައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އިތުރު ބާރުތަކެއް ލިބި، ޓެކްސް ކުށުގެ އަދަބުތައް ވަރުގަދަކުރަން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ގިނަ އިސްލާހުތަކެއް ހުށަހަޅައިފިއެވެ.

މި ބިލު ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލެވެ.

މި ބިލުގެ މައިގަނޑު މަގްސަދަކީ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގައި މީރާގެ ބާރުތައް މުރާޖައާކޮށް، ޓެކްސްއާ ގުޅޭ ކުށާއި ކުށުގެ އަދަބު ބޮޑުކުރުމެވެ.

މި އިސްލާހުތަކުގެ ދަށުން، ޓެކްސް ނުދައްކާ ގަސްތުގައި އެކަމުން ރެކެން މަސައްކަތްކޮށްފިނަމަ އެކުށުގެ އަދަބު ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން މިހާރު ތިން މަހާއި އެއް އަހަރު ދުވަހަށް ގޭބަންދުކުރުމުގެ ބަދަލުގައި، އާ އިސްލާހުގައި ތިން މަހާއި ދެ އަހަރު ދުވަހާ ހަމައަށް ޖަލަށްލެވޭ ގޮތަށް ވަނީ ހިމަނައިފައެވެ. އަދި އެ ދީފައި އޮންނަ މުއްދަތުގައި ޓެކްސް ނުދައްކައިފިނަމަ ހަ މަސް ދުވަހާ ހަމައަށް ގޭބަންދުކުރުމުގެ ޖިނާއީ އަދަބު، 250,000ރ. އާ ހަމައަށް ޖޫރިމަނާ ކުރުމާ އެކު، ހަ މަސް ދުވަހާ ހަމައަށް ޖަލަށް ލެވޭ ގޮތަށް ގާނޫނު އިސްލާހުކުރަން ވަނީ ހުށަހަޅައިފައެވެ.

ޓެކްސް ދައްކަން ދީފައިވާ މުއްދަތު ފަހަނައަޅައި ދާ ދުވަހުން ފެށިގެން ފާއިތުވާ ކޮންމެ ދުވަހަކަށް ނުދައްކާ އޮތް އަދަދަށް ނަގަމުން އަންނަ 0.05 ޕަސެންޓުގެ ޖޫރިމަނާ ދެ ގުނަ ބޮޑުކޮށް، ނުދައްކާ އޮތް އަދަދުގެ 0.1 ޕަސެންޓުގެ ޖޫރިމަނާ ކުރަން ވެސް ބިލުގައި ވަނީ ހިމަނައިފައެވެ.

ޓެކްސް ނުދައްކާ ފަރާތްތަކަށް އަދަބެއްގެ ގޮތުން ދައުލަތުގެ އިދާރާތަކުން ދޭ ހިދުމަތް ހިފެހެއްޓުމާއި ބިންބިމާއި މިލްކިއްޔާތު ހިފެހެއްޓުމާއި ބޭންކު އެކައުންޓު ބެލުމުގެ ބާރާއި ތިން ވަނަ ފަރާތެއްގެ އަތުން އެ ފައިސާ ހޯދުމުގެ އިތުރުން ބޭރު ގައުމެއް ނުވަތަ ސަރަހައްދެއް މެދުވެރިކޮށް އެ ފައިސާ ހޯދުމުގެ ބާރު ވެސް މީރާއަށް ދޭން ވަނީ ހުށަހަޅާފައެވެ.

ބިލުގައިވާ ގޮތުން، ޓްރައިބިއުނަލަށް އިސްތިއުނާފު ހުށަހެޅޭނީ، އިއުތިރާޒު ކުރާ އަދަދުގެ މަދުވެގެން 25 ޕަސެންޓަށްވާ ފައިސާ މީރާ އަށް ދައްކައި، ހަލާސް ކުރުމުން ކަމަށް ބިލުގައި ބަޔާންކޮށްފައި ވެއެވެ. އާ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން، މީރާއަށް ދީފައިވާ އެޑްރެހަށް ނުވަތަ އީމެއިލް އެޑްރެހަށް އެ ނޯޓިހެއް ނުވަތަ ލިޔުމެއް ފޮނުވާ ތާރީހުން ފެށިގެން، އެ ލިޔުން ފޮނުވާ ފަރާތަށް ރައްދުވީ ކަމަށް ބެލެވޭނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !